ޚަބަރު

ގދ.ވާދޫން އިތުުރު ބަޔަކު ފައްސިވެ އެކްޓިވް ކޭސްތަކުގެ އަދަދު 6އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ގދ ވާދޫއިން އިތުރު ދެމީހަކު ކޮވިޑަށް ފައްސިވެ އެކްޓިވް ކޭސްގެ އަދަދު 6އަށް އަރައިފިއެވެ.

Ads by STELCO

ވާދޫ ކައުންސިލުން ވިދާޅުވީ އެންމެ ފަހުން ފައްސިވެފައި ވަނީ ހޯމް ކަރަންޓީނުގައި ތިބި 2 މީހުންކަމަށެވެ. މި ދެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ވާދޫގެ މުޖުތަމައުގެ ތެރެއިން ބަލި ފެނުމާ ގުޅިގެން އެރަށް ވަނީ މިމަހުގެ 17 ވަނަ ދުވަހު މޮނީޓަރިންގ ހާލަތަށް ގެނެވިފައެވެ. އެ ރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް މިހާރު ކުރިޔަށްދެއެވެ.

ގދ އަތޮޅުގެ 6 ރަށެއްގައި މިވަގުތު އެކްޓިވް ކޭސްތައް އެބައޮތެވެ. ބަލި އެންމެ ގިނައިން ފެތުރެމުން ދަނީ އަތޮޅުގެ ވެރިކަން ކުރާ ރަށް، ތިނަދޫގައެވެ. އެ ރަށުގައި މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 86ގައެވެ. އެ ރަށުން ޖުމްލަ 147 މީހުންނަށް ބަލި ޖެހުނު އިރު 61 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި މިހާރު ބަލި ފެތުރެމުންދާއިރު، ޖުމްލަ 70 ރަށެއް މޮނިޓަރިން ހާލަތަށް ގެނެވިފައިވެއެވެ. ވެރިރަށް މާލޭގައި ވެސް ހަލުވި ކަމާއެކު ދުވަހެއް ދުވަހަކަށް ބަލި ދަނީ ފެތުރެމުންނެވެ. އިއްޔެ ރާއްޖެއިން 1،960 މީހުން ކޮވިޑަށް ފައްސި ވެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!