2 ދުވަސްތެރޭ ހުޅުމާލޭ ކޮވިޑް-19 ފެސިލިޓީއިން 9 މީހަކު ނިޔާވެއްޖެ
ފާއިތުވެ ދިޔަ 48 ގަޑިއިރަކީ ކޮވިޑްބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވި 48 ގަޑިއިރެވެ.
ކޮވިޑް-19 ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނައިރު، މިއަދުގެ މިހާތަނަށް ރާއްޖެއިން 5 މީހުން މި ބަލީގައި ނިޔާވެފައި ވެއެވެ. އޭގެ ތެރެއިން 4 މީހުން ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
އެ ފެސިލިޓީން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 85 އަަހަރުގެ މީހަކާއި 93 އަހަރުގެ މީހަކާއި، 77 އަހަރުގެ މީހެއްގެ އިތުރުން 58 އަހަރުގެ މީހެކެވެ. އަދި އެއީ ހުސް ފިރިހެނުންކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އިއްޔެ ނިޔާވި 6 މީހުންގެ ތެރެއިން 5 މީހުންނަކީ ވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 5 މީހުންނެވެ. އެއީ އުމުރުން 78 އަަހަރުގެ ފިރިހެނަކާއި 66 އަަހަރުގެ ފިރިހެނެއްގެ އިތުރުން 68 އަހަރުގެ އަންހެނަކާއި 79 އަހަރުގެ އަންހެނަކާއި އަދި 62 އަހަރުގެ އަންހެނެކެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީން ނިޔާވާ މީހުންގެ އަދަދު ގިނަވަމުން ދިޔުމުން، އެ ފެސިލިޓީން ފަރުވާ ދިނުމުގަައި މައްސަލަތަކެއް އުޅޭކަމަށް ބުނެ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެއީ ސަބަބުތަކެއް ވެސް ނެތިއެއްނޫނެވެ.
ކޮވިޑް-19 އަށް ފައްސިވަމުން އަންނަ އަދަދުތައް އިތުރުވެ، ފަރުވާ ދެމުންގެންދާ ފެސިލިޓީތައް ފުރެމުންދާތީ، ހުޅުމާލޭ ހޮސްޕިޓަލު ޑައުންގްރޭޑުކޮށް ކޮވިޑް ފެސިލިޓީއަކަށް ބަދަލުކުރަން ނިންމައި އެތަނުން ކޮވިޑްގެ ބަލިމީހުންނަށް ފަރުވާ ދޭން ފަށާފައިވީ ނަމަވެސް، އެޗްއެމްއެފްގައި އެކަށީގެންވާ ވަރަށް ސިއްޙީ އެހީތެރިން ނެތް ކަމަށް ހުޅުމާލޭ ހޮސްޕިޓަލުގެ ސީއީއޯ މާރިޔާ ސައީދު ވިދާޅުވިއެވެ. އެހެންކަމަށްވާ ނަމަ، އެކަށީގެން ވާ ފަރުވާ ނުދެވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ނުރައްކާވެ ބަލިޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާއިރު، ހިދުމަތް ދޭނޭ އިކުއިޕްމެންޓްތައް މަދުވެ ހިދުމަތް ދޭނޭ ސިއްހީ އެހީތެރިން ހޯދުމަށް ސަރުކާރުން ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ރާއްޖޭގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ދަށްވަމުންކަން ފާހަގަކޮށްލެވެއެވެ.