ދުނިޔެ

މަރުވެފައިވާ މީހުން ހަށިތަކުން ގަންގާ ކޯރު ތަޣައްޔަރުވަނީ ؛ ހަށިތަައް ހޯދުމަށް ކޯރުގައި މަސް ދާ ދަމައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މީގެ ދެ ހަފްތާ ކުރިން، އިންޑިއާގެ ގަންގާ ކޯރުން ފެންނަށް ފެށި މަރުވެފައިވާ މީހުންގެ ހަށިތަކުގެ އަދަދު ކަންބޮޑުވާ ވަރަށް އިތުރުވެއްޖެއެވެ.

Ads by Sosun Fihaara

އިންޑިއާގެ އާބާދީގެ ބޮޑު ބަޔަކު ޤަބޫލު ކުރާ ހިންދޫ ދީނުގެ އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާ ގަންގާ ކޯރު މިއަދު ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ. ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މިހާތަނަށް މިކޯރުން 2،000އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑު ވަނީ ފެނިފައެވެ.

ފުރަތަމަ ފަހަރަށް އެ ކޯރުން ފެނުނީ މަރުވެފައިވާ 100 ވަރަކަށް މީހުންގެ ހަށިގަނޑެވެ. އެއާއެކު ގަންގާ ކޯރު އޮންނަ، އުއްތަރަ ޕްރަދޭޝްގެ ފުލުހުން ވަނީ ގަންގާ ކޯރުގައި މަސް ދާ ދަމައިފައެވެ. މަސް ދާ ކޯރުގައި ޖަހައިފައި ވަނީ، ހަށިތައް އޮޔާ ދިޔަ ނުދީ އެތަނުން ނެގުމުގެ ބޭނުމުގައެވެ.

މި ހަށިތަކަކީ ގަންގާ ކޯރަށް ކިހިނެއް އައިސްފައިވާ އެއްޗެއް ކަމެއް މިހާތަނަށް ސާފުވާގޮތެއް ނުވެއެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި، މިއީ އެޤައުމުގައި މީހުން މަރުވުމުން އޮންނަ ޘަޤާފަތުގެ ތެރެއިން، ހަށިގަނޑު އަންދާލާފައި މާ އަވަހަށް ދޫކޮށްލުމުގެ ނަތީޖާއެވެ. ބައެއް މީހުންގެ ހަށިގަނޑުން ބައެއް ބައިތައް ފިހިފައި ހުރުމުން މިކަމަށް ބާރުދެއެވެ.

އެހެން ނަމަވެސް ގަންގޯ ކޯރުން ނަގާ ގިނަ ހަށިގަނޑުތަކުގައި ފިހުމުގެ އަސަރެއް ނެތެވެ. މިހެންކަމުން ބައެއް ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި، ކޮވިޑް-19ގައި މަރުވާ މީހުންގެ ހަށިތައް ގަންގާ ކޯރަށް އެއްލައިލަނީ ކަމަށް ވެދާނެއެވެ. އިންޑިއާގައި މީގެ ކުރިން 1000 ވަރަކަށް ރުޕީސްއަށް މީހުން އަންދައިދިނުމުގެ ކަންކަން ކުރި ނަމަވެސް ކޮވިޑް-19ގެ ސަބަބުން އަންދާނެ ތަނާއި ދަރު މަދުވުމުގެ ސަބަބުން، މީހުން އަންދައިދޭ އަގު ވަރަށް ބޮޑުތަން ވަނީ މަތިވެފައެވެ. މިގޮތުން މިހާރު މީހުން އަންދައިދެނީ 6000 ވަރަކަށް ރުޕީސްއަށެވެ. އިންޑިއާގެ އާބާދީގެ ބޮޑު ބަޔަކީ ފަޤީރު ބައެއްކަމުން، މަރުވުމަށް ފަހު ހަށިގަނޑު އަންދާލުމަށް މިވަރު ހޭދަ ކުރަން ގިނަ ބަޔަކު ޖެހިލުންވާ ކަމަށް މީޑިއާތައް ރިޕޯޓް ކުރެއެވެ. މިހެންކަމުން ގަންގާ ކޯރުން ފެންނަ ހަށިތަކަކީ މަރުވުމަށް ފަހު އެއްލައިލާ ހަށިތަކަށްވުން އެކަށީގެންވެއެވެ.

އިންޑިއާގައި ކޮވިޑް-19 ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. މިގޮތުން މިބަލީގައި ރިކޯޑް ކުރެވިގެން މިހާރު 300،000 މީހުން ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ޖުމްލަ އަދަދު މިއަށްވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށް އިންޑިއާގެ މަޝްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

  1. ޜައި

    ގަންގޯ ކޯރުތަ ނޫނީ ގަންގާ ކޯރުތަ؟ ކޮންމެސް އެކަައްޗެއް ލިޔެބަލަ!