މަންދު ކޮލެޖަށް ބަދަލު ދޭތީ އެމްޑީޕީ މެންބަރުން ރަތަށް
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލްގެ މަންދު ކޮލެޖް ހިންގި އިމާރާތް ކުއްލި ގޮތަކަށް އަތުލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުން ސިވިލް ކޯޓުގައި އެއްބަސްވުމާ ގުޅިގެން، އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް އެހެން މެމްބަރުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެއެވެ.
މި ގޮތުން، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިކަން ސިފަކޮށް ވިދާޅުވީ، ރައްޔިތުން އަނގަ އާއި އަތާ ދިމާ ނުވެ ތިއްބައި ބޮޑުންނަށް މިލިއަނުން ފައިސާ ދެނީ ކަމަށެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، ސަރުކާރާއެކު ވެފައިވާ އެއް ބަސްވުމަކާ ޚިލާފަށް ސަރުކާރުގެ އިމާރާތެއް ހުރި ތަނަކުން މީހަކު ނެރުމުން ނަގައިދޭ ބަދަލު ވެގެން މިދިއައީ އެއަށް ވުރެ ބޮޑު ބިމެއް ގަނެލުމުގެ އަގަށް ކަމަށެވެ. އަދި މިކަން ސަޅި ނޫން ކަމަށް ވެސް އިންތި ވިދާޅުވިއެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުު ވިދާޅުވި ގޮތުގައި ތިމާގެ އަނބިފިރިންނަށް ވަލުދޮރާށިން ވަޒީރުކަން ބަހައިދޭން އެދޭ މީހުންނާއި، ބަންދު ކޮޓަރިއެއް ތެރެއިން ފަޅުރަށްތައް ބަހައި ހުސްކޮށްލަން އެދޭ މީހުންނާއި، ބޮޑެތި ނުހައްޤު އަދަދުތަކުން ބަދަލުގެ ނަމުގައި ދައުލަތުން ފައިސާ ނަގަން އެދޭ މީހުން، މިހާރު މިއޮތް ނިޒާމު ބަދަލުވާން ނޭދޭނެ ކަމަށެވެ. އޭނާ މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ނިޒާމް ބަދަލު ކުރަން ރައީސް ނަޝީދު ކުރައްވާ މަސައްކަތަށް އިބްރާ ދަނީ ފާޑު ވިދާޅުވަމުންނެވެ.
ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝަރުޢީ ކޯޓެއްގެ ނިހާއީ ޙުކުމެއްނެތި ދައުލަތުގެ ފައިސާއިން ބަދަލެއް ނުދެވޭނެ ކަމަށާއި ދެބަސްވެ ޝަރުޢީ މަރުޙަލާއަށް ގޮސްފައިވާ މައްސަލައެއްގައި ޙުކުމް ކޮށް ވަކިގޮތެއް ކަނޑައެޅުުމުގެ ބާރު ސަރުކާރު ހިންގާ ފަރާތަށް ލިބިގެންނެއް ނުވާ ކަމަށެވެ.
މީގެ އިތުރުން ވެސް އެމްޑީޕީއަށް ތާޢީދު ކުރާ ބައެއް ފަރާތްތަކުން ދަނީ ސަރުކާރުގެ މިނިންމުމަށް ފާޑު ކިޔަމުންނެވެ.
މަންދު ކޮލެޖް ހުރި ތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމުގެ ބޭނުމުގައި ކަމަށް ބުނެ މަންދު ކޮލެޖް ހިންގާ، މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް، އެމްއީއެސް ސްކޫލް ކުރިން ހިންގި އިމާރާތް ދޫކޮށްފައި ވަނިކޮށް އިންޓަނޭޝަނަލް ސުކޫލެއް ނުފަށާތީ 2015 ވަނަ އަހަރު ތެރޭގައި ރައީސް ޔާމީންގެ ވެރިކަމުގައި އެ އެއްބަސްވުން ބާތިލްކޮށް އިމާރާތް އޮތީ އަތުލައިފައެވެ. މަންދު ކޮލެޖު ސަރުކާރުން އަތުލީ ގޯސްކޮށް ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ދައުވާކުރުމާއެކު ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފައެވެ. އަދި އެއް މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
މއ. ބޯގަންވިލާ އިބްރާހިމް އިސްމާާީލް (އިބްރާ) އަކީ ކެނެރީގޭ ނަޝީދު، ކުރީގެ ރައީސް، މަޖިލީސްގެ ރައީސް، ލައިލާ އަލީގެ ފިރިކަލުން، އަލްމަރުޙޫމް އަލީ އަބުދުﷲގެ ދަނބިދަރި، ކެނެރީގޭ ޢަބުދު ސައްތާރު އާ ވަރަށް ތިމާގެ ބޭކަލެއް. ޢެހެންވީމަ ދައުރު ނިމެންވާއިރަށް ޤައުމުގެ ލާރިކޮޅު ބަހާލަނީ.