ޚަބަރު ރައްޔިތުންގެ މަޖިލިސް

އެމްއެމްޕީއާރްސީގެ މައްސަލަ ބަލާނަން، ބައެއް މެމްބަރުންގެ ގޮނޑި ވެސް ގެއްލިދާނެ: ރައީސް ނަޝީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ކޮރަޕްޝަންގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގޮތުގައި ރައީސް މުހައްމަދު ނަޝީދަށް އިނދެވޭނަމަ ބައްލަވާނެ ކަމަށާއި، އެ މައްސަލަ ބަލައިފިނަމަ ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދުގެ މަޖިލިސް ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މި މައްސަލައިގައި ހިމެނެނީ "ކިތަންމެ ބޮޑު މެންބަރަކަށް ވިޔަސް، ކިތަންމެ ބޮޑު ވަޒީރަކަށް ވިޔަސް، ކިތަންމެ ބޮޑު އަމީރަކަށް ވިޔަސް" އެމައްސަލަ ބައްލަވާނެ ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނޭ މީހުންނަށް ދައުވާ ކުރެވޭނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫން ކަމަށެވެ.

"270 މީހުންނަށް ދައުވާ ކުރުމަށް މިހާރު ވެސް ވަނީ ފާހަގަވެފައި. އެ ދައުވާތައް ކުރިއަށް ގެންދާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން. އިއްޒަތްތެރި ބައެއް މެންބަރުންގެ ގޮނޑިފުޅު ވެސް ގެއްލިދާނެ. ބައެއް ބޭފުޅުންގެ މަގާމު ވެސް ގެއްލިދާނެ. އަދި އަނެއްބައި ބޭފުޅުންނަށް އިތުރު އެހެން ގޮތްގޮތް ވެސް ވެދާނެ. އެހެންނަމަވެސް މި ސަރުކާރު އުފެދިފައި މިއޮތީ އަދި މި މަޖިލިސް ވެސް އުފެދިފައި މިއޮތީ މި މަސައްކަތް އަޅުގަނޑުމެން ކުރުމަށް." ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން، އެޖެންޑާ ވިދާޅުވެދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ވައްކަމާއި ޚިޔާނާތުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި ސަލާމަތީ ޚިދުމަތްތަކުގައި ކުރިން މަސައްކަތް ކުރައްވާފައިވާ ފަރާތްތަކާއި، މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކުގެ އިތުރުން ޝަރުޢީ ދާއިރާގައި ކުރީގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކާއި މިނިވަން މުއައްސަސާތަކުގައި ކުރީގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފަައިވާ ފަރާތްތަކާއި އަދި މިހާރު ވެސް މެމްބަރު ކަމުގައި ތިއްބެވި ފަރާތްތަކުގެ އިތުރުން ދައުލަތުގެ ސްޓޭޓް މިނިސްޓަރުކަމާއި މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި މިހާރު ވެސް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުން މި މައްސަލައިގައި މި މައްސަލައިގައި ހިމެނޭ ކަމަށް ދައުލަތުން ހާމަކޮށްފައިވާތީ، މިހާރު މި މައްސަލަ ގޮސްފައިވާ ހިސާބަކާއި އެކަންކަމުގައި ސަރުކާރުން ޢަމަލު ކުރައްވަމުން ގެންދަވާ ގޮތެއް އޮޅުން ފިލުއްވުމަށް އެދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފު މި މަހުގެ 21 ވަނަ ދުވަހު ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.

މިކަމަކީ ރާއްޖޭގެ ރައްޔިތުންގެ ނަޒަރު ހުއްޓިފައިވާ މައްސަލައަކަށްވާތީ ޙަސަން ލަތީފް އެދިލެއްވި މައުލޫމާތު އޮޅުންފިލުވައި ދެއްވުމަށް ޕްރޮސެކިއުޓާރ ޖެނެރަލް އަރިހުގައާއި، އެންޓި ކޮރަޕްޝަން ކޮމިޝަންގައާއި، އެސެޓް ރިކަވަރީ ކޮމިޝަންގައާއި، އަދި ރާއްޖޭގެ ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

  1. ނުރަބޯ

    ނަޝީދު އެއްމެ ފުރަތަމަ ބުނެދޭންވީ ނަޝީދު ހާމަކަން ބޮޑު ގޮތެއްގައި ކުރި ކުށަކަށް އިއްވާފައިވާ 13 އަހަރު ދުވަހުގެ ޖަލު ޙުކުމަކުން ބޯ ދަމައިގަތީ ކޮން އުޞޫލަކުން ތޯއޭ….؟ އެހެން މައްސަލަތައް ބަލާނީ މިކަމަށް ގޮތެއް ނިންމާފައެވެ.