ދުނިޔެ

އީދަށް ސައުދީގައި 11 ދުވަހުގެ ބޮޑު ބަންދެއް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މި އަހަރުގެ ފިޠުރު އީދުގައި ސައުދި އަރަބިއްޔާއަށް ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި 11 ދުވަސް ބަންދު ކުރަން އެގައުމުގެ ރަސްގެފާނު، ކިންގް ސަލްމާން ބިން އަބްދުއަޒީޒް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެގޮތުން ފިތުރު އީދުގައި ސަރުކާރު މުވައްސަސާތަކަށް 11 ދުވަސް ބަންދުވި ނަމަވެސް ބައެއް ފަރާތްތަކަށް ބަންދު ނުވާނެ ކަމަށް ވެސް ސަލްމާން ވިދާޅުވިއެވެ. އޭގެ ތެރޭގައި، ގައުމުގެ ސަލާމަތަށް މަސައްކަތް ކުރާ އަސްކަރިއްޔާ، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުން، ބޭންކުތައް އަދި ސަބްކޮންޓްރެކްޓް ކޮށް މަސައްކަތް ކުރާ ފަރާތްތައް ސަލްމާން ވަނީ ފާހަގަ ކުރައްވައިފައެވެ.

އެ ގައުމުގެ ގާނޫނުތައް ބުނާ ގޮތުން ފިތުރު އީދަކީ ހުކުރު ހޮނިހިރު ނުހިމެނޭ ގޮތަށް ރަމަޟާން މަހުގެ 30 ވަނަ ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ދެވޭ ބަންދެކެވެ. އެއީ 30 ރަމަޟާން އިން ފެށިގެން ޝައްވާލް މަހުގެ 3 ވަނަ ދުވަހާ ހަމައަށެވެ.

އެގޮތުން އެ މުއްދަތުގައި ހަފްތާ ބަންދެއް އައިސްފި ނަމަ އެ ދުވަސްތައް އީދުގެ ގޮތުގައި ނުބެލޭނެ ކަމަށް ވެސް އެ ގާނޫނުގައި ވެއެވެ. އަދި އީދު ދުވަސްތަކުގައި ކުންފުނިތަކުގައި އިތުރު މަސައްކަތް ކުރާ ނަމަ އާންމުކޮށް ދެވޭ މިންވަރަށް ވުރެ ދެގުނައަށް އެ މުވައްޒަފަކަށް ލިބެން ޖެހޭނެ ކަމުގައި ވެސް އެ ގާނޫނުގައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!