ރާނީއަށް އިޙްތިރާމް ނުކޮށްފިނަމަ ގުޅުން ކަނޑައިލާނެކަމުގެ އިންޒާރު ޕްރިންސް ޗާލްސް، ހެރީއަށް ދީފި

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތުއަށް އިޙްތިރާމް ނުކޮށްފިނަމަ، ޕްރިންސް ހެރީއާ އެއްކޮށް ގުޅުން ކަނޑައިލާނެ ކަމުގެ އިންޒާރު އޭނާގެ ބައްޕަ ޕްރިންސް ޗާލްސް ދެއްވައިފިއެވެ.
ޝާހީ ގަނޑުވަރުގެ އޮފިޝަލަކު ބޭރުގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޯޕްރާ ވިންފްރޭ ޝޯއަށް ޕްރިންސް ހެރީއާއި އޭނާގެ އަނބިކަނބަލުން މޭގަން މާކްލް ދިން އިންޓަވިއުއަށް ފަހު ޕްރިންސް ހެރީއާ ޗާލްސްގެ ގުޅުން ވަނީ ވަރަށް ހީނަރުވެފައި ކަމަށެވެ.
ޕްރިންސް ފިލިޕް އަވަހާރަވުމަށް ފަހު ޗާލްސްއާއި ޕްރިންސް ހެރީގެ ގުޅުން ކޮންމެވެސް ވަރަކަށް ރަނގަޅު ވި ކަމަށާއި ނަމަވެސް އެއަށް ފަހު ޕްރިންސް ހެރީ ދިން އިންޓަވިއުއާ ގުޅިގެން ޗާލްސް ހުންނެވީ ވަރަށް ބޮޑަށް ކޯފާ އިސްވެފައި ކަމަށް ވެސް އެ އޮފިޝަލު ބުނެފައިވެއެވެ.
ހެރީ ދެވަނައަށް ދިން އިންޓަވިއުގައި ވިދާޅުވެފައި ވަނީ ޕްރިންސް ޗާލްސްގެ ފަރާތުން އޭނާއަށް އެއްވެސް ހިތްވަރެއް ލިބިފައި ނުވާ ކަމަށާއި ރާނީ ވެސް ބަހައްޓަވަނީ ޕްރިންސް ހެރީ އާއި މޭގަން، ޝާހީ އާއިލާގެ އެހެން މެމްބަރުންނާ ތަފާތުކޮށް ދުރުކޮށްފައި ކަމަށެވެ.
މި އިންޓަވިއުގެ ސަބަބުން ޕްރިންސް ޗާލްސް ހުންނެވީ ވަރަށް ކޯފާ އިސް ކުރައްވާފައި ކަމަށާއި، ހެރީގެ ފަރާތުން ދެން ރާނީއާ ބެހޭ އެފަދަ ވާހަކައެއް އިވިވަޑައިގެންފި ނަމަ ގުޅުން ކަނޑައިލައްވާނެ ކަމަށް ޗާލްސް ވިދާޅުވިކަމަށް ވެއެވެ.
ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕްގެ ޖަނާޒާއަށް ޕްރިންސް ހެރީ ވެސް އިނގިރޭސިވިލާތަށް ވަޑައިގެންނެވިއެވެ. އަދި އާއިލާގެ އެހެން މެމްބަރުންނާ ވާހަކަ ދެއްކެވި ނަމަވެސް، ކަންކަން އަދި އެއްކޮށް ހައްލުވެފައި ނުވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.