ޚަބަރު

މަންދު ކޮލެޖަށް ދޭން އެދުނީ 1.5 މިލިޔަން، ދިނީ 15 މިލިޔަން؛ ރައްޔިތުން ރަތަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މަންދު ކޮލެޖް ހިންގި އިމާރާތް

މާލެ އިންގްލިޝް ސްކޫލް (އެމްއީއެސް) ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުުން ބާތިލްކޮށް، ސަރުކާރުން އެތަން އަތުލި މައްސަލައިގައި ބަދަލެއްގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ދޭން އެދުމުން، 15 މިލިއަން ރުފިޔާ ދިން މައްސަލައިގައި އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ads by Sosun Fihaara

މީސް މީޑިއާގައި އެތައް ބަޔަކު މިކަމާ ގުޅިގެން ނުރުހުން ފާޅުކޮށް ފާޑުކިޔައިފައިވާއިރު، މަންދު ކޮލެޖަށް ގެއްލުމުގެ ބަދަލަށް އެންމެ ގިނަ ވެގެން ދޭން ޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށް އޮޑިޓް އޮފީހުން ހެދި އެސެސްމަންޓުން ވެސް ވަނީ ދައްކައިފައެވެ.

މަންދު ކޮލެޖު ހިންގާ މާލެހައި ޕްރައިވެޓް ލިމިޓެޑަށް އެމްއީއެސް އިމާރާތް ކުރިން ދީފައި ވަނީ އިންޓަނޭޝަނަލް ސްކޫލެއް ހިންގެވުމަށް ކަމަށާއި ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް އެފަދަ ސްކޫލެއް ހިންގާފައި ނުވާ ކަމަށް ބުނެ 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެ އިމާރާތް އަތުލައިފައެވެ.

ނަމަވެސް ސަރުކާރުން އެ އެއްބަސްވުން ބާތިލު ކޮށްފައި ވަނީ ގޯސްކޮށް ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވަނީ ނިންމައިފައެވެ. އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ހުކުމުގައި ވެއެވެ.

އެ ހުކުމްތަކަށް ފަހު، ގެއްލުމުގެ ބަދަލަށް 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފައެވެ. އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ޚަރަދުތަކަށެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 23ވަނަ ދުވަހު ފޮނުވި ސިޓީއާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށްޓަކައި އެސެސްމަންޓް ރިޕޯޓެއް ތައްޔާރުކޮށްފައެވެ. އަދި އޮޑިޓް އޮފީހުން ވަނީ އެ މިނިސްޓްރީގެ އެދުމާ އެއްގޮތަށް މިދިޔަ ސެޕްޓެމްބަރުގެ ތެރޭގައި އެސެސްމެންޓް ރިޕޯޓް ފޮނުވައިފައެވެ.

އެ ރިޕޯޓުގައި ބުނީ، އެމްއީއެސް ހިންގި ބިމާއި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް ހެދި އެއްބަސްވުން އުވާލުމުން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ކަންކަމަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ދޭން ޖެހޭނީ 1.2 މިލިއަނާއި 1.5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!