ދުނިޔެ

ޤުރްއާން ތަރުޖަމާ "ސަހީހް އިންޓަނޭޝަނަލް" ލިޔުއްވުމުގެ ފަހަތުގައިވާ ލާމަސީލު ތިން ކަނބަލުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިނގިރޭސި ބަހުން ލިޔުއްވާފައިވާ ކީރިތި ޤުރްއާންގެ ތަރުޖަމާ ކަމަށްވާ "ސަހީހް އިންޓަނޭޝަނަލް" އަކީ މުޅި ދުނިޔެއަށް ވެސް މަޝްހޫރު، އެތައް މުސްލިމުންނެއް ކިޔަވައިފައިވާ ފޮތެކެވެ. ޢަރަބި ބަހުން ލިޔެފައިވާ މާތް ﷲ ގެ ވަޙީ ބަސްފުޅުތައް، ނުހަނު ހިތްވަރާއި ކުޅަދާނަ ކަމާއެކު އިނގިރޭސި ބަހަށް ތަރުޖަމާ ކޮށްދެއްވައިފައި ވަނީ އެމެރިކާގެ ލާމަސީލު ތިން ކަނބަލުންނެވެ. އެ ތިން ކަނބަލުންނަކީ ވެސް ކުރިން އެހެން ދީން ތަކުގައި އުޅެފައިވާ، ނަމަވެސް ފަހުން އިސްލާމްދީން ޤަބޫލުކޮށް މުސްލިމުން ކަމުގައި ވެފައިވާ ތިން ކަނބަލުންނެވެ.

Ads by Sosun Fihaara

"ސަހީހް އިންޓަނޭޝަނަލް" ލިޔެދެއްވާފައިވާ ތިން ކަނބަލުންނަކީ އަމަތުﷲ ޖޭ. ބޭންޓްލީ، މޭރީ އެމް. ކެނެޑީ އަދި އުއްމު މުޙައްމަދު އެވެ.

އަމަތުﷲ އަކީ އެމެރިކާގެ މިނެސޮޓާއަށް އުފަން، ކުރީގެ ކެތޮލިކެކެވެ. އޭނާ އެ ދީން ދޫކޮށް އިސްލާމް ދީން ޤަބޫލުކުރެއްވީ އުމުރުން 20 އަހަރުގައެވެ. އޭގެ އަހަރެއް ފަހުން އޭނާ ވަނީ އެމެރިކާ ދޫކޮށް ޖިއްދާއަށް ދިރިއުޅުން ބަދަލު ކޮށްފައެވެ. އެތަނުން އޭނާއާއި މޭރީ އަދި އުއްމު މުޙައްމަދާ ވަނީ ބައްދަލު ވެފައެވެ. އެ މީހުންގެ ދިރިއުޅުމުގެ ވާހަކަތަކާއި އަމަތުﷲ ގެ ދިރިއުޅުމާ އެއްގޮތް ކަންތައްތަކެއް ހުއްޓެވެ.

މޭރީއަކީ އެމެރިކާގެ ފްލޮރިޑާއަށް އުފަން، ކުރިން ނަޞާރާ ދީން ޤަބޫލު ކުރި މީހެކެވެ. އޭނާ ވެސް އިސްލާމްދީން ޤަބޫލު ކުރެއްވީ އުމުރުން 20 އަހަރުގައެވެ. މޭރީ އިސްލާމްދީން ޤަބޫލު ކުރީ އޭނާގެ ބޭބެ ވެސް އިސްލާމްދީން ޤަބޫލު ކުރެއްވުމުން، ބޭބެގެ ފަރާތުން ދީނާ މެދު ކަންތައްތައް އެނގި ދަސްވުމުންނެވެ.

އުއްމު މުޙައްމަދަކީ ކެލިފޯނިއާގައި އުޅުމަށް ފަހު އަރަބި ކިޔަވަން ދިމިޝްގަށް ދިރިއުޅުން ބަދަލު ކުރި މީހެކެވެ. އޭނާ އިސްލާމްދީން ޤަބޫލު ކޮށްފައިވަނީ 1970 ގެ އަހަރު ތެރޭގައެވެ.

މި ތިން ކަނބަލުން ވެސް ޖިއްދާއަށް ދިރިއުޅުން ބަދަލުކޮށް އެކަކު އަނެކަކާ ބައްދަލުވީ 1980 ވަނަ އަހަރުގައެވެ.

އެ ކަނބަލުން ޤުރްއާން ތަރުޖަމާ ކުރައްވަން ފެއްޓެވީ އަމަތުﷲގެ އެދުމުގެ މަތިންނެވެ. އެއީ 1989 ވަނަ އަހަރުގައެވެ. މި ތިން ކަނބަލުންނަށް ކީރިތި ޤުރްއާން އެއްކޮށް އިނގިރޭސި ބަހަށް ތަރުޖަމާ ކުރެވުނީ އޭގެ 10 އަހަރު ފަހުން ކަމަށާއި، މި ތިން ކަނބަލުންނަކީ ޤުރްއާން ތަރުޖަމާކުރި ފުރަތަމަ އަންހެން ކަނބަލުން ކަމުގައި ރިޕޯޓުތަކުން ބުނެފައިވެއެވެ.

މަސްދަރު: އިލްމް ފީޑް

Ads by HDC
  1. ދަލާލް

    އެކަނބަލުންނަށް ހެޔޮ ޖަޒާ ދެއްވާށި.