މަސްޖިދުލްޙަރަމްގެ އިމާމަށް ހަމަލާދޭން މަސައްކަތްކޮށްފި

އިމާމް އައްޝައިޚް ބިންދަރު ބަލީލާ މަސްޖިދުލް ހަރަމްގައި މިދިޔަ ހުކުރު ދުވަހު ހުތުބާ ވިދާޅުވާން ހުންނަވަނިކޮށް މީހަކު އެމަނިކުފާނަށް ހަމަލާދޭން މަސައްކަތްކޮށްފިއެވެ.
ހަމަލާ ދޭން މަސަކަތްކުރި ވަގުތުގެ ވީޑިޔޯއެއް ޝޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ. އަދި މި ހާދިސާ ހިނގިކަން ސައުދީގެ މީޑިއާތަކުން ވެސް ވަނީ ގެނެސްދީފައެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުން އަންނަ ވީޑިޔޯއިން ފެންނަ ގޮތުގައި އިމާމް އައްޝައިޚް ބަންދަރު ބަލީލާ މިމްބަރުގައި ހުންނަވަނިކޮށް މީހަކު ދުވެފައި ގޮސް މިންބަރަށް އަރަން މަސައްކަތް ކުރެއެވެ. އަދި އެމީހާގެ އަތުގައި ދަނޑިއެއް ފާޑުގެ ހަތިޔާރެއް އޮތެވެ. އެހެން ނަމަވެސް ސެކިޔުރިޓީން ވަނީ އެ މީހާ ހިފަހައްޓާ ހައްޔަރުކޮށްގެން ގެންގޮސްފައެވެ.
މަސްޖިދުލް ހަރަމަކީ ސެކިޔުރިޓީ ވަރުގަދަކޮށް ބަލަހައްޓަމުން އަންނަ މިސްކިތެކެވެ. ނަމަވެސް މިފަދަ ކަންކަން މަދުމަދުން ނަމަވެސް ހިނގައެވެ.