ޚަބަރު

ދަނގެތިން ފައްސިވީ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް، އެރަށް ދިޔަ މީހެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ފަހު އދ. ދަނގެއްޗަށް ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by STELCO

"ދެން" އަށް އެނގިފައިވާ ގޮތުގައި އެ މީހާ ކޮވިޑަށް ފައްސިކަން އެނގިފައި ވަނީ، ދަނގެއްޗަށް ދިޔަފަހުން ބަލީގެ އަލާމާތްތަކެއް ފެނިގެން ފްލޫ ކްލިނިކަށް ގޮސް ދެއްކުމުންނެވެ.

އެ މީހާ ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެވަނަ ޑޯޒް ޖެހިފަހުން 14 ދުވަސް ވެސް ވެފައި ކަމަށް އެނގިފައިވެއެވެ.

ދަނގެތިން ކޮވިޑަށް ފައްސި ކޭސްއެއް ފެނުމާ ގުޅިގެން އެ ރަށް މިހާރު ވަނީ މޮނީޓަރިންގަށް ލާފައެވެ. އަދި ފައްސި ވީ މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނަ ބަޔަކު އިއްޔެ ފައްސި ވެފައިވަނީ އަތޮޅުތެރެއިންނެވެ. އެގޮތުން އަތޮޅުތެރެއިން އިއްޔެ 242 މީހުން ފައްސި ވެފައިވާއިރު މާލެ ސަރަޙައްދުން ފައްސިވެފައިވަނީ 193 މީހުންނެވެ.

ރާއްޖެއިން އިއްޔެ 465 މީހުން ކޮވިޑް-19 އަށް ފައްސި ވެފައިވެއެވެ. މި އަދަދާއެކު ރާއްޖެއިން މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު މިވަނީ 29،835 އަށް އަރާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!