ޚަބަރު

ރާއްޖެއިން އޭ ލެވެލް އިމްތިހާނު ކެންސަލްކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިމްތިހާން ކަރުދާސްތައް ލީކްވަމުންދާތީ މިހާރު ކުރިޔަށް ދާ އޭ އެޑެކްސެލް އޭ ލެވެލް އިމްތިހާން ކެންސަލްކޮށްފިއެވެ.

Ads by Hajj Corporation

މިކަން ހާމަކޮށްފައި ވަނީ މިހާރު އެޑިއުކޭޝަނުން ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ ބަދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ، މިހާރު އޭ ލެވެލް އިމްތިހާންގެ ސައްހަކަން ގެއްލުމާއެކު އެ އިމްތިހާން ކުރިޔަށް ނުގެންދަން ނިންމާފައިވާ ކަަމަށާއި އިމްތިހާން ހަދާ ދަރިވަރުންނަށް 2 ޗޮއިސްއެއް ދިނުމަށް ނިންމާފައިވާ ކަަމަށެވެ.

"މިހާރު މިކުރިޔަށްދާ އިމްތިހާނުގައި 2 އޮޕްޝަނެއް ހުށަހަޅަން. އެޑެކްސެލްއިން އަޅުގަނޑުމެންނަށް 2 ޗޮއިސްއެއް ދީފައި މިވަނީ، އެއް ގޮތަކީ މިހާރު މި އެގްޒާމް ހަދަމުންދާ ކުދިން މިހާރުގެ ހަދަމުންދާ ސީރީޒް އިން ވިތްޑްރޯކޮށްފަ، އަންނަ އޮކްޓޯބަރ/ނޮވެންބަރއަށް ބަަދަލުވުން. ދެވަނަ އޮޕްޝަންއަކީ އޭޕްރީލް/މޭ ގަ އެގްޒޭމް ބޭނުންވާ ދަރިވަރުންނަށް، ޓީޗަރ ބޭސްޑް އެސެސްމެންޓަކަށް ދިއުން" މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ އިތުރަށް ވިދާޅުވީ، އޭ ލެވެލް އިމްތިހާނުގެ ބަދަލުގައި ޓީޗަރ ބޭސްޑް އެސެސްމެންޓް ހަދާ ދަރިވަރުންނަށް ރައީސް ދެއްވާ ސްކޯލަރޝިޕްގައި ބައިވެރި ވުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި ނަމަވެސް ޓީޗަރ ބޭސްޑް އެސެސްމެންޓަކަށް ހެދުމަށް ފަހު އެޑެކްސެލްއިން ދޫކުރާ ސެޓްފިކެޓަކީ ބޭރުގެ ޔުނިވަރސިޓީތަކުންވެސް ބަލައިގަންނާނެ ސެޓްފިކެޓެއް ކަަމަށެވެ.

"އަޅުގަނޑުމެން ބޮޑަށް ޕްރިފަރ ކުރަނީ އޮކްޓޯބަރ/ނޮވެންބަރގައި އެކްޒާމް ކޮންޑިޝަންގައި އިމްތިހާން ހެދުމަށް. އެކަމަކު ބައެއް ކުދިން އެބަތިބި ހާލަތު ހުރި ގޮތުން މިވަގުތު ނިންމާލަން ބޭނުންވެފަ ތިބި ކުދިން. އެކުދިންނަށް އެކަނި އަޅުގަނޑުމެން ޓީޗަރ ބޭސްޑް އެސެސްމެންޓް މި ހުޅުވާލަނީ ވެސް. މިގޮތަށް ހަދާ ކުދިންނަށް މި އަސްލު ސްކޯލާޝިޕަށް ކޮންސިޑާ ނުކުރެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީޗާ ބޭސްޑް އެސެސްމެންޓް މޮޑެލްގައި ކަންތައްތައް ވާގޮތް ތަފްސީލުކޮށްދެއްވަމުން ޑީޕީއީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު އިހުސާން ވިދާޅުވީ ޓީޗަރ ބޭސްޑް އެސެސްމެންޓައް ހަދާނީ ސްކޫލުތަކުން ކަމަށެވެ.

"ސްކޫލްތަކުން އެސެސްމެންޓްތައް ތައްޔާރު ކުރާނީ، ސުވާލު ކަރުދާސް ތައްޔާރު ކޮށްފަ، އެގްޒާމް ކޮންޑިޝަންގަ ކޮންޑަކްޓް ކުރާނީ. އެއަށްފަހު އެ މާކްސްތައް އަޅުގަނޑުމެންނާ ހިއްސާ ކުރާނީ. އަދި ހަމައެކީގަ އަޅުގަނޑުމެންނަށް ހިއްސާ ކުރާނެ މިހާރު އެކުދިން ހަދާ މޮކް އެކްޒާމް ރިޒަލްޓް ވެސް އަދި ޓީޗަރުން ދަރިވަރުންނަށް ފޯކާސްޓް ގްރޭޑްތައް ވެސް" އިހުސާން ވިދާޅުވިއެވެ.

ޓީޗާސް ބޭސްޑް އެސެސްމެންޓް މޮޑެލް ދެނީ އެޕްރީލް/ މެއިގައި އިމްތިހާނު ނިންމަން ބޭނުންވާ ކުދިންނަށެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު އެޑެކްސެލް އިމްތިހާން ފެށިފަހުން 3 ފަހަރެއްގެ މަތިން އިމްތިހާން ޕޭޕަރުތައް ވަނީ ލީކްވެފައެވެ. މި ފަހަރުގެ އޭ ލެވެލް އިމްތިހާނުގައި ރާއްޖޭގެ 2،821 ދަރިވަރަކު ބައިވެރިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!