މަޖިލިސް ރައީސްކަމުން ރައީސް ނަޝީދު ދުރުކުރަން އެމްޑީޕީން އެބަ މަޝްވަރާކުރޭ: ޓޮމް
ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދުރުކުރުމަށް ވެރިކަން ކުރާ އެމްޑީޕީގެ ބައެއް މެމްބަރުން މަޝްވަރާ ކުރައްވަމުން އެބަ ގެންދަވާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.
ޓޮމް މިހެން ވިދާޅުވެފައި މިވަނީ، މަރުކަޒީ ބޭންކް އެމްއެމްއޭގައިވާ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯކުރުމަށް (ފައިސާ އިތުރަށް ޗާޕްކުރުމަށް) ރައްޔިތުންގެ މަޖިލީހުން ސަރުކާރާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން އިއްޔެ ހުށަހެޅި ހުށަހެޅުމާ މެދު ގޮތެއް ނުނިމި، ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބޭރު ކޮށްލައިފައިވާ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި އިއުލާން ކުރެއްވުމުން ރައީސް ސޯލިހަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުން ނުރުހުން ފާޅުކުރަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން ޓޮމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެއްދުމަށް އެމްޑީޕީގެ ބައެއް މެމްބަރުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެއްދުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރޭގައި މަޝްވަރާކުރެވެން ފަށައިފި. ނަގޫ ގޮށް މި ޖެހެނީ އެ ބޭފުޅުން އެ ބޭފުޅުންނާ" ޓޮމް ވިދާޅުވިއެވެ.
ފައިސާ ޗާޕް ކުރުމުގެ މައްސަލަ މަޖިލީހުން ގޮތެއް ނުނިންމި ބޭރުކޮށްލީ ސަރުކާރުގެ ބައެއް ވަޒީރުން، މަޖިލީސްގެ އެމްޑީޕީގެ ލީޑަރ ޝިޕާއި މަޝްވަރާ ކުރުމުގެ ބަދަލުގައި ބައެއް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވާ ވަކި ގޮތަކަށް ކަންކަން ކުރަން އުޅުމުން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވެސް ވަނީ މިރޭ ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސް ނަޝީދު މަޖިލިސް ހިންގަވާގޮތާ މެދު މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅު ކުރައްވައިފައެވެ.