ޚަބަރު

މާންދޫ ކްލަސްޓަރއާ ގުޅުމެއް ނެތް އިސްދޫ މީހަކު ކޮވިޑް 19 އަށް ފައްސި ވެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިސްދޫން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by STELCO

"ދެން" އަށް މަޢުލޫމާތު ދެއްވަމުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު ވިދާޅުވީ، ފައްސިވެފައިވާ މީހާއަކީ ރޭ ހާޓް އެޓޭކެއް ޖެހިގެން އިސްދޫން ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެނައި ބަލި މީހެއް ކަމަށެވެ.

އިސްދޫން މީގެ ކުރިން ފައްސިވެފައިވާ ދެ މީހުންނަކީ މާންދޫ ކްލަސްޓަރއާ ގުޅުން ހުރި، ދަނބިދޫން ފައްސިވީ މީހަކާ ކޮންޓެކްޓްވި ދެ މީހުންކަމަށް އިސްދޫ ސިއްޙީ މަރުކަޒުން މީގެ ކުރިން ވަނީ ބުނެފައެވެ.

އިސްދޫން މީހަކު ފައްސިވުމާ ގުޅިގެން މިހާރު ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ. އަދި މީގެ ކުރިން އެރަށުން މީހަކު ފައްސިވުމާ ގުޅިގެން އެރަށުން 73 ސާންޕަލެއް ވަނީ ނަގައިފައެވެ. އަދި މި ސާންޕަލްތަކުގެ ނަތީޖާ ނުލިބެއެވެ.

އެރަށުން "ދެން" އާ ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ ރަށުގެ ގިނަ ފަރާތްތަކެއް ރޯގާ ޖެހިފައިވާ ކަަމަށާއި ރަށުގައި ކޮވިޑް-19 ފެތުރިފައިވާ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އިސްދޫ މޮނިޓަރިންގެ ހާލަތަށް ނުގެންނަނީ ކީއްވެތޯ އެޗްޕީއޭއާ ސުވާލު ކުރުމުން ބުނެފައި ވަނީ ކަރަންޓީނަށް ލުމަށް ފަހު ބައްޔަށް ފައްސިވުމުން ރަށެއް މޮނިޓަރިންގގެ ހާލަތަށް ނުލާނެ ކަމަށެވެ.

މާންދޫއިން މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެ އަތޮޅުގެ ގިނަ ރަށްތަކަކުން ކޮވިޑް-19 ކޭސްތަކެއް ވަނީ ފެނިފައެވެ. މިގޮތުން މިހާތަނަށް އެއަތޮޅުގެ ގަމުންނާއި ފޮނަދޫގެ އިތުރުން ދަނބިދޫން ކޭސްތަކެއް ފެނި އެތިން ރަށް މޮނިޓަރިންނަށް ވަނީ ލައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!