ހަގީގީ ހާދިސާ

ހަގީގީ ހާދިސާ: ލޯބިވެރިޔާއާ ވަކިވެ އޭނާގެ އާދޭސްތަކަށް ބީރު ކަންފަތް ދީގެން އުޅެނިކޮށް ލިބުނީ ކުއްލި މަރުގެ ޚަބަރު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެއީ ވިއްސާރަ ރެއެކެވެ. އިރު އޮއްސި 7 ޖެހީއްސުރެ ބޯކޮށް ވާރެ ވެހެނީއެވެ. މިހާރު އެއޮއްގެން 10 ޖަހަނީއެވެ. އަހަންނާއި އަހަރެންގެ އެކުވެރިއަކަށް ތިބީ ގެއަށް ނުދެވިފައެވެ. ދެމީހުން މި ދިމާވީ ގިނަ ދުވަސްތަކަކަށް ފަހުގައެވެ. އެހެންކަމުން ދައްކަން ވަރަށް ގިނަ ވާހަކަ ވެސް އޮތެެވެ. އެވާހަކަ ތަކުގެ ތެރެއިން ވެސް އަހަރެން ހަނދާނަށް އަންނަނީ އޭނާ އަހަންނަށް ކިޔައިދިން އެއް ވާހަކައެވެ.

Ads by STELCO

ތިޔަ ކިޔުންތެރިންނަށް އަޅުގަނޑު މި ވާހަކަ މި ދޫކޮށްލަނީ އިބުރަތަކަށް ވާނޭ ކަމަށް އުއްމީދު ކޮށެވެ.

"އެއީ ވެސް މިކަހަލަ ވިއްސާރަ ރެއެކެވެ. އުޑުމަތީގައި އެއްވެސް ތަރިއެއް ނެތުމުން ރަށުތެރެ އެހާ އައްޔެއް ނޫނެވެ. ރަށުތެރޭގައި އޮތީ މަޑުމޮޅިކަމުގެ ސާލެއް ލެވިފައެވެ. އަހަރެން ހިނގަމުން ދިޔައީ ރަށުގެ ބޮޑުމަގުންނެވެ. އަހަރެންގެ ލޯބިވެރިޔާއާ އެކުގައެވެ. ވާރެޔާ ތެމިގެން މިފަދަ އެތައް ރެޔަކު އަހަރެމެން މަގުމަތީގައި އުޅެމުއެވެ. އޭނާއާއެކު އަހަަރެން ހޭދަ ކުރާ ކޮންމެ ވަގުތަކީ އަހަރެންނަށް އިތުރު އުފާވެރިކަމެއް ގެނުވައިދޭ ކަމެކެވެ.

އިރުކޮޅަކު އެހެން އުޅުމަށް ފަހު އޭނާ ހީކަރުވައިގަތުމުން އަހަރެން ދިޔައީ އޭނާ ގެއަށް ލާށެވެ. އެއަށް ފަހު އަހަރެން ދިޔައީ އަހަރެންގެ ގެއަށް ދާން ވެގެންނެވެ. ރަށުގެ އެކި މަގުތަކުން ހިނގަމުން ދަނިކޮށް ގެއެއްގެ ދޮރުމަތީގައި ހުރި ކުއްޖަކު އަހަންނަށް ގޮވާލިއެވެ. ދަންނަ އަޑެކެވެ. އަހަރެންގެ ހިތާ ރައްޓެހި އަޑެކެވެ. އަވަސް އަވަހަށް އެދިމާއަށް ބަލާލީމެވެ. ހީކުރެވުނީ ރަނގަޅަށެވެ. އެއީ އަހަރެންގެ ކުރީގެ ލޯބިވެރިޔާ ނަތާޝާއެވެ.

ނަތާޝާ ގޮވިޔަސް އަހަރެން ބޭނުންވީ އަޅައިނުލައި ދާށެވެ. މިއަދު އަހަރެން ދެކެ ލޯބިވާ މީހަކު އަހަންނަށް ލިބިފައި އެބަހުއްޓެވެ. އަހަރެން މިއުޅެނީ އޭނާއާ ކައިވެނި ވެސް ކުރާށެވެ. ދެން ނަތާޝާ ގޮވިޔަސް އަހަންނަށް ކީއް ހެއްޔެވެ. ނަމަވެސް ހިނގައިގަންނަ އިރަށް އޭނާ އަހަންނަށް އަނެއްކާ ވެސް ގޮވާލިއެވެ. އެ އަޑުގައި ވާ ޖަޒުބާތުން އޭނާ އަހަންނަށް ބޭނުންވެފައި ހުރި މިންވަރު އަހަންނަށް ނަގައިގަނެވުނެވެ.

އަހަރެން ގޮސް އޭނާގެ ގާތުގައި ހުއްޓުނު އިރަށް އަހަރެންގެ ގައިގައި އޭނާ ބައްދައިގަތެވެ. އަދި އޭނާ އަލުން ގުޅެން ބޭނުންވާ ވާހަކަ ވެސް ބުންޏެވެ. އަހަރެން ކިޔައިދިނީމެވެ. އަހަރެންގެ ލޯބިވެރިއަކު ހުންނަ ވާހަކައެވެ. އަހަރެން ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ވާހަކައެވެެ. ނަމަވެސް ނަތާޝާ އަހަންނަށް ވިސްނައިދިނީ އަހަންނާއި ނަތާޝާގެ ގުޅުން ސިއްރު ގުޅުމެއްގެ ގޮތުގައި ބޭއްވިދާނެ ކަމަށެވެ. އަދި އަހަރެންގެ ލޯބިވެރިޔާއާ މަޑުމަޑުން ދުރުވާނީ ކަމަށެވެ.

އަހަރެންގެ އަތުގައި އެއްވެސް އެއްޗެއް ނެތް ދުވަހު އަހަރެންގެ އަތުގައި ހިފި އަހަރެންގެ ލޯބިވެރިޔާއާ އަހަރެން ދުރުވާން ފެށީމެވެ. އަހަރެންގެ ދިރިއުޅުން ދިޔައީ އުޖާލާ ވަމުންނެވެ. ނަތާޝާގެ ލޯބިން އަހަރެންގެ ހިތް ފުރާލަދެއެވެ. އެހެން ކަމުން އަހަރެން ކޮންމެ ދުވަހަކުވެސް އަހަރެންގެ ލޯބިވެރިޔާއާ ދުރުވެ އޭނާއާ ދިމާއަށް އެއްޗެހި ވެސް ކިޔަމެވެ.

އަހަރެންގެ ލޯބިވެރިޔާގެ ހާލު ދުވަހަކަށް ވުރެ ދުވަހެއް ދަށްވަމުން ދިޔަ ކަން އަހަންނަށް ވެސް އެނގެއެވެ. އެހެން ނަމަވެސް އަހަރެން އެކަމަކާ ފަރުވާލެއް ނުބަހައްޓަމެވެ. އަހަރެން ލޯބި ވަނީ ނަތާޝާ ދެކެއެވެ. ނަތާޝާ އަހަރެން އުފާ ކޮށްދެއެވެ.

ލޯބިވެރިޔާ ބަލިވެ އުޅޭތީ އޭނާގެ މަންމަމެން ވެސް އަހަންނަށް ގުޅިއެވެ. އެގެއަށް ގޮސްދިނުމަށް އެދުނެވެ. ސަބަބަކީ އެއީ އޭނާގެ އެދުން ކަމަށް ވާތީއެވެ. އޭނާ އަހަރެން ވާހަކަ ނުދައްކަނީސް ނުވެސް ކާނެ ކަމުގައި އޭނާ ބުންޏެވެ.ނަމަވެސް އެކަމުގައި އަހަރެން ކުށްވެރި ކުރީ އޭނާއެވެ. އޭނާ އަމިއްލައަށް ނުކަނީ ނޫން ހެެއްޔެވެ. އަހަރެން އޭނާއަކަށް ކަމެއް ނުކުރަމެވެ. އަހަންނަށް މުހިންމީ ނަތާޝާއެވެ.

އަހަރެންގެ ދިރިއުޅުން މަޑުމަޑުން އުޖާލާވެ ރޯޝަން ވަމުން ދެއެވެ. އަހަރެންގެ ލޯބިވެރިޔާއާ އަހަންނަކާ މިހާރު ގުޅުމެއް ނޯންނާނެއެވެ. އޭނާގެ ވަސް މުޅިންހެން އަހަރެންގެ ހަޔާތުން ފިލައިގެން ދަނީއެވެ. ނަމަވެސް އަހަންނަށް ނޭނގިފައި އޮތް އެއް ކަމެއް އޮތެވެ. އޭނާގެ ވަސް ފިލައިގެން ދަނީ އަހަރެންގެ ހަޔާތުން އެކަނި ނޫން ކަމެވެ. މުޅި ދުނިޔޭގެ ހަޔާތުން ވެސް ކަމެވެ.

ހަމަ މިކަހަލަ ކަޅުފޮއެ އަނދިރި، ވިއްސާރަ ރެއެއްގައެވެ. އަނދިރިކަމުގައި އަހަންނާއި ނަތާޝާ އުފާ ހޯދަމުން ދިޔައީ ރަށުގެ އިރުވައިމަތީ އަތިރިމަތީގައެވެ. ކުއްލިއަކަށް ރަށުގެ އަޑުގަދަ ކުރާއިން ގޮވި އިއުލާނަކީ އަަހަރެން ދުވަހަކު ވެސް ހަނދާނުން ފިލައިގެންދާނެ އިއުލާނެއް ނޫނެވެ. އެވަގުތު އެކުރުވި އިހްސާސްތަކާއި އެވަގުތު އަހަރެންނަށް އެވީ ގޮތް ބުނެދޭނެހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ.

" މިރަށު ހިތިލާގޭ އައިމިނަތު ރަޝްފާ ވަނީ މިރޭގެ އިރާކޮޅުގެ ވަގުތެއްގައި ނިޔާވެފައި. މައްޔިތާގެ ކަށުކަމާކެމީގެ ކަންކަމާއި މޫނު ދެއްކުން އޮންނާނީ ހިތިލާގޭގައި، ވީމާ ހެޔޮ އެދިވަޑައިގަންނަވާ ހުރިހާ ބޭފުޅުން ވެސް ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެއް"

އަހަރެންގެ ފައިދަށުން ބިންގަނޑު ދަމައިގަން ފަދައެވެ. އަހަރެންނަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. ހަދާނެ ގޮތެއް ނޭނގި ގަބުވެފައި އަހަރެން އިނީމެވެ. ނަތާޝާ އަހަންނާ ދިމާއަށް ބަލާލިއެވެ. އަދި އަހަރެންނަކީ ވަރަށް ނުލަފާ މީހެއް ކަމަށާއި ރަޝްފާ މަރުވީ އަހަންނާ ހެދި ކަަމަށް ބުންޏެވެ. އަދި ނަތާޝާ އަހަރެން ކަހަލަ "ގާތިލަކާއެކު" އުޅެން ބޭނުން ނުވާ ކަމަށް ބުނެ އޭނާ ތެދުވެގެން ހިނގައިގަތެވެ.

ސުބުހާނަﷲ އެވެ. މިއީ ކޮންކަހަލަ އާދަމުގެ ދަރިއެއް ބާވައެވެ. އަހަރެން ހުރިހާ ކަމެއް ކުރީ ވެސް މީނާ ބުނި ގޮތަށެވެ. ރަޝްފާ ހިތުގައި ޖެއްސީ ވެސް ނަތާޝާއާ އެކު ވުމަށެވެ. ނަތާޝާއާ އެކު އުޅުނީ ރަޝްފާއާ އެކު އުޅެމުންނެވެ. އެއީ ވެސް ނަތާޝާ ބޭނުންވި ގޮތެވެ. އެކަމަކު އާޚިރުގައި ގޯސް މިވީ އަހަންނެވެ.

އަހަރެން ދުއްވައިގަތީމެވެ. ރަޝްފާމެންގެ ގެއާ ދިމާއަށެވެ. ގޮސް ވަންއިރު ރަޝްފާ ހިނަވައި ކަފުން ކޮށްފައި ބާއްވާފައި އޮތެވެ. ބޭއިޚްތިޔާރުގައި އަހަންނަށް ގޮސް ރަޝްފާގެ ގައިގައި ބައްދައި ގަނެވުނެވެ. އަދި އަޑުން އަޑު ނަގައި ރޯން ފެށުނެވެ. އަހަރެން ރަޝްފާގެ ގާތުގައި މައާފަށް އެދުނީމެވެ. ނަމަވެސް ވަގުތު ފާއިތު ވެއްޖެއެވެ. އެފަކީރު ދުނިޔެ އަޅާ އެދިޔައީ ވެސް އަަހަރެންގެ ނަން ކިޔާލަ ކިޔާލާ އޮވެއެވެ. ހަގރަޝްފާއާ މެދު ކަންތައް ކުރެވުނު ގޮތާމެދު އަހަރެންގެ އަމިއްލަ ނަފްސަށް އަހަންނަށް ދުވަހަކު ވެސް މާފެއް ނުކުރެވޭނެއެވެ."

އެކުވެރިޔާގެ ވާހަކަތައް އަޑުއަހަން އަހަރެން އިނީ ގައިން ހީބިހި ނަގައިފައެވެ. ހަގީގަތުގައި ވެސް ވަަރަށް އަސަރު ކުރިއެވެ. ނަމަވެސް އޭނާގެ ވާހަކައިން އަހަންނަށް އިބުރަތެއް ހާސިލުވިއެވެ. އެއްޗެއްގެ މުހިންމުކަން ގިނަ ފަހަރަށް އެނގޭނީ އެ އެއްޗެއް ބީވެގެން ދިއުމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!