މާސްކު އެޅުން މަޖުބޫރު ކުރަން މިދަނީ ވިސްނަމުން: އަމީން
ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާ ގުޅިގެން މާސްކު އެޅުން މަޖުބޫރު ކުރަން ވިސްނަވަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމެއްގައި މިރޭ ވާހަކަދައްކަވަމުން އަމީން ވިދާޅުވީ މާސްކު އެޅުން މަޖުބޫރު ނުކުރަންވީ ސަބަބެއް މިހާރު ނެތް ކަމަށާއި އެކަމާ މެދު ވިސްނަވާނެ ކަމަށެވެ.
އަމީން ވިދާޅުވީ ފައްސވާ މީހުންގެ އަދަދު އިންތިހާ އަށް އިތުރުވަމުންދާ ނަމަ ވަގުތުން ވަގުތަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް ހުންނާނެ ކަމަށާއި އެ ގޮތުން މަޖުބޫރުކުރާ ހާލަތަށް ދާ ކަންކަމުގެ ތެރޭގައި މާސްކު އެޅުން ވެސް ހިމެނިދާނެ ކަމަށެވެ.
"މި ދެންނެވިހެން މާސްކު އެޅުން ވެސް ހަމަ މަޖުބޫރުކުރާ ހާލަތު. އެއީ މަޖުބޫރު ނުކުރަން ޖެހޭ ހާލަތެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން މިހާރު، އިނގޭތޯ؟ އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކޮށްފައި އެކަމަށް އަޅުގަނޑުމެން ގޮތެއް ނިންމާނަން،" އަމީން ވިދާޅުވި އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އައީ ފިޔަވަޅު އެޅުމުގެ ބަދަލުގައި މީހުންނަށް ނަސޭހަތް ދީ ހޭލުންތެރިކުރުވައި ވިސްނައިދީގެން މި ބަލިން ރައްކާތެރިކުރުމުގެ މަސައްކަތް ކަމަށެވެ. އެކަމަކު އުސޫލުތަކަށް ތަބާނުވާ ނަމަ ފިޔަވަޅު އަޅަން މަޖުބޫރުވާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.