ޚަބަރު

ކޮވިޑް-19 އާ ގުޅިގެން ގެނައި އޮކްސިޖަން ސިލިންޑަރުތަކުން ވެސް ވައްކަން ކުރިކަން ހާމަވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް-19 ބަލިމަޑުކަން ފެތުރި، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ބޭރުން ރާއްޖެ ގެނައުމަށް ނިންމި މެޑިކަލް އޮކްސިޖަން ސިލިންޑަރުތަކުން ވެސް ވައްކަން ކުރި ކަން ހާމަވެއްޖެއެވެ.

Ads by Sosun Fihaara

އޮކްސިޖަން ސިލިންޑަރުތައް ރާއްޖެ ގެނައުމަށް ހަވާލުކުރީ މޯލްޑިވްސް ގޭސް ކުންފުންޏާއެވެ. ސިލިންޑަރުތައް އެ ކުންފުނިން ގަތީ، އޭ އެންޑް ޖީ އިންޑަސްޓްްރިއަލް ގޭސް ޕްރައިވެޓް ލިމިޓެޑުންނާއި ޕްރޯބިޒް އިމްޕެކްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ)އިން މިހާރު ވަނީ އެ މައްސަލަ ދިރާސާކޮށްފައެވެ. މަޖިލީހަށް އެ ކޮމިޓީން ފޮނުވި ރިޕޯޓުގައި ވަނީ ސިލިންޑަރު ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް މޯލްޑިވް ގޭހަށް ތުހުމަތުކޮށްފައެވެ.

ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މޯލްޑިވް ގޭސް އިން އެ ދެ ކުންފުންޏަށް އޯޑަރު ދިނީ އާ ސިލިންޑަރުތައް ގަތުމަށް ނަމަވެސް އެ ދެ ކުންފުނީގެ ފަރާތުން ފޮނުވާފައި ވަނީ އާ ސިލިންޑަރުތައް ނޫން ކަމަށް ކޮމިޓީއަށް ލިބިފައިވާ ލިޔެކިޔުންތަކުން ކަށަވަރު ވެފައިވާ ކަމަށެވެ.

"ރާއްޖެއަށް ގެނެސްފައިވާ އޮކްސިޖަން ސިލިންޑަރުތައް 'ހައިޑްރޮސްޓޭޓިކް' ޓެސްޓް ހެދިގެން މެނުވީ ބޭނުން ނުކުރެވޭނެ ކަމާއި، އަދި 'ހައިޑްރޮސްޓޭޓިކް' ޓެސްޓު ހެދުމަށް އެތައް ހޭދައެއް ކުރަން ޖެހިފައިވުމުން ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ވެފައިވޭ،" ކޮމިޓީ ރިޕޯޓުގައި ބުނެފައި ވެއެވެ.

މި ސިލިންޑަރުތައް ގެނައުމުން މޯލްޑިވް ގޭހަށް ބޮޑު ގެއްލުމެއް ލިބިފައިވާތީ ގެއްލުމުގެ ބަދަލު ހޯދުމަށް ސިލިންޑަރުތައް ގަތް ދެ ކުންފުންޏާ މަޝްވަރާކޮށް، އެ ފައިސާ ހޯދުމަށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްް މޯލްޑިވްސް ގޭހަށް އެންގުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މި މައްސަލައަކީ އެންޓިކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރަމުން އަންނަ މައްސަލައެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!