ކަތިވަޅިގެއްލި، މަރިޔަނބު ގެއްލި، 2023 ވެސް ގެއްލުމުގެ ކުރިން އިސްލާޙް ކުރަންޖެހޭ: ދިޔާނާ

ވަގުތު ފާއިތު ނުވަނީސް ކަންކަން އިސްލާޙު ކުރުމަށް ގޮވައިލާ ފަދަ މޭރުމަކުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާގެ ފާޑުކިޔުން ސަރުކާރަށް އަމާޒު ވެއްޖެއެވެ.
މީގެ އިރުކޮޅެއް ކުރިން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ކަތިވަޅި ގެއްލި، މަރިޔަނބު ގެއްލި، ދަނޑިކޮށި ގެއްލި، 2023 ވެސް ގެއްލުމުގެ ކުރިން" އިސްލާޙް ކުރަން ޖެހޭ ކަމަށާއި ޤައުމެއް ހިންގެނީ ޢިލްމާއި ތަޖުރިބާއާއި ބުރަ މަސައްކަތުން ކަމަށެވެ.
"ތީނަގެ ބެއްޔާއާއި އޭނަގެ ލޯބިގަނޑާއި މީނަގެ ޖާރިޔާއާއި ކާފަގެ ފުށް މާގަނޑު ލައިގެން ބޮއި ސްޓޯ ވެސް ނުހިންގޭނެ" ދިޔާނާ ވިދާޅުވެފައި ވެއެވެ.
ދިޔާނާގެ މި ބަސްތަކުން ދޭހަ ކޮށްދެނީ ނާގާބިލް މީހުން ސަރުކާރުގެ މަގާމުތަކަށް އިސްކޮށްފައިވާ ކަމަށް ބެލެވެއެވެ.
އިއްޔެގެ ކައުންސިލު އިންތިހާބުގެ ނަތީޖާއަށް ބަލައިލާއިރު، ވެރިކަން ކުރާ އެމްޑީޕީއަށް ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރެވިފައިވީ ނަމަވެސް، މުހިންމު ގޮނޑިތަކެއް އެ ޕާޓީއަށް ވަނީ ގެއްލިފައެވެ.އެގޮތުން ވެސް އެންމެ ފާހަގަ ކޮށްލެވެނީ ލާމަރުކަޒީ ނިޒާމު ފެށުނީއްސުރެ އެމްޑީޕީން ދަމަހައްޓަމުން އަންނަ މާލެ ސިޓީގެ ސުޕަރ މެޖޯރިޓީއެވެ. މާލެސިޓީ މޭޔަރު ކަމުގެ ގޮނޑި މިފަހަރު ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.