ދުނިޔެ

އުމުރުން 99 އަހަރުގައި ޕްރިންސް ފިލިޕް އަވަހާރަވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ރާނީ އެލިޒިބަތު 2، ގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެއްޖެއެވެ. އަވަހާރަވިއިރު އޭނާގެ އުމުރުފުޅަކީ 99 އަހަރެވެ.

Ads by WAMCO

ފިލިޕްގެ ހާލުކޮޅު ގޯސްވުމުގެ ސަބަބުން އެމަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ވަނީ ފެބްރުއަރީ 16ގައި، ކިންގް އެޑްވާޑް ދަ ސެވެންތު ހަސްފަތާލުގައެވެ. އަދި އޭގެ ފަހުން ހިތުގެ ބައްޔާ ގުޅޭ ޓެސްޓުތަކެއް ހެދުމަށް، ކާޑިއެކް ކެއާއަށް ހާއްސަ ހޮސްޕިޓަލެއްކަމަށްވާ ސެއިންޓް ބާތޮލޮމިއު ހޮސްޕިޓަލަށް ފިލިޕް ބަދަލުކުރެވުނެވެ.

ބަކިންހަމް ޕެލެސްއިން އޭރު ބުނީ ޕްރިންސްގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށާއި ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ވަނީ ޑޮކްޓަރުގެ އިރުޝާދުގެ މަތިން ރެސްޓު ކުރެއްވުމަށް ކަމަށެވެ.

ރަސްމީ މަސްއޫލިއްޔަތުތަކުން މީގެ ހަތަރު އަހަރު ކުރިން އެކަހެރިވެވަޑައިގެންފައިވާ ޕްރިންސް ފިލިޕަށް ފަހަކަށް އައިސް އެކި ކަހަލަ ސިއްހީ މައްސަލަތައް ކުރިމަތިވެގެން ފަރުވާ ދީފައިވެއެވެ. އެގޮތުން މިދިޔަ އަހަރު އެޕްރީލް މަހު އުނަގަނޑުގެ ސާޖަރީއެއް ވެސް ހަދާފައިވާއިރު، 2012 ގައި މައިދާގައި އިންފެކްޝަން އުފެދިގެން އެތައް ފަހަރަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދިނެވެ.

އަންނަ ޖޫން މަހު 100 އަހަރު ފުރޭ ޕްރިންސް ފިލިޕް ނިޔާވިއިރު އަނނބިކަނބަލުން ރާނީ އެލިޒަބެތަށް 3 ދަރިކަލުންނާއި ދަރިކަނބަލަކު ލިބިވަޑައިގެންފައިވެއެވެ. އެއީ ޕްރިންސް ޗާލްސް. ޕްރިންސެސް އޭން، ޕްރިންސް އެންޑްރިއު އާއި ޕްރިންސް އެޑްވާޑްއެވެ.

ޕްރިންސް ފިލިޕް އަވަހާރަވުމާ ގުޅިގެން ހިތާމަ ފާޅު ކުރުމުގެ ގޮތުން އިނގެރޭސި ވިލާތުގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!