ޚަބަރު

ވިލިނގިލީ ކައުންސިލްގެ ބަޔާނަށް ޓީވީއެމް: ބްރޯޑްކޮމްއާ އެބަ މަޝްވަރާކުރަން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޓެލެވިޛަން މޯލްޑިވްސް (ޓީވީއެމް)އިން މި މަހުގެ 15 ވަނަ ދުވަހު ދެއްކި ޕްރޮގްރާމެއްގައި، "ގަންބަނެ ބުދާ" އަކީ ގއ. ވިލިނގިލީ ރައްޔިތުން ކިޔާ އެއްޗެއް ކަމަށް ޓީވީއެމުން ނިސްބަތްކުރުމުން އެ ރަށު ކައުންސިލުން ނެރުނު ނޫސްބަޔާނާ ގުޅިގެން، އެކަން ބަލަމުން ދާކަމަށް ޓީވީއެމްއިން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ދައުލަތުގެ މީޑިއާގެ އެއް ޗެނަލް ކަމަށްވާ ޓީވީއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިވަގުތު މި މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގައި އެބައޮތް ކަމަށާއި މައްސަލަ ބަލަމުންދާ ކަމަށެވެ.

"ބްރޯޑްކޮމްގައި މި މައްސަލަ އެބައޮތް. އަޅުގަނޑުމެން އެ ބޭފުޅުންނާވެސް މަޝްވަރާ ކުރަމުން މިދަނީ" އަލީ ޚާލިދު ވިދާޅުވިއެވެ.

ޝަކުވާތަކާއި ގުޅިގެން މިހާރު އެކަން ބަލަމުންދާއިރު މިވަގުތު އަދި އިތުރު އެއްޗެއް ވިދާޅުވެން ނެތް ކަމަށް ވެސް އަލީ ޚާލިދު ވިދާޅުވިއެވެ.

ވިލިނގިލީ ކައުންސިލުގެ ހަތް މެމްބަރުން ސޮއިކޮށް ރޭގައި ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ޓީވީއެމްއިން އެ ރަށުގެ ރައްޔިތުންނަށް ނިސްބަތްކޮށް "ފުރައްސާރަ" ކޮށްފައިވާ ކަމަށެވެ.

ޓީވީއެމްއިން ގެނެސްދިން އެ ޕްރޮގްރާމުގައި ކުރި ސުވާލެއްގައި ގއ. ވިލިނގިލީ މީހުން "ގަންބަނެ ބުދާ" ކިޔަނީ ކޯއްޗަކަށްތޯ ސުވާލުކޮށްފައިވާ ކަމަށާއި ޖަވާބުގައި އެއީ "ދާނި" ކަމަށް ބުނުމުން ޖަވާބު ރަނގަޅު ކަމަށް ޕްރެޒެންޓަރު ބުނެފައިވާ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދި، "ގަންބަނެ ބުދާ" މި ބަހަކީ ވިލިނގިލީ މީހުން އެއްވެސް ގޮތަކަށް، އެއްވެސް ދުވަސްވަރެއްގައި ބޭނުން ކުރި ބަހަކަށް ނުވެފައި އެއީ ޖެއްސުން ކުރުމާއި ދިމާކުރުމުގެ ގޮތުން ބަޔަކު އަމިއްލައަށް އުފައްދައިގެން ކިޔާ އެއްޗެއް ކަމަށް ވެސް ބަޔާނުގައި ވިލިނގިލީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

"ދައުލަތު މީޑިއާއިން އެތައް ހާސް ބަޔަކު ބަލަމުން ދިޔަ ޕްރޮގްރާމެއްގައި އެ ސުވާލު ކުރުމަކީ ވިލިނގިލީ ރައްޔިތުންނަށް ފުރައްސާރަ ކުރުން. މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރަން" ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ގަންބަނެ ބުދާ އޭ ކިޔާ ވިޑިއޯކޮޅު މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުން ދާތީ އެ ރަށުގެ ރައްޔިތުންނާއި ކުޑަކުދިންނަށް ނޭދެވޭ އަސަރުކޮށް ނަފްސާނީ ގޮތުން އެތައް ބަޔަކަށް ގެއްލުން ލިބެމުން ދާ ކަމަށް ވެސް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި އެހުރިހާ ކަމަކަށް ޓީވީއެމުން މާފަށް އެދުމަށް ވެސް ވިލިނގިލީ ކައުންސިލުން ވަނީ ގޮވައިލައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!