ނެގި ހުރިހާ ސާމްޕަލެއް ނައްސިވުމުން މާކުރަތު މޮނީޓަރިންގެ ހާލަތުން ނަގައިފި

ރ. މާކުރަތުން ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ނެގި ހުރިހާ ސާމްޕަލެއް ނައްސިވުމުން އެ ރަށުގައި އިއުލާނު ކޮށްފައިވާ މޮނީޓަރިންގެ ހާލަތު އުވާލައިފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން މިއަދު ބުނީ، މާކުރަތުން ނެގި ހުރިހާ ރޭންޑަމް ސާމްޕަލެއް ނައްސި ވެފައިވާ ކަމަށާއި އެހެންކަމުން އެ ރަށް މިހާރު މޮނީޓަރިންގެ ހާލަތުން ނަގައިފައިވާ ކަމަށެވެ.
މާކުރަތު މޮނީޓަރިންގެ ހާލަތަށް ގެނައީ، އެ ރަށުން ދެ މީހަކު ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން މިދިޔަ މާރޗު މަހުގެ 30 ވަނަ ދުވަހުގައެވެ.
އެ ރަށުން ފައްސިވީ ދެ މީހުންނަކީ ރ. އުނގޫފާރު ކްލަސްޓާއާއި ގުޅުން ހުރި ދެ ކޭސްކަމަށް އެޗްޕީއޭއިން ކުރިން މައުލޫމާތު ދެއްވައިފައި ވެއެވެ.
އުނގޫފާރު ކްލަސްޓާއާ ގުޅިގެން އޭރު އެ ރަށާއި މާކުރަތުގެ އިތުރުން ރ. އަތޮޅު ހުޅުދުއްފާރާއި، މަޑުއްވަރި އަދި އަލިފުށި ވެސް މޮނީޓަރިންގެ ހާލަތަށް ގެނައެވެ. ނަމަވެސް މިހާރު އެ ރަށްތައް ވެސް ވަނީ އާންމު ހާލަތަށް ގެނެސްފައެވެ.
އަލްހަމްދުލިލްލާހި