ރިޕޯޓް

ވޭނާ ތަކުލީފުން ފުރިގެންވާ އަސްރާގެ ހަޔާތް އޭނާގެ ދުލުން: ނޯމަލް މީހެއްގެ ގޮތުގައި އެންމެ ދުވަހަކު ނަމަވެސް އުޅެން ބޭނުން

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއީ ރޭ މުޅި ގައުމު ރޮއްވާލި އަސްރާގެ ވާހަކައެވެ. ޓީވީއެމުން ގެނެސްދޭ “އިހުސާސް” ޕްރޮގްރާމްގެ ވަދާޢީ އެޕިސޯޑްގައި ރޭ ބައިވެރިވި އަސްރާގެ ވާހަކަތައް އަޑު އެހި ކޮންމެ މީހެއްގެ ހިތުގައި މަސްހުނި އެތައް އިހްސާސެއް ޖަމާވާނެއެވެ. ލޯތައް ކަރުނުން ފުރާލާނެއެވެ.

Ads by MWSC

އަސްރާގެ އެންމެ ކުޑައިރުގެ ދިރިއުޅުމަށް ބަލާއިރު އޭރު އެންމެ ބޮޑަށް ދެކެވުނު ވާހަކައަކަށް ވެގެންދިޔައީ ހިނގަން ނުފެށުމެވެ. އާންމުކޮށް އަހަރެއް ނުވަތަ ދޮޅު އަހަރުން ކުއްޖަކު ހިނގަން ފަށާއިރު، 3 އަހަރު ވެގެން ދިޔަ އިރު ވެސް އަސްރާއަކަށް ހިނގޭ ގޮތެއް ނުވެއެވެ. އޭރު އަސްރާއަށް ނުހިނގޭ ވާހަކަ އެންމެން ވެސް ދައްކައެވެ. އެހެން ނަމަވެސް ލަހުން ހިނގާ ކުދިން ވެސް ތިބޭކަމަށް ގިނަ މީހުން ބުނުމާއެކު އެއީ މާބޮޑު ކަމަކަށް އޭރު ނުވިއެެވެ.

ސްކޫލު ދައުރު ފެށި، ކުދިންނާ ބައްދަލުވާން ފެށިއެވެ. އެކި ހަރަކާތްތަކުގައި އަސްރާ ބައިވެރިވާން ބޭނުންވި ނަމަވެސް ކަންތައްތައް ކުރާނެ ހާ ހިތްވަރެއް ގަޔަކު ނުހުރެއެވެ. ގިނަ ކުދިންގެ ފަރާތުން ލިބެމުން ދިޔައީ ހަނގާ ކުރުމާއި ފުރައްސާރައެވެ. ކުރެހުމަށް ލޯބި ކުރާ އަސްރާ އެކަން ވެސް ކުރާ ހިތް ކެނޑުނީ އޭނާގެ ކުރެހި މާމެއިޑްގެ ކުރެހުމެއްގެ ސަބަބުން މުޅި ކްލާހުގައި އޭނާ ލަދު ގަންނަވައިލުމުންނެވެ. އެ ހިތްދަތި ކަމުގައެވެ.

އަސްރާގެ ޞިއްޙަތަށް އޮތް ނުރައްކާ އެނގުނީ އަނގައިންނާއި ކުޑަކަމުދާއިރު ވެސް ލޭ އަންނަން ފެށުމުންނެވެ. އާދައިގެ މަތިން ގޭތެރޭގެ މަސައްކަތެއްގައި އުޅެނިކޮން ކުޑަކޮށް ކެއްސާލި ތަނާ އަނގައި ލޭ އައުމުން ޑޮކްޓަރަށް ދެއްކުނެވެ. އެހެން ނަމަވެސް ބަލީގެ ޙަޤީޤަތް ނުހޯދި އެއީ މާ ބޮޑު ކަމެއް ނޫން ކަމަށް ނުރައްކާތެރި ދުވަސްތައް އާދައިގެ މަތީން މާޒީވެ ދިޔައީއެވެ.

ސްކޫލް ދައުރު ނިމި އަސްރާ މާލެ ބަދަލުވީ ފޮނި ހުވަފެންތަކެއް ދެކިގެންނެވެ. އަލަތު ކައިވެންޏެއްކޮށް އުޅޭ ތަނުގެ ކުލި ދެއްކުމާއި، އެހެނިހެން ބޭނުންތައް ކުރުމަށް ފައިސާ ބޭނުންވާނެތީ އަސްރާ ދާން ފެށީ ވަޒީފާއަކަށެވެ. ފިހާރައެއްގެ ކޭޝިއަރުކަން ކުރަމުން ދިޔައިރު ވެސް ވަރުބަލިވުމާއި، އެކި ކަންތައްތައް ދިމާވަމުން ދިޔައެވެ. މިހެން ދުވަސްތައް ފާއިތުވަމުން ގޮސް ފިހާރައިގައި އިންދާ ވަރަށް ގަދަޔަށް ހުން އަންނަން ފެށި ކަމަށް އަސްރާ ބުންޏެވެ. އެހެން ނަމަވެސް ޑޮކްޓަރަށް ދައްކާނެހައި ފައިސާއެއް އަތަކު ނެތެވެ. އެދުވަހު މާ ބޮޑަށް ހުން އަންނަން ފެށުމުން ޑޮކްޓަރަށް ދައްކަން އަސްރާ ދިޔައީ އާދައިގެ ހުމެއް ކަމަށް ހީކޮށެެވެ. އެހެން ނަމަވެސް ކަން ދިމާކުރީ މުޅިން އެހެން ގޮތަކަށެވެ.

އަސްރާގެ ހާލަތު ގޯސް ކަމަށް ޑޮކްޓަރުން ބުނީ އެހިސާބުންނެވެ. ވަގުތުން އައިސީޔޫގައި އެޑްމިޓުވާން ޑޮކްޓަރުން ބުންޏެވެ. ފައިސާގެ ތަނަވަސްކަމެއް ނެތް އަސްރާގެ ވިސްނުމަށް ދެން އައީ އެކަމުގައި ދާނެ ހަރަދެވެ. ހޮސްޕިޓަލުން ނިކުމެ ޑޮކްޓަރުންނަށް ނާންގާ އަސްރާ ނިންމީ ގެއަށް ދާށެވެ. އިތުރު ގޮތެއް ނެތުމުންނެވެ. ގެޔަށް ގޮސް އާއިލާ މީހުންނާ އެވާހަކަ ހިއްސާ ކުރިއެވެ. އަސްރާގެ ހާލަތު ރަނގަޅެއް ނޫނެވެ.

އަސްރާ އައިސީޔޫގައި އެޑްމިޓް ކުރެވުނީ އޭގެ ދެ ދުވަސް ފަހުންނެވެ. މަހެއްހައި ދުވަހު އަސްރާއަށް އައިސީޔޫގައި ފަރުވާދެވުނެވެ. ފަލަކޮށް ހުންނަ އަސްރާ އައިސީޔޫން ނެރުނު އިރު ހުރީ މީހާގެ ސިފަ މުޅިން ބަދަލުވެފައެވެ. ވަރަށް ބޮޑަށް ހިކިފައެވެ. އޭރުވެސް އަސްރާއަށް އެހެން ވާން މެދުވެރި ވަނީ ކިހިނެއް ވެގެން ކަމެއް ނޭނގެއެވެ. ކޮން ބައްޔެއް ހުރެގެން ކަމެއް ޑޮކްޓަރުންނަށް ވެސް ބުނެދޭކަށް ނޭނގުނެވެ.

ޑޮކްޓަރުންގެ ލަފާގެ މަތިން ރާއްޖެއިން ބޭރަށް އަސްރާ ފުރައިގެން ދިޔައީ އޭނާގެ ފިރިމީހާއާ އެކުގައެވެ. އެތަނަށް ގޮސް ދެއްކުމުން އަސްރާގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުން ބުންޏެވެ. ކަންތައްތައް ދެން ދިމާވީ މުޅިން އެހެން ގޮތަކަށެވެ. އަސްރާއަށް ދަރިން ނުލިބޭނެ ކަމަށް ބުނެ އަސްރާގެ ފިރިމީހާގެ ފަރާތުން ފެނުނު ނޭދެވޭ އަމަލުތައް ތަހައްމަލު ކުރަން ޖެހުނެވެ. އަސްރާ އެ ބަލި ހާލުގައި ދޫކޮށްލާފައި އަސްރާގެ ހަޔާތުން ދުރަށް އޭނާ ދިޔައީ އިންސާނިއްޔަތުގެ އެއްވެސް ރަހުމެއް ކުލުނެއް ނެތިއެވެ.

އަސްރާ ބުނަނީ އެއީ ދުވަހަކު ވެސް ހަނދާނުން ފޮހެނުލެވޭނެ ދުވަސްތަކެއް ކަމަށެވެ. ބަލި ހާލަތު ދުވަހެއް ދުވަހަކަށް ދިޔައީ ގޯސް ވަމުންނެވެ. ވާނުވާ ނޭނގި ވެއްޓެނީއެވެ. އަނގައި ލޭ އައުން އިތުރުވެ، ގައިގައި ވަރުދެރަވެ، ނުހިނގޭ ހާލަތަށް ވެސް އަސްރާ ދިޔައެވެ.

އަސްރާގެ ހަޔާތާ ދެން ބައްދަލު ކުރީ އޭނާ މިހާރު އިނދެގެން އުޅޭ ޔާސިރުއެވެ. ޔާސިރުގެ ވާހަކަ ޝޯގައި އަސްރާ ސިފަކޮށްދިނީ އެއީ އޭނާއަށް ލިބުނު އަގުބޮޑު ޖަވާހިރެއްގެ ގޮތުގައެވެ. ދިމާވި ކޮންމެ ކަމެއްގެ އަތުގައި ބާރަށް ހިފަހައްޓާލައިގެން ހުންނަ މީހަކީ ޔާސިރެވެ.

ޔާސިރުގެ ވާހަކަތަކުން ސިފަވެގެން ދިޔައީ އޭނާގެ ހިތުގައި އަސްރާއަށް ޓަކައި އޮތް ލޯތްބެއްގެ ބޮޑުކަމެވެ. އަސްރާއާ އެކީގައި އަބަދުވެސް ހުންނާނެ ކަމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. ބަލި ވުމަކީ ކުށެއް ނޫން ކަމަށާއި، ބަލި ވުމުން ދެން ކުރެވޭނެ ކަމަކީ ގަދައަޅައި މަސައްކަތް ކުރުން ކަމަށް ޔާސިރު ބުނެއެވެ.

“އަސްރާ އަތުގަ އަޅުގަނޑު ހިފީ ވަކި ހިސާބަކުން ދޫކޮށްލާކަށް ނޫން. އަސްރާ އުޅޭ ހާލު ގާތުން ފެނި އެކަމުގަ ބައިވެރިވާން”

އެއިސެންމެންގާ ސިންޑްރޯމް އާ ހަނގުރާމަ ކުރަމުން އަންނަ އަސްރާ ފުރާނަ ސަލާމަތް ކުރެވެން އޮތީ ހިތާއި މޭގެ ޓްރާންސްޕްލާންޓެއް ހަދައިގެންނެވެ. މި ޓްރާންސްޕްލާންޓު ހެދުނު ކަމުގައި ވިޔަސް އަސްރާއާ މެދު ޑޮކްޓަރުންގެ ލަފާއަކީ މަދުވެގެން އެއްއަހަރު ދުވަހުގެ އާންމު ދިރިއުޅުމެކެވެ. އެ ލިބޭ އެއް އަހަރަކީ އަސްރާ ބޭނުންވާ ހުރިހާ ކަމެއް ކުރެވޭނެ އުފަލުގައި އުޅެވޭނެ އަހަރަކަށް ވެގެން ދާނެކަމަށް ޔާސިރު ބުނެއެވެ.

ޝޯގެ އެހައި ހިސާބުން ޕްރެޒެންޓާ ނަމްޒާގެ ސުވާލު އަމާޒުވީ އަސްރާއަށެވެ. އެ އެއް އަހަރު ދުވަސް އަސްރާ އަށް ލިބިއްޖެނަމަ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟

ޖަވާބުގައި އަސްރާ ބުނެލި ބަސްކޮޅުން ހިތްތައް ކުދިކުދިކޮށްލިއެވެ. ލޯތަކުން ކަރުނަ އޮއްސައިލިއެވެ. އެތައް ޢިބްރަތެއް އިޙްސާސްވިއެވެ.

“ނޯމަލް ލައިފެއް އުޅެލަން ހަމަ އެންމެ ދުވަހެއް ބޭނުން. އެއް އަހަރު ވިޔަސް މި އޮޕަރޭޝަން ކުރަން އަޅުގަނޑު ބޭނުން. އާދައިގެ މީހުން މިއުޅޭހެން އެއްދުވަހު ނަމަވެސް އުޅެލަން ބޭނުން. މި އޮކްސިޖަން މެޝިނާ ނުލައި ބޭހާ ނުލައި އުޅެން ބޭނުން”

 

ހިފެހެއްޓުމެއް ނެތި އަސްރާގެ ލޮލުން ފައިބަމުން ދިޔަ ކަރުނައިން އޭނާއަށް އެ ދުވަހަކަށް އިންތިޒާރުކުރާ މިންވަރު އެނގިގެންދިޔައެވެ.

އަސްރާގެ ވާހަކައަކީ ތަފާތު ވާހަކައެކެވެ. އެންމެ ކުޑައިރުންސުރެ ފެށިގެން ވެސް އޭނާގެ ޙަޔާތުގައި އޮތީ ކަރުނައެވެ. ހިތްދަތިކަމާއި ވޭނެވެ. ކުޑައިރުގެ ރީތި ދިރިއުޅުމުން މަހުރޫމްވިއިރު ހަޔާތުގެ ބޮޑުބައި އެ ހޭދަ ކުރަނީ ބަލި މީހެއްގެ ގޮތުގައެވެ. އޭނާގެ ޙަޔާތަށް އެތައް ބަޔަކު އައިސް ވަކިވެގެން ހިނގައްޖެއެވެ.

ފަހެ އެ ވޭނުގައި އަސްރާ ހިނިތުންވެ އިނދެ ދެއްކީ ވަރުގަދަ ހިތްވަރެވެ. ހަމައެއާއެކު އަސްރާގެ ފިރިމީހާގެ ކަންކަމާމެދު އަޖައިބު ހީވެއެވެ. އަސްރާގެ ޙަޔާތާއި އޭނާގެ ޙަޔާތް ގުޅި މަހައިލި ހަމައެކަނި ބޭނުމަކީ އަސްރާ ދިރިއުޅުމަށް ކުރާ ހަނގުރާމައިގައި ބައިވެރިވުމެވެ. މިސްރާބު ގެއްލިފައިވާ ދިރިއުޅުމުގެ ނައު ކޮންމެ ވެސް ދުވަހަކުން އަމާން ބަނދަރަކަށް ލަފައިލެވޭނެ ކަމުގެ އުއްމީދާއެކުގައެވެ.

އަސްރާއަށް ބޭނުންވާ އެންމެ ކުދިކުދި ކަންތައްތަކުން ފެށިގެން އޭނާ ގޮވައިގެން ބޭސްފަރުވާ ކުރުމަށް ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރު އެ ކުރަނީ ފިރިމީހާއެވެ. ބޭސްފަރުވާއަށް ޚަރަދުވާ އެތައް ލައްކަ ރުފިޔާއެއް ހޯދުމަށް މަސައްކަތް ކުރަނީ ފިރިމީހާއެވެ. ނަމަވެސް އެއީ އޭނާއަށް ކޮށްދެވޭ ބޮޑު ކަމެއްގެ ގޮތުގައެއް އޭނާ ނުދެކެއެވެ.

"އަޅުގަނޑަކަށް ނުކޮށްދެވޭ މާބޮޑު ކަމެއް އަސްރާއަކަށް"

އަޖައިބެކެވެ. ލޯބީގެ ނަމޫނާއެކެވެ. ހިތްދަތިކަމުގައި ވެސް ފެންނަ ލޯބީގެ މިސާލެކެވެ.

ހިތަށް އެރިއެވެ. އަހަރެމެން ނޭވާ މި ލަނީ ހާދަހާ ފަސޭހައިންނެވެ. ނޭވާއަކަށް ފަހު ނޭވާއެއް ދޫކޮށްލާއިރު އެކަމުގައި އަގެއް އޮތް ކަމުގެ ކުޑަވެސް އިހްސާސެއް ނެތެވެ. ހިނގާބިނގާވެ އުޅޭއިރު ، އަމިއްލައަށް ހުރިހާ ކަމެއް ކޮށް އުޅޭއިރު އެކަންކަމަކީ ނިޢުމަތެއްކަން ހިތަށް އަރުވައިލާން ވެސް ނޭނގެއެވެ. އަސްރާ އެ ގެންދަނީ އެ ހުރިހައި ކަމަކަށް ފައިސާއިން އަގު ދައްކަމުންނެވެ. ޖިސްމުން ވޭން ތަހައްމަލް ކުރަމުންނެވެ. މި ހުރިހާ ކަމަކާއެކު ވެސް އަސްރާ އެ އިންނަނީ ހިނިތުންވެއެވެ. ކިހިނެއް ހެއްޔެވެ؟ އެހާ ބޮޑު ހިތްވަރެއް އަސްރާ ހޯދީ ކިހިނެއް ހެއްޔެވެ؟

އަސްރާގެ އެ ވޭންހުރި ދިރިއުޅުން އަހަރެމެން އެންމެންނަށް ޢިބްރަތަކަށް ފުދެއެވެ.

އަޅުގަނޑުމެން އެންމެންގެ ވެސް ދުޢާ އަކީ އަސްރާއަށް އަވަސް ޝިފާއެއް މިންވަރުކޮށް ދެއްވުމެވެ. އާދައިގެ ދިރިއުޅުމެއްގައި އެންމެ އަހަރެއް ނޫނެވެ. ދިރިއުޅުމުގެ ފޮނި މީރުކަމާއި ރީތިކަން އަސްރާއަށް އެތައް އަހަރެން ވާންދެން އިޙްސާސް ކުރުމުގެ ތައުފީގު ދެއްވާށިއެވެ. އަސްރާއަށް ދިގު އުމުރެއް ދެއްވާށިއެވެ. އާމީން!

Ads by Allied Insurance
  1. އަބުދުއްސައްތާރު

    އަސްރާއަށް ދިގުއުމުރެއް ދެއްވާށިއެވެ، އާމީން
    އަސަރުގަދަ ވާހަކައެއް

  2. ހަމީދު

    ބުނެލަން އޮތީއަސްރާގެ ފިރިމީއަން ތިކޮއްދޭ ޚިދުމަތުގެ އަގުތިބާއަން ގެއްލިގެންނުދާނެވާހަކަ މިއަދު ނުލިބުނިއްޔާ މާދަމާތިކަމުގެ ފޮނިކަން ލިބޭނެ އެއީޝައްކެއްވެސް ނެއްކަމެން މާތްﷲއަސްރާއަޝާ ތިބާއަން ހެޔޮރަހުމަތްލައްވާށި އާމީން

  3. އާމީން

  4. ޢަލީ

    އިބުރަތްތެރި ވާހަކައެއް ވަރަށްވެސް އަސަރުކޮއްފި އަސްރާއަށް ދިގު އުމުރެއް ދެއްވާށިއެވެ. އާމީން!
    އަޅުގަޑު މެންނަށް މިހުރިހައި ނިއުމަތެއް ދެއްވި ﷲސުކުރުވެރި ނުވާތީ ހިތާމަކުރަން.

  5. ރޭގަ ހަމަ ރޮވުން ޓީވީ ބަލާފަ..އަސްލު އަސްރާ ވަރަށް ހިތްވަރުގަދަ..ﷲއަށް ޝުކުރު ކުރަން ތިހާ ރަނގަޅު ކެއްތެރި ހިތްވަރުގަދަ ލޯބިވާ ފިރިއަކު ދެއްވީތީ…ގިނައިން ހެޔޮ އަމަލުކޮށް ގިނަގިނައިން ދުޢާ ކުރޭ..އިންޝާﷲ އަސްރާއަށް އަދި ނޯމަލް ލައިފެއް ލިބޭނޭ…

  6. ހުސެން

    އަސްރާއަށް އުފާވެރި ދިރިއުޅު މެއް ލައްވާ އަވަސް ށިފާއަކައް ލައްވާށި

  7. ޙަކީމް

    އަސްރާއަށް އަވަސް ޝިފާއެއް ﷲ މިންވަރުކުރައްވާށި

  8. ރަށިމީހާ

    އަސްރާ ބުރުގާ ނެގީމަ ވަރަށް ދެރަ ވެއްޖެ. ތިފަދަ ހާލަތުގަ ވަކިން ބޮޑަށް ދީން ވެރިވެ ﷲގެ ޙަޟްރަތަށް ދުޢާ ދެންނެވުން ގިނަ ކުރަން ފެނޭ..!