މާލެ ސަރަޙައްދުގައި ކޮވިޝީލްޑް ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފި

މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި ކޮވިޝީލްޑް ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓައިލައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖޭންސީ އެޗްޕީއޭއިން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާލެ ސަރަޙައްދުގައި ކޮވިޝީލްޑް ވެކްސިން އާއްމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓައިލައިފައި ވާކަމަށާއި އަލުން ޖަހަން ފެށޭނެ ތާރީޙެއް ފަހުން އިއުލާން ކުރެވޭނެ ކަމަށެވެ.
އެޗްޕީއޭއިން މިގޮތަށް ނިންމާފައިވާއިރު ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވަނީ ވެކްސިންގެ ސްޓޮކް މަދުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ދެމުން ގެންދަނީ ތިން ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާކުރި އަސްޓްރާޒެނެކާ ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކޮށްފައިވާ ސިނޮފާމް ވެކްސިންގެ އިތުރުން ބަޔޮއެންޓެކް ފައިޒާ ވެކްސިނެވެ.