އެހީވުމުގައި ނަމޫނާއެއް، މަންމަގެ ޖަނާޒާ ނިންމައިލިގޮތަށް އަނެއްކާވެސް މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް
މަންމަގެ ޖަނާޒާ ނިމުނުތާ މާގިނަޢިރު ނުވަނީސް މީހުންގެ ފުރާނަ ސަލާމަތް ކުރަން ނިކުތް ދެ ޑޮކްޓަރުންގެ ވާހަކަ ވައިގައި ހިފައިފިއެވެ.
އިންޑިއާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުންދާ ދެ ޑޮކްޓަރުން ކަމުގައިވާ ޑރ.ޝިލްޕާ ޕަޓޭލް، އަދި ޑރ.ރާހުލް ޕަރްމާއަކީ ކޮވިޑް-19އަށް ހާއްސަކޮށް މަސައްކަތް ކުރަމުންދާ ދެ ޑޮކްޓަރުންނެވެ.
އޭޕްރިލް 15 ވަނަ ދުވަހުގެ ހެނދުނު ޑރ.ޝިލްޕާގެ މަންމަ މަރުވެފައި ވަނީ ކޮވިޑް ބަލި ޖެހި އައިސީޔޫގައި ފަރުވާ ދެނިކޮށެވެ. އޭނާގެ މަންމަގެ ޖަނާޒާ ނިމުނުތާ 6 ގަޑި އިރު ފަހުން ވަނީ ޑިއުޓީއަށް ނިކުމެފައެވެ. ޝިލްޕާއަކީ ކޮވިޑް ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ޑޮކްޓަރެކެވެ. ކޮވިޑް ފެށުނީއްސުރެ މިއަދާ ޖެހެންދެން ކޮންމެ ދުވަހަކު ޑިއުޓީއަށް ނިކުންނަކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
އޭނާގެ މަންމަ ކޮވިޑް ބަލީގައި މަރުވުމުން ޖަނާޒާގެ ކަންތައްތައް ބޭނުންވާ ގޮތަށް ނުކުރެވުނު ކަމަށާއި މަންމަ މަރުވުމުން ފޮތިގަނޑެއްގައި އޮޅާލައިގެން ވަޅުލަން ހަމަޖެހިފައިވާ ތަނަށް ގެންގޮސް ޖަނާޒާގެ ކަންތައްތައް ކުރިޔަށް ގެންދިޔަ ކަމަށް ޚަބަރުތައް ބުނެއެވެ.
ޑރ.ޝިލްޕާ ބުނީ މަންމަ މަރުވުމުގެ ދެތިން ދުވަސް ކުރިން ހިތްވަރާއެކު މަސައްކަތް ކުރުމަށާއި މަންމަ ދުނިޔެއާ ވަކިވެ ދިޔަޔަސް މަސައްކަތަށް ނުނިކުމެ ނުހުރުމަށާއި ފަރުވާ ބޭނުންވާ މީހުންނަށް ހިދުމަތުގައި ދެމިހުރުމަށް މަންމަ ނަސޭހަތްތެރިވި ކަމަށެވެ.
ޑރ.ރާހުލް ޕަރްމާގެ މަންމަ މަރުވީ މުސްކުޅި ބަލީގައެވެ. އޭނާގެ މަންމަ މަރުވުމުގެ ދުވަސްކޮޅެއް ކުރިން ރާހުލް ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި ހޮސްޕިޓަލުގައި 5 ދުވަހު އެޑްމިޓް ކޮށްފައި އޮތް ކަމަށާއި އޭގެ ފަހުން ކަރަންޓީނުގައި އެތައް ދުވަހެއް ހޭދަކުރަން ޖެހުނު ކަމަށް ޚަބަރުތައް ބުނެއެވެ. ޑރ.ރާހުލް އަކީވެސް ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާދެމުން އަންނަ ޑޮކްޓަރެކެވެ. ހާއްސަކޮށް ކޮވިޑް ޖެހޭ މީހުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައެވެ.
މި ދެ ޑޮކްޓަރުންނަކީ ވެސް ލާމަސީލު މިސާލެއް ކަމަށާއި އަބަދުވެސް މަސައްކަތައް ފަރުވާ ބަހައްޓާ ދެ ޑޮކްޓަރުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.