ޚަބަރު

ސަލްމާގެ މަރުގެ ބަދަލު ހޯދަން ފިރިމީހާ އޭޑީކޭ ގޮވައިގެން ކޯޓަށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އޭޑީކޭ ހޮސްޕިޓަލުގައި ވިހޭތާ ގަޑިއިރުތަކެއް ފަހުން ނިޔާވި ސަލްމާ ނަސީރު (25އ.) ނިޔާވި މައްސަލައިގައި އެ ހޮސްޕިޓަލުގެ ވަރަށް ބޮޑު އިހުމާލެއް އެބައޮތް ކަމަށް ބުނެ ބަދަލު ހޯދުމަށް ފިރިމީހާގެ ފަރާތުން ކޯޓަށް ދާން ނިންމައިފިއެވެ.

Ads by Sosun Fihaara

މިދިޔަ ފެބްރުއަރީ މަހު އޭޑީކޭގައި ވިހެއުމަށް ފަހު ނިޔާވި ސަލްމާގެ ގަައިން ލޭ ފޭބި މިންވަރު ޑޮކްޓަރުންގެ ޓީމަށް ނުބައިކޮށް އަންދާޒާ ކުރެވުނު ކަމަށާއި، އޭނާގެ ހަށިގަނޑަށް ލޭ އެޅުން އިންތިހާއަށް ލަސްވިކަން ހެލްތު މިނިސްޓްރީގެ ތަހުގީގަކުން ވަނީ ހާމަވެފައެވެ. އެ ގޮތުން ސަލްމާ ވިހެއުމަށް ފަހުގައި ގައިން ގިނަ އަދަދެއްގެ ލޭ ފޭބި ނަމަވެސް ހޮސްޕިޓަލުން އޭނާ ގަޔަށް ލޭ އަޅައިފައި ވަނީ އޭނާ ވިހޭތާ ވެސް ތިން ގަޑިއިރު ފަހުންނެވެ. އަދި ސަލްމާ ވިހެއުމުގެ ކުރިން ސަލްމާއަށް ލޭ ދޭނެ ދެ މީހަކު އާއިލާއިން ހަމަޖައްސައި، ކްރޮސްމެޗު ހެދި ކަމަށް ވެސް މިނިސްޓްރީގެ ރިޕޯޓުން ހާމަވެއެވެ.

ސަލްމާގެ ފިރިމީހާ އިބްރާހިމް އަދުހަމްގެ ގާނޫނީ ވަކީލް އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން އޮންލައިން ނޫހަކަށް ވިދާޅުވީ, ސަލްމާ މަރުވީ އޭޑީކޭގެ އިހުމާލުން ކަމަށް ބެލެވޭތީ ޖިނާއީ އަދި މަދަނީ ނިޒާމުގެ ތެރެއިން ހައްލު ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ. އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށާއި މޯލްޑިވްސް މެޑިކަލް ކައުންސިލަށް ހުށަހަޅަން ތައްޔާރުވަމުން އަންނައިރު، ސަލްމާގެ މަރުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް މިހަފްތާގެ ތެރޭގައި ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާ އޭޑީކޭގެ ބޮޑު އިހުމާލަކުން ފުރާނައެއް ދިއުމުން ކަމަށާއި، ބަދަލުގައި އެދެނީ ކިހާވަރެއްގެ އަދަދެއްކަން ކުރިއަށް އޮތް ތަނުގައި ކަނޑައަޅާނެ ކަމުގައި ވެސް އަދުހަމްގެ ގާނޫނީ ވަކީލު ފާހަގަ ކުރިއެވެ.

ސަލްމާ ގަޔަށް އެންމެ ފަހުން ލޭ އަޅައިފައި ވަނީ އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމަށް ފަހު ކަމަށް އެނގިފައިވެއެވެ. ރިޕޯޓުން ބުނެފައިވާ ގޮތުގައި ސަލްމާއަށް ނޭވާލާން އުނދަގޫވަމުންދާ ކަމަށް އޭރު އޭނާ ބުނެފައިވެއެވެ. އެއިރު ސަލްމާގެ ލޭގެ ޕްރެޝަރެއް ނެތެވެ. އަދި ވިންދު ހުރީ ވަރަށް މަތިކޮށް މިނެޓަކު 190 ގައެވެ.

ސަލްމާގެ ދަރިފުޅު ބަލަމުން ދަނީ އެ ކުއްޖާގެ ބައްޕައެވެ. އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!