އެމްއެންޔޫއެސްޔޫ ޢީދު ތަހުނިޔާ: ފޯރިގަދަ ބޮޑުބެރު ލަވައަކުން
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންއިން ފިތުރު ޢީދު ދުވަހުގެ ތަހުނިޔާ މިފަހަރު ކީ ތަފާތު ގޮތަކަށެވެ.
އެއީ އެމްއެންޔޫއެސްޔޫގެ ދަރިވަރުންގެ ބުރަ މަސައްކަތް ދައްކުވައިދޭ ފުރިހަމަ ތަހުނިޔާއެކެވެ. އެ ޔޫނިއަންއިން މިފަހަރު ޢީދު ދުވަހުގެ ތަހުނިޔާ ކީ ބޮޑުބެރު ލަވައަކުންނެވެ. އެ ލަވަ ފޯރިގަދަވެފައި ހިތްގައިމެވެ. ބަސްތައް އަތުރާލައިފައިވާ ގޮތުން ހިތަށް ޖޯޝު ގެނުވައިދެއެވެ.
މިލަވައާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެމްއެންޔޫއެސްޔޫގެ ރައީސް އަބްދުالله ޝަހުނީޒް ވިދާޅުވީ މިއީ އެމްއެންޔޫއެސްޔޫ ބޮޑުބެރު ގުރޫޕް ކުރިއެރުވުމުގެ އިތުރުން، ގިނަ ދަރިވަރުންތަކަކަށް ފުރުސަތުތަކެއް ހޯދައިދިނުމަށް 4 ދުވަހުގެ ތެރޭގައި ރޭވުންތެރިކަމާއެކު ކުރެވުނު މަސައްކަތެއް ކަމަށެވެ.
“އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއްް އެއީ ދުވަސްތައް ފާހަގަ ކުރާއިރު ތަފާތު އައު ކަންކަން ތަޢާރަފް ކުރުން. އަދި އެމްއެންޔޫއެސްޔޫ ބޮޑުބެރު ގުރޫޕަކީ ސަޤާފީ ކަންކަން ކުރިއެރުވުމަށް ޚާއްސަ އިސްކަމެއް ދޭ ގުރޫޕެއް.” ޝަހުނީޒް ވިދާޅުވިއެވެ.
މީގެ އިތުރުން އެމްއެންޔޫއެސްޔޫގައި އުފެއްދުމަށް ގަސްތުކުރާ ސަޤާފީ ކުލަބުގައި ވެސް ބޮޑުބެރު ގުރޫޕްގެ ބޮޑު ދައުރެއް އޮންނާނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެމްއެންޔޫއެސްޔޫ އިން މަސައްކަތް ކުރަނީ މަސައްކަތްތައް މިއަށްވުރެ ވެސް ފުރިހަމަ ކުރުމަށް ކަމުގައި އޭނާ ވިދާޅުވިއެވެ.
އެމްއެންޔޫއެސްޔޫގެ މި ބޮޑުބެރު ލަވައިގެ ހުރިހާ މަސައްކަތެއް ވެސް ކޮށްފައިވަނީ އެމްއެންޔޫގެ ދަރިވަރުންނެވެ. އަދި މި ލަވަ ރިލީޒް ކުރިތާ މާ ގިނައިރުތަކެއް ނުވެ އާންމުންގެ ބޮޑު ތަރުހީބެއް މި ލަވައަށް ވަނީ ލިބިފައެވެ. އެގޮތުން ފޭސްބުކުން މި ލަވަ މިހާރު 12 ހާހަށްވުރެ ގިނަ މީހުން ބަލާފައިވާއިރު 200އަށްވުރެ ގިނަ މީހުން ވަނީ މިލަވަ ހިއްސާ ކޮށްފައެވެ.