މި އަހަރު މިސްކިތްތަކުގައި ތަރާވީޙް ނަމާދު ކުރާނެ

1442 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ތަރާވީޙް ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު މިއަދު ވިދާޅުވީ މި އަހަރުގެ ރޯދަ މަހު މިސްކިތްތަކުގައި ތަރާވީޙް ނަމާދު ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން މިހާރު ނިންމައިފައިވާ ކަމަށެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ ތަރާވީޙް ނަމާދުގެ އިތުރުން ރޯދަ މަހު އަސުރު ނަމާދަށް ފަހު މާލެ ސަރަހައްދުގެ ހަތަރު މިސްކިތެއްގައި ދީނީ ދަރުސްތައް ވެސް ކުރިއަށް ގެންދިއުމަށް ވެސް އިސްލާމިކް މިނިސްޓްރީން ނިންމައި އެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އަދި ރޯދަ މަހުގެ ފަހު ދިހައިގެ ރޭތަކުގައި މިސްކިތު ޖަމާއަތުގައި ދަމު ނަމާދު ވެސް ކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިސްކިތްތަކުގައި ތަރާވީޙް ނަމާދު ނުކުރެވިދާނެ ކަމަށް ބުނެފައެވެ.
ކޮވިޑް-19 އާ ގުޅިގެން ، ފާއިތުވީ 1441 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ތަރާވީޙް ނަމާދު ކޮށްފައެއް ނުވެއެވެ.