ލައިފްސްޓައިލް

ފޭސްބުކް، މެސެންޖާ އަދި ވައިބާ ވެސް ތަހުނިޔާގެ މެސެޖުތަކުން ބަރާވެފައި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އަޅުގަނޑު ފޭސްބުކު ހުޅުވައިލީ ވަކި އެއްޗެއް ބެލުމުގެ ނިޔަތަކު ނޫނެވެ. އެހެން ނަމަވެސް ފުރަތަމަ ވެސް ފެނުނު ފަސް ޕޯސްޓު ވެގެން ދިޔައީ 2021 ވަނަ އަހަރުގެ ރަމަޟާން މަހަށް މަރުހަބާ ކިޔަމުން އެކި މީހުން ކޮށްފައިވާ ޕޯސްޓުތަކެވެ. އެއަށް ފަހު މެސެންޖާ އަދި ވައިބާ ވެސް ހުޅުވައިލީމެވެ. މެސެޖުތައް ފުރި ބަރާވެފައިވަނީ ރަމަޟާން މަހުގެ ތަހުނިޔާ ފޮނުވައިފައިވާ މެސެޖުތަކުންނެވެ.

Ads by STELCO

މާދަމާއަކީ 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. ވީއިރު އެކަކު އަނެކަކަށް ރަމަޟާން މަހުގެ މުބާރިކު ބާދީއާއި ތަހުނިޔާ ފޮނުވުމަކީ ވަރަށް އާންމު ކަމެކެވެ. ދަންނަ މީހަކަސް އަދި ނުދަންނަ މީހަކަސް ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުވުމަކީ އަނެކާގެ ހިތަށް ހަމަޖެހުމެއް ލިބިގެންދާނޭ ކަމެކެވެ. ގުޅުން ބަދަހިވެ ގުޅުން އިތުރަށް ވަރުގަދަ ވާން ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެކެވެ.

ކޮންމެއަކަސް މެސެޖުތައް ފެނުމާއެކު އަޅުގަނޑު ވެސް ރަމަޟާން މަހުގެ ތަހުނިޔާގެ މެސެޖުތައް އެކި މީސްމީހުންނަށް ފޮނުވަން ފަށައިފީމެވެ. އަދި އާއިލާގެ އެކި ފަރާތްތަކަށް ގުޅައިގެން ވެސް ރަމަޟާން މަހުގެ ތަހުނިޔާ އަރިސް ކޮށްފީމެވެ. އެއަށް ފަހު ހިތަށް ލިބިގެން ދިޔަ ހިތްހަމަޖެހުމަކީ އަދި ވަރަށް ވެސް ތަފާތު އިހުސާސްތަކެކެވެ. ބުނެދޭން ދަތި އެހާމެ އުފާވެރި އިހުސާސްތަކެކެވެ.

އަނެކާގެ ފަރާތުން ތިބާއަށް ހެޔޮ ދުޢާ ލިބުމަކީ ކޮންމެ މީހަކު ވެެސް ބޭނުންވާނޭ ކަމެކެވެ. ފަހެ އެ ކަން ކޮށްލުމަށްޓަކައި، އާއިލާގެ އެކި މީހުންނަށާއި ގާތް ރަހުމަތްތެރިންނާއި ރައްޓެހިންނަށް އެ މެސެޖު ފޮނުވާލާށެވެ. އެއަށް ފަހު ތިބާއަށް ލިބިގެންދާ ހިތްހަމަޖެހުމާއި އުފާވެރިކަން ތިމާ އަމިއްލައަށް ތަޖުރިބާ ކޮށްލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!