އޭލެވެލްގެ އެކި މާއްދާތަކުގެ އިމްތިހާން ކައިރިކައިރީގައި އޮތުމުން ވީއައިއެޗްއެސްއިން އެދެނީ އޮކްޓޫބަރުގައި އިމްތިހާން ހެދުމަށް!
މިމަހު އޮންނަ އޭ-ލެވެލް އިމްތިޙާނުގެ އެކި މާއްދާތައް ކައިރި ކައިރީގައި އޮތުމުން، ދަރިވަރުންނަށް އިމްތިޙާން ހެދުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ޤަބޫލު ކުރާ ކަމަށާއި ސުކޫލުން ބޭނުން ވަނީ އޮކްޓޯބަރ/ނޮވެންބަރ މަހު އިމްތިޙާނުގައި ދަރިވަރުން ބައިވެރިވުމަށް ކަަމަށް ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލްގެ ޕްރިންސިޕަލް އަޙްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އޭ ލެވެލް އިމްތިހާނު ފަށާ ތާރީޚް އެޑެކްސެލްއިން ކުއްލިއަކަށް ވަނީ އަވަސް ކޮށްފައެވެ. އަދި އިމްތިޙާން ބާއްވާ މުއްދަތު ވަނީ ކުރުކޮށްފައެވެ. އިމްތިހާނު ބޭއްވުމަށް އެޑެކްސެލްއިން އެންމެ ފުރަތަމަ ނިންމީ، އަންނަ މެއި/ޖޫން އަށް ނަމަވެސް މިހާރު ވަނީ މި މަހުގެ 26 އަށް އަވަސް ކޮށްފައެވެ.
މިކަމާ ގުޅިގެން މިއަދު "ދެން" އަށް ދެއްވި އިންޓަރވިއުއެއްގައި ސަޢީދު ވިދާޅުވީ، މިމަހު އޮންނަ އޭލެވެލް އިމްތިޙާނަށް މުޤައްރަރު ކަވަރު ކުރެވިފައިވީ ނަަމަވެސް، ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުންނަށް އިމްތިޙާން ދުވަސްވަރު ވެގެން ދާނީ ބުރަ ދުވަސް ވަރަކަށް ކަމަށެވެ. މި ގޮތުން، މުޅި އިމްތިޙާން 2 ހަތްފާއިން ނިންމާލަން ތާވަލް ކުރެވިފައިވުމުން، ބައެއް ދަރިވަރުންނަށް އެއް ދުވަހު އެތައް ޓެސްޓެއް ހަދަން ޖެހޭ ކަމަށް ސަޢީދު ވިދާޅުވިއެވެ.
"ދަރިވަރުން މާއްދާތައް ނަގާ ގޮތުން އެބަޖެހޭ އެއް ދުވަހު 3 އިމްތިޙާން ހަދަން. ހެނދުނު ދަންފަޅީގައި 2 ޓެސްޓް މެންދުރުފަހު 1 ޓެސްޓް. މިގޮތަށް ބްރޭކެއް ނެތި އިމްތިޙާން ހަދަން ޖެހުމަކީ ބުރައަކަށް ވެދާނެ. އަނެއްކާ ރޯދަ މަހު، އެހާ އަވަދިނެތި އުޅެން ޖެހޭ ގޮތަކަށް، ސްޓްރެސް ބޮޑު ގޮތަކަށް އިމްތިޙާން ހެދުމަކީ ބުއްދިވެރި ގޮތެއް ނޫނޭ." ސަޢީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ، އޮކްޓޯބަރު މަހު އިމްތިޙާން ހަދަން ބޭނުންވާ ދަރިވަރުންނަށް އެކަން އެންގުމަށް މިހާރު ފުރުސަތު ދެވިފައިވާނެ ކަމަށާއި ސްކޫލުގައި ދުވަސްކޮޅަކު އިތުރަށް މަޑުކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ރަނގަޅަށް ތައްޔާރުވެގެން އިމްތިޙާން ހަދަން ސުކޫލުން އެދޭ ކަމަށެވެ. އަދި އޮކްޓޯބަރު މަހު އިމްތިޙާން ހަދާ ދަރިވަރުން އިމްތިޙާނާ ހަމައަށް ސުކޫލުން ބަލާނީ އެ ސުކޫލުގެ ދަރިވަރުންގެ ގޮތުގައި ކަމަށާއި އަދި ސުކޫލުން ލިބެން ހުރި ހުރިހާ ވަސީލަތްތަކަކާއި އެހީތެރި ކަމަކާއެކީ ދަރިވަރުން ތައްޔާރު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.
"ދިވެހި އިސްލާމް އޮންނާނީ ޖޫން މަހުގައި. އެހެންވީމަ އޭޕްރީލްގައި އިމްތިޙާން ހެދި ކުދިން، ދިވެހި އިސްލާމް ހެދުމުން ސްކޫލުން ވަކިވާނެ. އޮކްޓޯބަރަށް މަޑު ކުރަން ބޭނުންވާ ކުދިން ހަމަ ސުކޫލު ދަރިވަރުންގެ ގޮތުގައި ސުކޫލުން ލިބޭ ހުރިހާ ވަސީލަތަކާއި އެހީތެރިކަމާއެކީގައި އޮކްޓޯބަރާ ހަމައަށް ސްކޫލުން ކިޔަވައިދޭނެ."
އެޑިޔުކޭޝަނުން ވަނީ ޓޮޕް 10 ހޮވުމުގައްޔާއި ސްކޯލަރޝިޕް ދިނުމުގައި އޮކްޓޯބަރގައި ހަދާ އިމްތިޙާން ނުހިމަނަން ނިންމި ނިންމުން ވަނީ އަނބުރާ ގެންގޮސްފައެވެ. މިކަމާ ގުޅިގެން ސަޢީދު ވިދާޅުވީ އޭ ލެވެލް އިމްތިޙާން އޭޕްރީލްގައި ހަދާ ކުދިންނަށް މިހާރު މާ ބޮޑު އެޑްވާންޓޭޖެއް ނެތް ކަމަށެވެ.
އޭޕްރީލް މަހުގެ އިމްތިޙާނަށް ދަރިވަރުންގެ މުޤައްރަރު ކަވަރު ކުރެވުނު ކަމުގައި ވީނަމަވެސް، އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވިފައިވާކަން ސަޢީދު ފާހަގަ ކުރެއްވިއެވެ. މި ގޮތުން، ކޮވިޑް-19 ގެ ސަބަބުން އައި ލޮކްޑައުންއާއެކު، ސްކޫލަށް ހާޒިރު ނުވެ ދަރިވަރުން އޮންލައިންކޮށް ކިޔަވަން ޖެހުމުން، ކިޔެވުމަށް އަސަރުތަކެއް ކުރިމަތިވިކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. މި ގޮތުން އޭނާ ވިދާޅުވީ، ސުކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުން އޮންލައިން ކްލާސްތަކުން ބަދަލު ނުކުރެވޭނެ ކަމަށާއި ނަމަވެސް ހާލަތު ގޮތުން އޮންލައިންކޮށް ކިޔަވައިދޭން ޖެހުމުން ދަރިވަރުންނަށް ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.
"އަޅުގަނޑުމެން ސްކޫލުން އޮތީ ތައްޔާރަށް. ސްކޫލުން ކުރިން ވެސް ސްޓޫޑެންޓް ޕޯޓަލްއާއި އޮންލައިންކޮށް ކިޔެވޭނެ އިންތިޒާމްތައް ވަނީ ހަމަޖެހިފަ. ޓީޗަރުންނަށް ތަމްރީން ވެސް ވަނީ ދެވިފަ. އެކަމަކު ވިސްނާލަންވީ ކިތައް ދަރިވަރުންގެ އަތުގައިތޯ ލެޕްޓޮޕެއް ހުރީ، ރަނގަޅު އިންޓަރނެޓް ހުރީ. މާލޭގައި އުޅޭ ދަރިވަރުންނަށް ހަމަޖެހިލައިގެން ކިޔެވޭނެ މާހައުލެއް އޮތީ" ޕްރިންސިޕަލް ވިދާޅުވިއެވެ،
އޭ-ލެވެލް އިމްތިޙާން ހެދުމަށް އެޑިއުކޭޝަނުން ދަރިވަރުންނަށް ވަނީ ޗޮއިސްއެއް ދީފައެވެ. އެއީ މިމަހު އޭޕްރީލް މަހު ނުވަތަ އަންނަ އޮކްޓޯބަރު މަހު ހެދުމެވެ.
ބުއްދިވެރި ނަސޭހަތެއް.