އޮޑިޓް އޮފީހުގެ އެސެސްމަންޓަކީ ބާތިލު ރިޕޯޓެއް: މާލެ ހައި
މާލެ އިންގްލިޝް ސްކޫލް (އެމްއީއެސް) ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުން ބާތިލްކޮށް ސަރުކާރުން އެ ތަން އަތުލި މައްސަލައިގައި ގެއްލުމުގެ ބަދަލަށް ދޭންޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ހެދި އެސެސްމަންޓަކުން ދެއްކިޔަސް އެއީ ބާތިލް ރިޕޯޓެއް ކަމަށް އެ ކޮލެޖު ހިންގަމުން އަންނަ މާލޭ ހައި އިން މިއަދު ބުނެފިއެވެ.
މަންދު ކޮލެޖު ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީ ސަރުކާރުން ދޫކޮށްފައި ހުރި އިމާރާތުގައި، އެއްބަސްވުމާ އެއްގޮތަށް އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައި ނުވާ ކަމަށް ބުނެ، ޕީޕީއެމްގެ ވެރިކަމުގައި 2015 ވަނަ އަހަރު ވަނީ އެ ތަން އަތުލައިފައެވެ.
ނަމަވެސް އެ އިމާރާތް އަތުލާފައިވަނީ ގޯސްކޮށް ކަމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ނިންމާފައެވެ. އަދި އޭގެ ސަބަބުން ބަދަލެއްގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދަން މާލޭ ހައި އިން ދައުވާ ކުރުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފައެވެ.
މި ނިންމުމާ ގުޅިގެން އޮޑިޓް ރިޕޯޓުން ބުނެފައިވަނީ ބަދަލެއްގެ ގޮތުގައި މަންދު ކޮލެޖަށް ދޭން ޖެހޭނީ 15 މިލިއަން ރުފިޔާ ނޫން ކަމަށާއި ދޭން ޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށެވެ.
އެ ރިޕޯޓާއި ގުޅިގެން މާލޭ ހައިގެ މެނޭޖިން ޑިރެކްޓަރ އަދި މަންދު ކޮލެޖުގެ ޗެއާޕަރސަން ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ސޮއިކުރައްވާފައިވާ އެ ކުންފުނީގެ ބަޔާނުގައި ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި މާލޭ ހައި އަށް ދޭން ޖެހޭނީ ދޮޅު މިލިއަން ރުފިޔާ ކަމަށް ކަނޑައަޅާފައިވާ ރިޕޯޓެއް އޮތް ކަމަށް މީޑިއާތަކުން ޚަބަރު ލިބިފައިވާ ކަމަށެވެ. އެއީ އެޑިއުކޭޝަން މިނިސްޓްރީން އޮގަސްޓް 23، 2020 ގައި ފޮނުވި ސިޓީއަކާ ގުޅިގެން، ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ހެދި އެސެސްމަންޓެއްގެ ރިޕޯޓު ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. އެކަމަކު އެފަދަ ރިޕޯޓެއް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު ކަމެއް، ނުވަތަ އެކުލަވާލި ކަމެއް ވެސް ރަސްމީ ސިފައެއްގައި އެ ކުންފުންޏަށް އެނގިފައި ނުވާ ކަމަށް މާލޭ ހައި އިން ބުންޏެވެ.
އެ ކުންފުނީގެ ބަޔާކުގައި ބުނެފައިވަނީ އެފަދަ ގޮތަކަށް "ސިއްރިޔާތުގައި" އޮޑިޓާ ޖެނަރަލް ރިޕޯޓެއް ނެރުއްވުމަކީ ޒިންމާދާރުކަން ކުޑަ އަދި އޮޑިޓާ ޖެނެރަލްގެ މަގާމާ އެކަށީގެންނުވާ އަމަލެއް ކަމަށެވެ. އަދި އެއީ ބާތިލު ރިޕޯޓެއް ކަމުގައި ވެސް ބަޔާނުގައިވެއެވެ.