ޚަބަރު

ސައްޙަކަން ގެއްލިފައިވާ އިމްތިހާނެއް ބޭނުމެއް ނޫން ކަމަށް ބުނެ ބެލެނިވެރިން އިހުތިޖާޖު ކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވެލާނާ ބިލްޑިންގް ކައިރީގައި ބެލެނިވެރިން އިހުތިޖާޖު ކުރަނީ/ ދެން ފޮޓޯ: ޢާލިމް ޢަބްދުއްލަތީފް

ސައްޙަކަން ގެއްލިފައިވާ އިމްތިހާނެއް ބޭނުމެއް ނޫން ކަމަށް ބުނެ ބެލެނިވެރިންތަކެއް ވެލާނާ ބިލްޑިންގުގެ ތިރީގައި އިހުތިޖާޖު ކުރަމުން އެބަ ގެންދެއެވެ.

Ads by STELCO

"ދެން" އަށް އެނގިފައިވާ ގޮތުގައި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނީ، އޭ ލެވެލް އިމްތިހާނުގެ ޕޭޕަރުތަކެއް ލީކުވުމާ ގުޅިގެންނެވެ. އެގޮތުން އެ އިމްތިހާނުގެ ފިޒިކްސް ޕޭޕަރެއް ކުރިން ލީކްވެ، މިއަދު ކެމިސްޓްރީ ޕޭޕަރު ވެސް ވަނީ ލީކު ވެފައެވެ.

އިހުތިޖާޖުގައި ބައިވެރިވި ބައެއް ބެލެނިވެރިން ވަނީ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ އިސްތިއުފާ ދެއްވުމަށް ވެސް ގޮވައިލައިފައެވެ. އަދި ދަރިވަރުންގެ ޙައްޤުތައް ގެއްލެނީ ކަމަށް ވެސް ބެލެނިވެރިން ބުނެފައިވެއެވެ.

އޭ ލެވެލް ކެމިސްޓްރީ ޕޭޕަރު ލީކުވެފައި ވަނީ މިއަދުގެ ހެނދުނު 6:00 ހާއިރެވެ. އެ އިމްތިހާނު ތާވަލް ކުރެވިފައި އޮތީ މިއަދު މެންދުރު 2:00 އަށެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރީގެ ބަހެއް އަދި ލިބިފައެއްނުވެއެވެ.

މިހާރު ކުރިއަށްދާ އޭއެސް/އޭލެވެލް އިމްތިހާނުތަކުގެ ބައެއް މާއްދާ ތަކުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް މީގެ ކުރިންވެސް ވަނީ އަޑުފެތުރިފައެވެ. މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނީ އޭލެވެލްގެ ސުވާލުކަރުދާހެއް ރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން ލީކުވެފައި ނުވާ ކަމަށާއި ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށް އަޅާފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިހުރީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!