ޚަބަރު

މަތީ ތަޢުލީމް ހާސިލް ކުރާ ދަރިވަރުންގެ ލަޝްކަރު ފަލަސްތީނަށް އެހީވާން ތެދުވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އާއި ރާއްޖޭގެ އެހެން ހުރިހާ ކޮލެޖު ޔުނިވާސިޓީތަކުގެ ސްޓޫޑެންޓް އެސޯސިއޭޝަންތައް އަދި “މާރސީ" ޖަމިއްޔާއާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

Ads by STELCO

މާސީއާ އެމްއެންޔޫއެސްޔޫއިން ބައްދަލުކޮށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ. އެގޮތުން ފަލަސްތީނުގެ ހާލަތާމެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުވުމަށް ޓަކައި ޕޯސްޓަރުތަކެއް ހެދުމަށް ވަނީ ނިންމާފައެވެ. އަދި އެމްއެންޔޫއެސްޔޫ އާއި އެހެން ޔޫނިއަންތައް އަދި މާސީއިން ގުޅިގެން މިކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކެމްޕޭނެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޕެނަލް ޑިސްކަޝަންތަކެއް ބޭއްވުމަށް ވެސް ނިންމައިފައިވާއިރު ވާރޗުއަލް ފަންޑް ރައިޒިންގ އިވެންޓެއް މިހާރު ވަނީ ފަށައިފައެވެ. އަދި އެ އިވެންޓުން ލިބޭ ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ފޮނުވުމަށް ވެސް ވަނީ ހަމަޖައްސާފައެެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ފަންޑް ރައިޒިންގެ ގޮތުގައި މާސްކާއި ޓީޝާޓު ވިއްކުމަށް ވެސް މި ޖަމިއްޔާތަކުން ގުޅިގެން ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން “ދެން”އާ ވާހަކަ ދައްކަވަމުން އެމްއެންޔޫއެސްޔޫގެ ރައީސް އަބްދުالله ޝަހުނީޒް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް މިވަގުތު އެންމެ މުހިންމު ކަމަކީ ރެފިއުޖީ ކޭމްޕުތަކުގައި ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

“އެހެންވީމަ މިކަމަށް ރައްޔިތުން ހޭލުންތެރި ކުރުވާ އަޑު އުފުލުމަކީ ހަޔަރ އެޑިއުކޭޝަން ކޮމިއުނިޓީގެ ޒިންމާއެއް.” ޝަހުނީޒް އިތުރަށް ވިދާޅުވިއެވެ.

ފަލަސްތީނަށް ފައިސާގެ އެހީވުމަށް މި ޖަމިއްޔާތަކުން ފަށާފައިވާ ފަންޑު ރައިޒިންގ އިވެންޓަށް ފައިސާ ޖަމާ ކުރާނީ ތިރީގައި މިވާ އެކައުންޓު ތަކަށެވެ.

ރުފިޔާ އެކައުންޓް: 7770000048136

ޑޮލަރު އެކައުންޓް: 7770000048137

މި ދެ އެކައުންޓަކީ ވެސް “މާރސީ”ގެ ނަމުގައިވާ ދެ އެކައުންޓެވެ.

މި ހަރަކާތުގައި މިހާތަނަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)، ވިލާ ކޮލެޖް، ކްލިކް ކޮލެޖް، ސައިރެކްސް ކޮލެޖް، މެޕްސް ކޮލެޖް، އެމްއައި ކޮލެޖް އަދި އެވިޑް ކޮލެޖުން ވަނީ ބައިވެރިވެފައެވެ. އަދި ކުރިޔަށް އޮތްތަނުގައި އިތުރު ކޮލެޖުތަކުން ބައިވެރިވާނެ ކަމަށް ޝަހުނީޒް ވިދާޅުވިއެވެ.

މި ހަރަކާތްތަކުގައި ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުން އަދި ކޮލެޖުތަކުގައި މަތީ ތައުލީމް ހާސިލު ކުރާ ދަރިވަރުން ބައިވެރިވުމަކީ މި ޖަމިއްޔާތަކުން ވަރަށް ބޮޑަށް އެދޭ ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!