ޚަބަރު

ކޮންމެ ރެޔަކު ވެސް ނިދަނީ އަނެއް ދުވަހު ކޮވިޑްގައި އިތުރު މީހެއް މަރު ނުވޭތޯ ދުޢާ ކުރަމުން- ލުބާނާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދުނިޔޭގެ ހަތަރު ބިތަށް ފެތުރިފައިވާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމާ އަޅުގަނޑުމެން ހަނގުރާމަ ކުރަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ ބަލީގައި ރާއްޖެއިން މިހާތަނަށް 113 މީހުން ވަނީ ނިޔާވެފައެވެ. ބަލި މީހުންނަށް ހިދުމަތް ކުރުމުގައި ރެޔާ ދުވާލު ކެއުމެއް ބުއިމެއްނެތި މަސައްކަތް ކުރަމުން އަންނަ ސިއްހީ ހިދުމަތްތެރިން ވަރުބަލިވެއްޖެއެވެ. ހޮސްޕިޓަލްތައް ފުރިއްޖެއެވެ.

Ads by Hajj Corporation

ކޮންމެ ދުވަހަކު ވެސް މި ބަލީގައި އެތައްބައެއް ނިޔާވެއެވެ. ރާއްޖޭގައި ވެސް ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އިންތިހާއަށް މިވަނީ އިތުރުވެ، ހިތްދަތިކަން އިތުރުވެފައެވެ.

މިހިތްދަތިކަމާ، ވޭނާ ކެކުޅުން އެންމެ ގާތުން ފެނި ރައްޔިތުންގެ އިހްސާސްތައް އެންމެ ގާތުން އަޑު އަހަމުން ދާނެ އެއްބަޔަކީ ހެލްތުޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މުއައްޒަފުންނެވެ.

"ކޮންމެ ރެޔަކު ވެސް ނިދަނީ އަނެއް ދުވަހު ކޮވިޑް ބަލީގައި އިތުރު މީހެއް ނިޔާ ނުވޭތޯ ދުޢާ ކުރަމުން. މަރުތައް އިއުލާނު ކޮށްކޮށް ވަރުބަލިވެއްޖެ. އެކަމަކު އެއީ ކުރަންޖެހޭ ކަމެއް. އަހަންނަށް ހިތަށް ވެސް ނުގެނެވޭ ނިޔާވާ މީހުންގެ ލޯބިވާ ފަރާތްތައް ވާނެ ދެރަ." ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވާ މީހުންގެ މައުލޫމާތު އިއުލާނު ކުރައްވާ އެޗްޕީއޭގެ އެސިސްޓެންޓް ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ، ލުބާނާ ލަބީބު ވިދާޅުވިއެވެ.

ކޮންމެ ރެއަކު ވެސް ނިދުމުގެ ކުރިން އެދުވަހަކު ނިޔާވި މީހުންގެ މައުލޫމާތު އިއުލާނު ކުރާކަމަށާއި، ނިދާ ހޭލާ އިރު އަނެއްކާ އިތުރު ބައެއް ނިޔާވެ މައުލޫމާތު އިއުލާނު ކުރަން ޖެހޭކަމަށް އަސަރާއެކު ލުބާނާ ވިދާޅުވިއެވެ.

ކޮވިޑް ބަލީގައި އިއްޔެ އެކަނި ވެސް ރާއްޖެއިން 7 މީހުން ނިޔާވެފައިވެއެވެ. އަދި މިއަދުގެ މިހާތަނަށް ވެސް އެކަކު ވަނީ ނިޔާވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!