މާލޭ އިމާރާތެއްގެ ފަސްވަނަ ބުރިން މީހަކު ވެއްޓިއްޖެ

މާލޭ އިމާރާތެއްގެ މަތީން މީހަކު ވެއްޓިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ވެއްޓިގައި ވަނީ އިތާ ގޯޅީގައި ހުންނަ ގެއެއްގެ ފަސްވަނަ ބުރިންނެވެ.
ފުލުހުން ވިދާޅުވެފައި ވަނީ އިތާ ގޯޅީގައި ވެއްޓިފައި އޮތް މީހަކު ފެނި ،އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށެވެ. އަދިި މީހާ ވެއްޓިފައި އޮއްވާ ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އޭނާ ވެއްޓެން ދިމާވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ. ފުލުހުން ވިދާޅުވީ އެކަންކަން ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށެވެ.
މީހާ ވެއްޓުނު ހިސާބުގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އެ މަންޒަރު ފެންނަ ފޮޓޯތަކެއް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ޒަޚަމްތަކާއެކު މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު ރޭ ހުޅުމާލެއިން ވެސް ފެނިފައި ވެއެވެ. އެ މައްސަލައިގެ އިތުރު ތަފްސީލެއް ވެސް ފުލުހުން އަދި ނުދެއްވައެވެ.