ސައުދީގެ އިތުރު އެހީއެއް ރާއްޖޭގެ ނިކަމެތި އާއިލާތަކަށް

ދިވެހި ނިކަމެތި އާއިލާތަކަށް ސައުދީން އިފްތާރު ޕެކޭޖުތަކެއް ހަދިޔާކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސައުދީން ހަދިޔާ ކުރި ޕެކޭޖުތަކާ ހަވާލުވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީން ހަދިޔާކޮށްފައި ވަނީ 290 އިފްތާރު ޕެކޭޖު ކަމަށާއި ސައުދީގެ ޕެކޭޖު ލިބުނީ ރާއްޖޭގެ ފަގީރުންގެ ލިސްޓްގައި ރަޖިސްޓްރީކޮށްފައި މީހުންގެ އަދަދަށް ވުރެ މާބޮޑަށް މަދުން ކަމަށްވާތީ މިޕެކޭޖްތައް ބެހުމުގައި މީހުން މަދުން ތިބޭ އާއިލާތަކަށް އިސްކަން ދޭނެ ކަމަށެވެ. އަދި ނިކަމެތި އާއިލާ ތަކަށް އެހީވުމަށް ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން ޕެކޭޖުތައް ބެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަމާޒަކީ މި ހަފްތާ ނިމުމުގެ ކުރިން ޕެކޭޖުތައް ބަހައި ނިންމުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ރޯދަ މަހަށް ވެސް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކޮށްފައިވެއެވެ. މި އަހަރު ހަދިޔާކޮށްފައި ވަނީ 25 ޓަނުގެ ކަދުރެވެ. އެހެން އަހަރުތަކަށް ވުރެ މަދުން ކަދުރު ލިބިފައިވާތީ އިސްލާމިކް މިނިސްޓްރީން ކަދުރު ދޭން ނިންމާފައި ވަނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ 10،944 މީހުންގެ ތެރެއިން ކޮންމެ މީހަކަށް ކަދުރު ޕެކެޓެކެވެ.