މެދުއިރުމަތި ދީން

ބޭނުންވަނީ ޞަލާޙުއްދީން އަލްއައްޔޫބީ ފަދަ ލީޑަރުން

މުބީން ޢަލީ ، ދެން އޮންލައިން

ފަލަސްތީނުގެ ހާލަތާ މެދު ވިސްނަވައިލައްވައިފި ނަމަ، ފެންކަޅިވެ ނުދާނީ ކާކުތޯއެވެ؟ ނާމާންކަމާއި ބިރުވެރިކަން އޭގެ ނިހާޔަތަށް ފަލަސްތީނުގެ ބިމުގައި ވަނީ ފެތުރިފައެވެ. ކުށެއް ނެތް އެތައް ހާސް މުސްލިމުންގެ މައްޗަށް، ޖޫންޖުލައި ގަދަ ވިއްސާރައިގެ ވާރޭ ފަދައިން އޮހެމުން ދަނީ ލާއިންސާނީ އިޒުރޭލުގެ ނުރައްކާތެރި ރޮކެޓުތަކާއި، މިސައިލުތަކާއި، ބޮންތަކެވެ. މަޢްޞޫމު ކުށެއް ނެތް ޅަދަރީންގެ ޠާހިރު ލެއިން، ފަލަސްތީނުގެ ބިމުގައި ލޭ ކޯރުތައް އެދަނީ ހެދެމުންނެވެ. މުސްލިމް އުޚްތުންގެ ޢިއްފަތްތެރިކަން އެ ދަނީ ނިގުޅައިގަންނަމުންނެވެ. މައިންބަފައިންގެ ކުރިމަތީގައި، އެ މީހުންގެ ޅަދަރީން އެ ދަނީ މަރަމުންނެވެ. ކޮންފަދަ ނުބައި، ލާއިންސާނީ ޢަމަލުތަކެއްތޯއެވެ ؟ އަޅުގަނޑުގެ ހަނދާނަށް އަންނަނީ އަލްމަރުޙޫމް އިބްރާޙިމް ނަޢީމުގެ  ޅެމެއްގައި އެބޭފުޅާ ސިފަ ކުރައްވައިފައިވާ ސިފަކުރެއްވުމެވެ.

Ads by STELCO

‏މައިންބަފައިންނާ ދަރީން މަރާ މަންޒަރު

‏‎ކޯރުލޭ ބިންމަތީ ދެމޭ މަންޒަރު

‏‎ރޮއިލަ ރޮއިލާ ދެކެން ތިބެން ނޫނީ

‏‎ދެން އޮތީ މަރުވުމޭ އެހެން ނޫނީ

‏‎މިއީ ފަލަސްތީނުގެ މިއަދުގެ ޙާލަތެވެ. ނަމަވެސް، ހިތާމައަކީ އިސްލާމީ ޤައުމުތަކުގެ ވެރީންނަށް މި މަންޒަރު ނުފެންނަކަމެވެ. މިފަދަ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، ބަހެއް ބުނާން ވެސް ނުކުޅެދިފައިވާކަމެވެ. ފަލަސްތީނުގެ ދިފާޢުގައި ތެދުވާނެ ހިތްވަރާއި ފަންވަރު އެމީހުންގެ ކިބައިގައި ނެތްކަމެކެވެ. އުންމަތުގެ ގުޅުމާއި ބެހޭގޮތުން ރަސޫލުﷲ ﷺ ހަދީތްފުޅު ކުރައްވާފައިވާ މި ބަސްފުޅާ މެދު އަޅުގަނޑުމެންގެ ވެރީން ޣާފިލުވެފައިވާ މިންވަރެވެ.

ރަސޫލުﷲ ﷺ ހަދީޘް ކުރައްވާފައިވެއެެވެ. "مثل المؤمنين في توادهم وتراحمهم وتعاطفهم مثل الجسد إذا اشتكى منه عضو تداعى له سائر الجسد بالسهر والحمى" (مسلم، كتاب البر والصلة والآداب (2586))

މާނައީ: "މުއުމިނުން އެއްބަޔަކު އަނެއް ބަޔަކަށް ލޯބިވުމުގައްޔާއި، ރަހުމް ކުރުމުގައްޔާއި އޯގާތެރިވުމުގައި، އެމީހުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅައިފިނަމަ، މުޅި ހަށިގަނޑު ހޭލާހުރުމުންނާއި ހުން އައުމުން އެ ގުނަވަނާ ބައިވެރިވެއެވެ."

އަޅުގަނޑުމެންގެ އުންމަތަށް މިއަދު ބޭނުންވެފައި ވަނީ ޞަލާހުއްދީން އަލްއައްޔޫބީ ފަދަ ލީޑަރުންނެވެ. ބައިބައިވެފައިވާ އުންމަތް އެކަތިގަނޑަކަށް ހަދައިދޭވޭނެ ފަދަ ހިތްވަރުގަދަ ފަހުލަވާނުންނެވެ. މިއަދު އަޅުގަނޑުމެންގެ މި އުއްމަތަށް ދިމާވެފައި މިވަނީ، މީގެ ކުރިން އަޅުގަނޑުމެންގެ އުއްމަތަށް ދިމާވެފައި ނުވާ އާ ކަންތައްތަކެއް ނޫނެވެ. ނަމަވެސް، އެއިރު ޞަލާޙުއްދީން ފަދަ ލީޑަރުން މި އުންމަތުގެ ޙައްޤުގައި ޤުރުބާންވިއެވެ. މިއަދު އެފަދަ ލީޑަރުން ކޮބައިތޯއެވެ ؟

އިސްލާމީ ތާރީޚުގައި އެންމެ ފުރަތަމަ ޤުދުސް ފަތަޙަކޮށްފައި ވަނީ މާތްﷲ ރުއްސުންލެއްވި އަމީރުލް މުޢްމިނީން ޢުމަރު ބިން އަލް ޚައްތާބުގެ ޚަލީފާވެރިކަމުގައެވެ. އެއީ މީލާދީގޮތުން 638 ވަނަ އަހަރުގައެވެ. އެއަށް ފަހު މެދު ނުކެނޑި 4 ގަރުނު ވަންދެން އިސްލާމީ ދައުލަތުގެ ދިދަ އެބިމުގައި ވިހުރައިލުމަށް ފަހު މީލާދީގޮތުން 1099 ވަނައަހަރު ޤުދުސް ޔޫރަޕުގެ ޞަލީބީންގެ އަތްދަށަށް ދިޔައެވެ.

ދެން އެއަށް ފަހު ޤުދުސް ފަތަޙަކުރި ފާތިޙަކީ ޞަލާޙުއްދީން އަލް އައްޔޫބީއެވެ. ޞަލާޙުއްދީން އުފަންވެވަޑައިގެންފައި ވަނީ 1137 ވަނަ އަހަރު ޢިރާޤްގެ ރަށެއްކަމުގައިވާ ތިކްރީތަށެވެ. ޞަލާޙުއްދީންގެ ޒުވާން ދައުރުގައި ޤުރުއާންގެ ޢިލްމާއި، އިސްލާމީ ޢަޤީދާއާއި ފަލަކީ އިލްމާއި ޙިސާބު އިލްމު ހޯއްދެވިއެވެ. އަދި ފަހުން ތުރުކީގެ އަސްކަރިއްޔާއަށް ވަދެވަޑައިގެން ސީރިއާގެ ބޯޑަރު ކައިރީގައިވާ އުތުރު ލުބްނާންގެ ބާލްބައްކު ސަހަރުގެ ކިއްލާގެ ކޮމާންޑަރަކަށް ހުންނެވިއެވެ. ޢުމުރުފުޅުން 31 އަހަރުފުޅުގައި މިޞްރުގައިވާ ސީރިއާގެ ލަޝްކަރުތަކުގެ ކޮމާންޑަރަކަށްވިއެވެ. އަދި ފާޠިމީ ޚިލާފާތުގެ ވަޒީރެއްގެ ގޮތުގައި އެތަނުގައި ހުންނެވިއެވެ. 1171 ގައި އަލްއައްޔޫބީ ފާޠީމީ ޚިލާފަތު އުވައިލެއްވިއެވެ. އަދި އޭގެ ތިން އަހަރުފަހުން މިޞްރުގެ ރަސްގެފާނަށް ވެވަޑައިގެން އައްޔޫބީ ދަރިފަސްކޮޅު އުފެއްދެވިއެވެ. ސީރިޔާއާއި މިޞްރު އެއްކޮށްލުމަށް ފަހު ޞަލާޙުއްދީން ދެން ކުރެއްވި ކަމަކީ ޤުދުސްއަށް އަތް އަތްގަދަކޮށް އެތަނަށް ވެރިވެގަނެގެން އުޅޭ ޞަލީބީންނާއި ދެކޮޅަށް ވަރުގަދަ އަސްކަރީ ޙަރަކާތްތަކެއް ހިންގެވުމެވެ. އެގޮތުން ޓިބޭރިއާއަށް އަރުއްވާ ޔޫރަޕުގެ ޤައުމުތަކުގެ ގުޅިފައިވާ ޞަލީބީ ލަޝްކަރު މުލުން ލުހެލައްވައި މީލާދީގޮތުން ޖުލައި 4 ، 1187 ގައި ޤުދުސް ފަތަޙަ ކުރެއްވިއެވެ.

ސަލާޙުއްދީންގެ ހިތްޕުޅުގައި އިސްލާމީ އުއްމަތަށް ޖެހިފައިވާ ލޯބިތޯއެވެ ؟ އެއީ އެފަދަ ދެވަނައެއް ނެތް ފަދަ ތަޢުރީފު ޙައްޤު، ލާމަސީލު ލޯތްބެކެވެ. އެއީ އެ ލޯތްބަކުން އަޅުގަނޑުމެންގެ ލީޑަރުން މިސާލު ނަންގަވަން ޖެހޭފަދަ މަތިވެރި ލޯތްބެކެވެ. މި ކަމުގެ ހެއްކަކަށް މިދަންނަވާ ހާދިސާ ވެސް ފުދެއެވެ.

އެއްފަހަރަކު މީހަކު ޞަލާޙުއްދީންއަށް ދެންނެވިއެވެ. އޭ ސަލާޙުއްދީން އައްޔޫބީއެވެ. ތިބާއީ، މިސްރާއި، ލުބުނާނާއި، ޔަމަނާއި، ސީރިޔާގެ އަމީރެވެ. ނަމަވެސް ތިބާގެ މޫނުމަތިން ހިނިތުންވުމެއް، އުފާވެރިކަމެއް ނުފެނެއެވެ. މީގެ ޖަވާބުގައި ޞަލާޙުއްދީން ވިދާޅުވިއެވެ. ނުބައި ނުލަފާ މުޖުރިމުންގެ އަތްމަތީގައި ބައިތުލް މަގުދިސް ވާހާ ހިނދަކު ،  ބޯފެނުން އަހަރެންގެ ހަށިގަނޑަށް ރާހަތެއް ކުރާނެ ހެއްޔެވެ ؟ އަދި ކާބޯތަކެތިން އަހަރެންނަށް ފޮނި މީރުކަމެއް ލިބޭނެ ހެއްޔެވެ ؟

ޞަލާހުއްދީންގެ ހިތްވަރާއި، ނުގުޑާފަދަ އަޒުމުތޯއެވެ ؟  އެއީ އެ އަޒުމަކުން އަޅުގަނޑުމެންގެ ވެރީން އަޒުމު އާ ކުރަންޖެހޭ އަޒުމެކެވެ. އެއީ އެ ހިތްވަރަކުން އަޅުގަނޑުމެންގެ ލީޑަރުން ހިތްވަރު ލިބިގަންނަން ޖެހޭ ފަދަ ހިތްވަރެކެވެ. ޞަލާޙުއްދީންގެ މި ރައްދު ވެސް ، މިކަމުގެ ޙެއްކަކަށް ފުދެއެވެ. ނުޖޫމީ ޢިލްމުވެރިން ސަލާޙުއްދީން އައްޔޫބީއަށް ދެންނެވިއެވެ. އޭ ޞަލާހުއްދީނެވެ. ޤުދުސް ފަތަޙަ ކުރެއްވުމަށް ނިކުންނަވައިފި ނަމަ، ޞަލާޙުއްދީންގެ އެއް ލޯ ހަލާކުވެ ނެތިދާނެކަމަށް، އުޑުގައިވާ ތަރިތައް އަހަރުމެންނަށް އެބަ ޚަބަރުކުރެއެވެ. މީގެ ޖަވާބުގައި ޞަލާޙުއްދީން ވިދާޅުވިއެވެ.  ކަލޭމެން ތިޔަ ދައްކަނީ އެންމެ ލޮލެއްގެ ވާހަކަ ހެއްޔެވެ؟ ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ.  ލޯކަނު މީހެއްގެ ގޮތުގައި ޤުދުސްއަށް ވަންނަށް ޖެހުނު ކަމުގައި ވިއަސް، އަހަރެން އެ ބިން ފަތަޙަ ކުރާނަމެވެ.

މިއީ އަޅުގަނޑުމެންގެ ލީޑަރުން ޢިބްރަތް ހާސިލްކުރަން ޖެހޭ އަގުހުރި ފިލާވަޅުތަކެވެ. މިއީ އަޅުގަނޑުމެން މުސްލިމުން، މުސްލިމުންގެ ދިފާޢުގައި،  އެއް އުއްމަތެއްގެ ގޮތުގައި ތެދުވާންވީ ވަގުތެވެ. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ލީޑަރުންނަކީ އިސްލާމްދީން ދެކެ ލޯބިވާ، މި އުއްމަތުގެ ޙައްޤުގައި، ތެދުވާނެ ހިތްވަރު ގަދަ ބަޔަކުކަމުގައި ވެގެންދިއުމެވެ. ފަލަސްތީނުގެ ބިމުގައި، މުސްލިމުންނަށް ދިމާވެފައިވާ ދަތި ހާލުން، މުސްލިމުން މިންޖުކުރައްވައި، މުސްލިމް މުޖާހިދުނަށް ނަސްރާއި ކާމިޔާބު މިންވަރު ކުރައްވާށިއެވެ. އާމީން!

اللهُمَّ أَصْلِحْ أَحْوَالَ المُسْلِمِينَ فِي فِلِسطِينَ، اللهُمَّ أَصْلِحْ أَحْوَالَ المُسْلِمِينَ فِي فِلِسطِينَ وفي كُلِّ مَكَانٍ، يَا ذَا الجَلالِ وَالإِكْرِامِ­­

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!