ޚަބަރު

މޫދަށް ފުންމާލި ގޮތަކުން ފަތުރުވެރިއެއްގެ ބޮލަށް އަނިޔާވެ، ވަގުތުން މަރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބ. ފުޅަދޫގެ ފާލަން މަތިން މޫދަށް ފުންމާލި ގޮތަކުން ފަތުރުވެރިއެއްގެ ބޮލަށް އަނިޔާވެ، ވަގުތުން އޭނާ މަރުވެއްޖެއެވެ.

Ads by Sosun Fihaara

ފުޅަދޫ ކައުންސިލު ރައީސް އަޙުމަދު އާސިފް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މީހާ މަރުވީ މިއަދު ހެނދުނު ގާތްގަނޑަކަށް 6:35 ހާއިރު ކަމަށެވެ.

މަރުވެފައިވަނީ ޔޫކްރޭނަށް ނިސްބަތްވާ، އުމުރުން 62 އަހަރުގެ ފިރިހެނެއް ކަމަށް ވެސް އާސިފް ވިދާޅުވިއެވެ.

"ފާލަމުން އެ މީހާ ފުންމާލީ، އެތަން ތަންކޮޅެއް ދިޔަވަރު ތިލަ ގަޑިއަކާ ދިމާވީ. އެ މީހާ ޑައިވް ޖެހީމަ، ބޯ ބިމުގައި ޖެހިގެން އަނިޔާ ލިބިފައިވާ ކަމަށް ބެލެވެނީ. ޑޮކްޓަރުން ވެސް ވިދާޅުވީ ބޮލަށް އަނިޔާ ލިބިފައިވާ ކަމަށް" އާސިފް ވިދާޅުވިއެވެ.

މި ހާދިސާ ހިނގިތާ ގާތްގަނޑަކަށް 10 މިނެޓު ވެސް ނުވަނީސް ސިއްޙީ މަރުކަޒަށް އެ ފަތުރުވެރިޔާގެ ހަށިގަނޑު ގެންދިޔަ ކަމަށާއި ނަމަވެސް އޭރުވެސް އެ މީހާ ވަނީ މަރުވެފައި ކަމަށް އާސިފް ވިދާޅުވިއެވެ.

އެ މީހާގެ ހަށިގަނޑު މިއަދު 13:00 ހައިރު މާލެ ފޮނުވާލައިފައިވާ ކަމަށް ވެސް އާސިފް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!