ރީނދޫ ކުލަ ހުރުމުން ޣިޔާސުއްދީން ސުކޫލުގައި ހުރި ދޮންކެޔޮގަނޑެއް ފުލުހުން ގެންގޮސްފި

ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓުލުން ކުރިއަށް ދާ މަރުކަޒެއް ކަމަށްވާ ޣިޔާސުއްދީން ސުކޫލުގައި ހުރި ދޮންކެޔޮ ގަނޑެއްގައި ރީނދޫ ކުލަ ހުރުމުގެ ސަބަބުން ފުލުހުން އެ ދޮންކެޔޮގަނޑު ގެންގޮސްފިއެވެ.
ޣިޔާސުއްދީން ސުކޫލުގައި ބެހެއްޓިފައިވާ ވޯޓު ފޮށްޓަކީ މާފަންނު ދެކުނު ދާއިރާގެ ފޮށްޓަށް ވޯޓުލާ މީހުންނަށާއި، ދ. އަދި ގއ. އަތޮޅު މީހުން ވޯޓު ލުމަށް ޚާއްސަ ކޮށްފައިވާ ފޮށްޓެވެ.
މިއަދު ކުރިއަށްދާ މި އިންތިޚާބުގައި އެކަކު ތަކުރާރުކޮށް ވޯޓްލުމާއި ، ޕާޓީތަކަށް ނިސްބަތް ކުލަތަކުގެ ހެދުން ލައްވައިގެން ޕާޓީތަކުގެ އިސް ބޭފުޅުން ހަރަކާތްތެރިވާ މައްސަލަތަކެއް ވެސް ވަނީ އާންމު ވެފައެވެ.
ވޯޓުލުމުގެ ހައްޤު 273128 ރައްޔިތުންނަށް ލިބިގެންވާއިރު މިހާތަނަށް ތަފާސް ހިސާބުތަކަށް ބަލާއިރު 130,000 އަށް ވުރެ ގިނަ މީހުން ވޯޓު ނުލައި އެބަ ތިއްބެވެ.