ރިޕޯޓް

ރަޒާން: ގެއިން ނިކުތީ ޒަހަމްވާ މީހުންނަށް އެހީވުމަށް ، ގެއަށް ގެނެވުނީ ލެއިން ތަތްތެޅިފައިވާ ޔުނިފޯމް 

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މެއި މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ނަރުހުންގެ ދުވަސް ގޮތުގައި ފާހަގަ ކުރާ ނަރުހުންނަށް ވަރަށް ޚާއްސަ ދުވަހެކެވެ. މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮވިޑް-19 ގެ ބިޔަ ރާޅާއެކު ވެސް އެއްވެސް ޖެހިލުމެއް ނެތި ބަލިމީހުންނަށް ފަރުވާ ދިނުމުގައި ހިތްހެޔޮ އެތައް ނަރުހުންނެއް ދެމި އެބަ ތިއްބެވެ.

Ads by STELCO

މިއަދު އަޅުގަނޑުމެންގެ ހަނދާނުގައި ކުރަހައިލަނީ ހިތްވަރުގަދަ ނަރުހެކެވެ. މުޅި ދުނިޔެ ބަލައިގެން މުޅި ދުނިޔޭގެ ލޯބި ލިބިފައިވާ ނަރުހެކެވެ. އަދި ޢިއްޒަތާއެކު މި ދުނިޔެއިން ވަކިވި ޝަހީދެކެވެ. އާދޭހެވެ. މި ދަންނަވަނީ 2018 ވަނަ އަހަރު ފަލަސްތީނުގެ ހަނގުރާމައިގެ ތެރެއިން އަނިޔާ ލިބެމުން ދިޔަ ފަރާތްތަކަށް އެއްވެސް ބިރެއް ޖެހިލުމެއް ނެތި އެހީތެރިކަން ފޯރު ކޮށްދެމުން ދަނިކޮށް، ނުބައިވެގެންވާ އިސްރާއިލްގެ ހަމަލާގެ ޝިކާރައަކަށް ވެގެން މި ދުނިޔެއިން އަލްވަދާއު ކީ ޝަހީދު "ރަޒާން އަލް ނައްޖާރް" ގެ ވާހަކައެވެ.

ރަޒާން ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވަނީ

މައުސޫމް ރައްޒާން އަކީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހު ޝަހީދު ކޮށްލެވުނު ހިތްވަރުގަދަ ނަރުހެކެވެ. އެއްވެސް އުޖޫރައަކާ ނުލައި އިންސާނިއްޔަތު ކަމަށް ޓަކައި، އަދި ދީނަށް އޮތް ލޯތްބެއްގެ ބޮޑު ކަމުން އޭނާ ނިކުތީ ހަނގުރާމައިގެ މައިދާނަށެވެ. އޭނާ ނިކުތީ އެ ހަނގުރާމައިގެ މައިދާނުގައި އިސްރާއިލްގެ ހަމަލާގެ ޝިކާރައަށް ވަމުން ދިޔަ ނިކަމެތި މުސްލިމުންނަށް އޭނާގެ ފަރާތުން އެހީތެރިކަން ފޯރު ކޮށްދިނުމަށެވެ.

ރަޒާންގެ ޖަނާޒާގެ ތެރެއިން

ރަޒާން ޝަހީދުވެ މިދުނިޔެއާ އަލްވަދާއު ކީ އިރު އޭނާގެ އުމުރަކީ އެންމެ 21 އަހަރެވެ.

ރަޒާންގެ މަންމައާއި ބައްޕަގެ ލޮލުން މިއަދު އެ ދަރިއަކަށް ޓަކައި ކަރުނަ އޮހޮރި ކަމުގައި ވީ ނަމަވެސް އެ ދެލޮލުން އޮހޮރޭ ކޮންމެ ކަރުނަ ތިއްކަކީ ވެސް އެ ދަރިފުޅާ މެދު އެ މައިންބަފައިން ފަޚުރުވެރިވާކަން ރަމްޒު ކޮށްދޭ ހެއްކެއް ކަން ގައިމެވެ. މިއަދު އެ މައިންބަފައިން ބުނާފަދައެވެ.

"ތިމަންނާގެ ނަރުހެއް ހުއްޓެވެ. އެ ނަރުސް ނިޔާވީ ޚިދުމަތުގައި ވަނިކޮށެވެ. އެދަރި ޝަހީދުވީ ދީނަށް ޓަކައި ޚިދުމަތް ކުރަނިކޮށެވެ. މިއަދު އެ ދަރިއާ މެދު އަހަރެމެން ފަޚުރުވެރި ވަމެވެ."

ގެއިން ނިކުމެގެން ދިޔައީ ރަޒާންއެވެ. ރީތި ސާފު ޔުނިފޯމުގައެވެ. މަންމަ ގާތުގައި އަދި އަންނާނަމޭ ބުނަމުންނެވެ. ބައްޕަ އާއި މަންމަ ގައިގައި ނުހަނު ލޯބިން ބައްދާލަމުންނެވެ. އެހެން ނަމަވެސް ކަންތައް ދިމާވީ ވަރަށް ދެރަކޮށެވެ. ބަލަން ހުރި ކޮންމެ މީހެއްގެ ހިތް ފަޅައިގެން ދާނޭ ކަން ކަށަވަރެވެ. ފަލަސްތީނުގެ އޮފިޝަލުން އައިސް ރަޒާން ދިރިއުޅޭ ގޭގެ ދޮރުގައި ޓަކި ޖަހާލުމަށް ފަހު އެ މައިންބަފައިންގެ އަތަށް ދިއްކޮށްލީ، ލެއިން ތަތްވެފައިވާ ހުދު ކުލައިގެ ޔުނިފޯމެވެ. އެއީ އެ ދެމަފިރިންގެ ލޯބިވާ ރަޒާން ލައިގެން ނިކުތް ޔުނިފޯމެވެ.

ރަޒާން ޝަހީދުވި އިރު ރަޒާން ލައިގެން ހުރި ޔުނިފޯމް ހިފަހައްޓައިގެން ރަޒާންގެ މަންމަ

އެ ދުވަހަކީ މުޅި ދުނިޔެ އޭނާއަށް ޓަކައި ފަޚުރުވެރިވި ދުވަހެކެވެ. އެ ދުވަހަކީ މުޅި ދުނިޔެ އެފަކީރުގެ ވަކިވެ ދިއުމާއެކު ކަރުނަ އަޅައި ރުއި ދުވަހެކެވެ. ފޭސްބުކް ފަދަ އެކި މަންސަތައް ވެސް ފަތަހަ ކުރީ ރަޒާންއަށް ކިޔައިފައިވާ ތައުޒިޔާގެ އެކި މެސެޖުތަކުންނެވެ. ރަޒާންއަށް ޓަކައި އެންމެން ކުރިހާ ހެޔޮ ދުޢާ ތަކުންނެވެ. ރަޒާންގެ އެންމެ ފަހު ބުނުމުން ވެސް އޭނާގެ ހިތްވަރު ގަދަކަން ހާމަވެގެން ދިޔައެވެ.

"އަހަރެން ގަޔަށް ވަޒަން އަރުވާ. އަހަރެން ބިރެއް ނުގަނޭ".

ރަޒާންގެ ޖަނާޒާގެ ތެރެއިން

ޖޫން މަހުގެ 2 ވަނަ ދުވަހު ރަޒާންގެ ޖަނާޒާގައި ބައިވެރިވި މީހުންގެ އަދަދަށް ބަލައިލި ނަމަވެސް އެމަންޒަރު ފެނިގެންދާނެއެވެ. އެތައް ބަޔަކު ކަރުނަ އަޅައި ރޮނީއެވެ. ރަޒާންގެ މަންމައަށް ކުރާނެ އަސަރު ދެން ނިކަން ތަސައްވަރު ކޮށްލަބަލާށެވެ. އޭނާގެ ވަކިވެދިއުމާ އެކު މުޅި ދުނިޔެ އެކަމާ މެދު ހިތާމަ ކުރަނީއެވެ. އެއީ ފަޚުރުވެރި ނަރުހެކެވެ. އަޅުގަނޑުމެން މިއަދު ބޭނުން ވަނީ މިފަދަ ހިތްވަރު ގަދަ އަދި ކެރޭ ނަރުހުންނެވެ. މިއަދު އަޅުގަނޑުުމެން ތަހައްމަލު ކުރަމުން މިދާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑު ކަމުގަައި އެތައް ބަޔަކު ދުނިޔެ ދޫކޮށް ދާއިރު، އަޅުގަނޑުމެންގެ ހީވާގި ނަރުހުން އަންނަނީ ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ. އެ ނަރުހުންގެ މަސައްކަތާމެދު އަޅުގަނޑުމެން ފަޚުރުވެރި ވަމެވެ. ބޭނުންވަނީ ރަޒާން ފަދަ އެތައް ނަރުހުންނެކެވެ. މާތްﷲ ރަޒާންގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވާށި. އާމީން

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!