ކުންފުންޏެއްގައި ޑރ.ހުސައިންގެ ހިއްސާ އޮތުމުން ހުވަޔާ މެދު ސުވާލު އުފައްދައިފި
ފިޝަރީޒް މިނިސްޓާރުގެ މަގާމަށް އައްޔަން ކުރެއްވި ޑރ. ހުސައިން ރަޝީދު ހަސަންގެ ހިއްސާއެއް ކުންފުންޏެއްގައި އޮތުމުން އޭނާގެ ހުވާއާ މެދު ސުވާލު އުފައްދައިފިއެވެ.
ކުރިން އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ހުސައިން ފިޝަރީޒް މިނިސްޓަރގެ މަގާމަށް އައްޔަން ކުރެއްވީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން ފެނޭތޯ ބަލައި ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މި މަހުގެ 18 ވަނަ ދުވަހު ވަނީ ފޮނުވައިފައެވެ.
މިއަދު އެ ކޮމިޓީން ކުރިއަށް ދިޔަ ބައްދަލުވުމެއްގައި، ޑރ ހުސައިންގެ ހިއްސާއެއް ކުންފުންޏެއްގައި އޮތުމުން އޭނާގެ ހުވައާ މެދު މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ސުވާލު އުފައްދައިފައެވެ.
އެގޮތުން ދިއްދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ވަހީދު ވިދާޅުވީ، ޑރ ހުސައިންގެ ނަން ކުންފުންޏެއްގެ ފައުންޑިން ޝެއަރހޯލްޑަރެއްގެ ގޮތުގައި މިހާރުވެސް އެބައޮތް ކަމަށެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް ވިދާޅެއް ނުވެއެވެ. އެހެންކަމުން އޭނާ އެކަމުގައި މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފައަކަށް އޭނާ ވަނީ އެދިލައްވައިފައެވެ.
ގާނޫނު އަސާސީ ބުނާގޮތުން ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ސަރުކާރުގެ އެހެން މަގާމެއް އަދި އެހެން ވިޔަފާރިއެއްގެ ވެސް ފައިދާއެއް ލިބޭ ފަދަ އެއްވެސް މަގާމެއް ފުރުއްވައިގެން ނުވާނެއެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ އެއްވެސް ކަހަލަ ވަޒީފާއެއް އަދާ ކުރުމަކީ ވެސް ގާނޫނީ ގޮތުން މަނާ ކަމެކެވެ.
އެގޮތުން މަނަދޫ ދާއިރާގެ މެމްބަރު ހާރޫން އިދްރީސް ވާހަކަ ދައްކަވަމުން ވިދާޅުވީ، ގާނޫނުއަސާސީގައި ވަރަށް ސަރީހަކޮށް އެއްވެސް ވަޒީރަކަށް އެހެން ވިޔަފާރިއެއްގައި ބައިވެރި ނުވެވޭނެ ކަމަށް ބުނެފައި އެބައޮތް ކަމަށާއީ ޑރ. ހުސެއިން މަގާމަށް އައްޔަނު ކުރަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ.
އެހެން ނަމަވެސް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ، ކުންފުންޏެއްގެ ޝެއަރހޯލްޑަރެއްގެ ގޮތުގައި މީހަކު ހުރި ނަމަވެސް އެ ކުންފުންޏެއްގެ މާލިއްޔަތާ ގުލޭ ޒިންމާ ނަގަން ޖެހޭނީ އެ ކުންފުންޏެއްގެ މެނޭޖިންގް ޑިރެކްޓަރު ކަމަށް ވާތީ މި މަގާމަށް ޑރ. ހުސައިން އައްޔަނު ކުރުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.