ގަމު ހޮސްޕިޓަލް ކޮވިޑާއެކު މަހެއް: މުވައްޒަފުން ވަރުބަލި ނަމަވެސް ޙާލަތުން އަރައިގަތުމަށް ޓަކައި ދޫ ދިނުމެއް ނެތް!
(ލ.ފޮނަދޫ) ލ.އަތޮޅުގައި މީހުން ދިރިއުޅޭ 11 ރަށުގެ ތެރެއިން 9 ރަށެއް އޮތީ މޮނިޓަރިންގގެ ހާލަތުގައެވެ. އަތޮޅުގެ ތިން ރަށެއްގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނައިރު، ކޮވިޑް-19 ކޭސްއެއް އެ އަތޮޅުން ނުފެންނަ އެތީ އެންމެ ތިން ރަށެކެވެ. ކޮވިޑް-19ގެ ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރިފައި އޮތީ ގަމުގައެވެ. އެ ސަހަރައްދުގެ ރީޖަނަލް ހޮސްޕިޓަލާއި ކޮވިޑް-19 ފެސިލިޓީ ހުންނަ ރަށުގައެވެ. ކޮވިޑާ އެކު އައި ފުރަތަމަ ލޮކްޑައުންގައި މާލެއިން ފެށިގެން ދެކުނުގެ ރަށްތަކަށް ނިސްބަތްވާ މީހުން ފަރުވާ ހޯދަމުން އައި ގަން ރީޖަނަލް ހޮސްޕިޓަލް މިއަދު މިވަނީ ކޮވިޑް-19 އަށް "ޚާއްޞަ" ވެފައެވެ.
މިދިޔަ މަހު 23 ވަނަ ދުވަހު މާންދޫއިން ފެށުނު ކޮވިޑް-19 ކޭސްތަކާއެކު އެއަތޮޅުގެ ރަށްތަކުގައި ކޮވިޑް-19ގެ ފިޔަވަޅުތަައް ވަރުގަދަ ކުރިއެވެ. މާންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސް، މާންދުއާ އެއްފަސްކޮށް އޮންނަ ފޮނަދޫ އަދި ގަމަށް ނުދެވޭ ގޮތަށް ބޯޑަރު ބަންދު ކުރިއެވެ. އެހެން ނަމަވެސް އޭރު ވައިރަސް ވަނީ ބޯޑަރުތައް ހުރަސްކޮށް ގަމާއި ފޮނަދޫއަށް ދަތުރުކޮށްފައެވެ. ނަތީޖާއަކަށްވީ ގަމު ރީޖަނަލް ހޮސްޕިޓަލް ބިޒީވެގެން ދިޔުމެވެ. އެ ހޮސްޕިޓަލްގެ ޒިންމާ ބޮޑުވެގެން ދިޔުމެވެ. ކޮމިއުނިޓީ ސްޕްރެޑަކަށް އަތޮޅުގެ މައި ދެ ރަށް ދިޔައިރު، ހޮސްޕިޓަލް އޮތީ ޚިދުމަތުގެ ސަފުތައް ރުކުރުވާލައިފައެވެ. އޭގެ ކުރިން ރަށް މޮނިޓަރިންނަށްލުމުން ލިބުނު ތަޖުރިބާއާއެކު ދެވަނަ މޮނިޓަރިންނަކަށް ތައްޔާރަށެވެ.
ދެކުނުގެ ސިއްހީ ހަބް - އަތޮޅަށް ޚާއްސަވެފައި
ރާއްޖެއަށް ކޮވިޑް-19ގެ ފުރަތަމަ ރާޅު މިދިޔަ އަހަރު ބިންދާލުމާއެކު މާލެ ފުރަބަންދު ކުރިއެވެ. މިއާ އެކު ޒަމާނުއްސުރެ މާލެއަށް ބަރޯސާވެފައިވާ އޮތް ސިއްހީ ނިޒާމު، "ޑީސެންޓަރަލައިޒް" ވެގެން ދިޔައެވެ. މިބާނީގެ އެންމެ ބޮޑު އަސަރެއްކުރި އެއް ހޮސްޕިޓަލަކީ ގަމު ރީޖަނަލް ހޮސްޕިޓަލެވެ
ރާއްޖޭގައި ހުންނަ ރީޖަނަލް ހޮސްޕިޓަލްތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ގިނަ ބަޔަކު ޑޮކްޓަރަށް ދައްކާފައި ވަނީ ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށެވެ. އަދި އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު، ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދުން އެންމެ ބޮޑު ފަރަގެއް އައިސްފައި ވަނީ ވެސް އެ ހޮސްޕިޓަލަށެވެ. މިދިޔަ އަހަރު އެ ހޮސްޕިޓަލަށް 103،570 މީހުން ދައްކާފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ ބަލާއިރު ގާތްގަނޑަކަށް 60،000 މީހުންގެ އިތުރު ވުމެކެވެ. ނަމަވެސް ކޮވިޑް-19 ރާޅު ގަމަށް ބީއްސާލުމުން އެހެން އަތޮޅުތަކުން ޑޮކްޓަރަށް ދެއްކުމަށް އަންނަ މީހުން ވަނީ ދަށްވެފައެވެ.
ގަން ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު "ދެން"އަށް މަޢުލޫމާތު ދެމުން ވިދާޅުވީ ކޮވިޑް-19 ކޭސްތަކާ އެކު ދެވަނަ ފަހަރަށް ގަން މޮނިޓަރިންއަށް ލުމުން ހޮސްޕިޓަލަށް ދެއްކުމަށް ރަށް ރަށުން އަންނަ ފަރާތްތައް އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވާ ކަމަށެވެ. އަދި މިހާރު ޑަކްޓަރަށް ދެއްކުމަށް އަންނަނީ އެމެޖެންސީ ކޭސްތަކުގައި ތ.އަތޮޅުން ފަރުވާއަށް ފޮނުވާލާ މީހުން އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.
"މީހުން އައުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފަ މިއޮތީ. އެހެން ނަމަވެސް ކައިރީގައި އޮތް ތ.އަތޮޅުން ކޮންމެވެސް ވަރަކަށް މީހުން އެބައާދޭ. އެއީ ވަގުތުން ވަގުތަށް ކޮންމެހެން ކުރަން ޖެހޭ އޮޕަރޭޝަންތައް ކުރުމާއި ސީޓީ ސްކޭން ހެދުމާއި ވިހެއުމުގެ އޮޕަރޭޝަންތަކަށް" ނަޝީދު ވިދާޅުވީ، އޯޕީޑީއަށް ދައްކަމުން އައި ފަރާތްތަށް މިހާރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށާއި ސްޕެޝަލައިޒްޑް ޑަކްޓަރުންނަށް ދައްކާ މީހުންގެ އަަދަދުވެސް ބޮޑުތަނުން މަދުވެފައިވާ ކަމަށެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުން ދަނީ އަތޮޅުގެ އެހެން ރަށްރަަށުގެ ސިއްހީ ހާލަތު މޮނިޓަރކޮށް، އިކުވިޕްމެންޓްސް ހޯދުމުގެ ބައިވެރިއެއްގެ ރޯލް ވެސް އަދާ ކުރަމުންނެވެ.
ސްޓާފުންގެ ދަތިކަން އެބައުޅޭ - މެނޭޖް ކުރެވޭ
ތ އަދި ލ ގެ ހުރިހާ ރައްޔިތުންނަށް ޚިދުމަތް ދޭ ސަރަހައްދީ އެންމެ ބޮޑު ހޮސްޕިޓަލް، ގަމު ރީޖަނަލް ހޮސްޕިޓަލުގައި ވެސް ސްޓާފުންގެ ދަތިކަން އުޅޭ ކަމަށް މެނޭޖަރު ނަޝީދު ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިހާރު ތިބި ސްޓާފުންނާއެކު ކޮވިޑް-19 ރަނގަޅަށް މެނޭޖް ކުރެވޭ ކަމަށާއި ވަރަށް ގޯސް ހާލަތަކަށް ގޮސްފިނަމަ، އިތުރު ސްޓާފުން ބޭނުން ވާނެ ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ
ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި ރަށް މޮނިޓަރިންގެ ހާލަތަށް ގެނެވުނުއިރު، އެ ހޮސްޕިޓަލުގައި އެކަށީގެންވާ ވަރަށް މެޑިކަލް ސްޓާފުން ތިބިއެވެ. އަދި އިއްތިފާޤުން ނަމަވެސް މޮނިޓަރިންއަށް ލެވުނުއިރު، އެއްވެސް ޑަކްޓަރެއް ޗުއްޓީއަށް ގޮސް، ނުވަތަ ރަށަށް ނާދެވި ތާށިވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހޮސްޕިޓަލް ތިން ބަޔަކަށް ބަހާލައިގެން ހިންގަން ޖެހުމެވެ. އަދި މި ތިން ބައި މެނޭޖްކުރުމަށް އެއް ބަޔަކު ހަރަކާތްތެރިވާން ޖެހޭތީ ދަތިކަން ކުރިމަތިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ހޮސްޕިޓަލް ތިން ބަޔަކަށް މި ހިންގަނީ. އެއް ބަޔަކީ ކޮވިޑް-19 ފެސިލިޓީ، އަނެއް ބަޔަކީ ޖެނެރަލް ހޮސްޕިޓަލް، އޭގެ އިތުރުން ކޮންޓެކްޓް ޓްރޭސިންގެ ޑައިރެކްޓް ކޮންޓެކްޓް މީހުންނާއި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންނަށް ވަކިން." ނަޝީދު ވިދާޅުވިއެވެ.
ދިވެހި ޑަކްޓަރުންނާއި ނަރުހުންނަށް ބުރަ ދުވަސްވަރެއް
ހޮސްޕިޓަލުގެ އާންމު ޚިދުމަތްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވި ގޮތުގައި ގަމު ރީޖަނަލް ހޮސްޕިޓަލުގެ ސްޓާފުން ދަނީ ޑިއުޓީގެ އިތުރުން ގިނަ ވަގުތު ރައްޔިތުންގެ ޚިދުމަތުގައި ހޭދަ ކުރަމުންނެވެ. މިގޮތުން ދިވެހި ޑަކްޓަރުންނާއި ބައެއް ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ނަރުހުން މުޅި ދުވަހު ގިނަ ވަގުތު ހޮސްޕިޓަލުގައި ހޭދަ ކުރައްވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެމީހުންގެ މަސައްކަތަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
"އާރއާރޓީގައި ހަރާކާތްތެރިވާ ކުދިންނަކީ ވެސް ހަމަ ޑިއުޓީ ކުރެއްވުމަށް ފަހު ކުރަން ޖެހޭ މަަސައްކަތް އެ ކުރައްވަނީ. މީގެ އިތުރުން ކޮންޓެކްޓް ޓްރޭސިންގ އަދި ހާލު ބެލުން ކަހަލަ ކަންކަމުގައި މަސައްކަތް ކުރާ މުވައްޒިފުން ވެސް ޑިއުޓީގެ އިތުރުން އެމަސައްކަތުގައި ބައިވެރިވާ މީހުން." ނަޝީދު ވިދާޅުވިއެވެ.
ހޮސްޕިޓަލުގެ ދުވަހީ މަސައްކަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ސްޕަޝަލިސްޓުންނަށް މިދުވަސްވަރަކީ އާއްމު ދުވަސްވަރާ ބަލާއިރު ލުއި ދުވަސްތަކެއް ކަމަށާއި ނަމަވެސް ކޮވިޑް ފްލޫ ކްލިނިކްތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ކޮވިޑް އެހެން ވެސް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިއީ ބުރަ އަދި ބޮޑު ދުވަސްވަރެއް ކަމަށެވެ.
"ކޮވިޑް-19 އޮޕަރޭޝަންގެ މަސައްކަތްތައް ގިނަވިއިރު، އޯޕީޑީގެ މަސައްކަތްތައް ތަންކޮޅެއް މަދު ވެފަ މިއޮތީ. ދެން އެހެން ނަމަވެސް ޖެނެރަލް ސައިޑްގައި އެޑްމިޓް ކުރާ ޕޭޝިއަންޓުންގެ އަދަދު މަދެއް ނުވޭ. ނަރުހުންނަށާއި ޑަކްޓަރުންނަށް ފުދޭ ވަރަކަށް ބާރު ބޮޑުކޮށް މިދަނީ. އެހެން ނަމަވެސް ސްޕަޝަލިސްޓުންނަށް އާއްމު ހާލަތާ ބަލާ ލުއިކޮށް މިދަނީ." ނަޝީދު ވިދާޅުވިއެވެ.
24 ގަޑިއިރުން 48 ޓެސްޓް
ގަމު ރީޖަނަލް ހޮސްޕިޓަލުން ކޮވިޑް ޓެސްޓް ކުރެވޭއިރު، ނަތީޖާ ލިބުން ލަސްވާތީ އެކަމުގެ ޝަކުވާ އެރަށު ރައްޔިތުން ކުރެއެވެ. މިކަން ހިނގާގޮތް ނަޝީދު ވަނީ ސާފު ކޮށްދެއްވައިފައެވެ.
އޭނާ ވިދާޅުވީ، ގަމު ރީޖަނަލް ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓް ކުރެވެނީ ދުވާލަކު 48 ސާންޕަލް ކަމަށެވެ. އަދި ޕީސީއާރ ޓެސްޓް ލެބެއް ޤާއިމް ކުރެވުމާ އެކު މިއަދަދު އިތުރު ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިވަގުތު ޕީސީއާރ ޓެސްޓިންގް ޓްރެއިންނިންގ ، ހޮސްޕިޓަލުގެ ދެ މުވައްޒިފުން ހަދަމުން ދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވަނީ ލ. އަތޮޅުގެ އިތުރުން ގދ. އަތޮޅުގެ އިތުރުން ރ.އަތޮޅާއި ޅ. އަތޮޅުގައި ޕީސީއާރ ޓެސްޓް ލެބޯޓަރީއެއް ހެދުމަަށް ނިންމާފައިވާކަމަށް މީގެ 2 ދުވަސް ކުރިން ހާމަ ކުރައްވައިފައެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުން މިހާރު ޓެސްޓް ކުރަމުން އަންނަނީ، ކޭސްއަކާ ގުޅުން ނެތް އަލާމާތްތައް ހުރި މީހަކު ފުލޫ ކްލިނިކަށް ދެއްކުމުންނެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭ މީހުންނާއި ޑައިލިސް ހައްދާ މީހުން ފަދަ އަވަހަށް ނަތީޖާ ބޭނުންވާ ކޭސްތައް ގަމު ހޮޕިޓަލުގެ ލެބޯޓަރީން ޓެސްޓް ކުރެއެވެ. މީގެ އިތުރުން، ހޮސްޕިޓަލުގެ ސްޓާފުން ޓެސްޓް ކުރަން ޖެހޭ ހާލަތުގައްޔާއި ހޮސްޕިޓަލަށް ދާއިމީކޮށް ދައްކާ ބަލި މީހުންގެ ރިލީޒް ސާންޕަލް ނަގައި، އެ ޓެސްޓްތައް ކުރަނީ ވެސް އެ ހޮސްޕިޓަލުގެ ލެބޯޓަރީންނެވެ.
މީގެ ކުރިން އެ ހޮސްޕިޓަލުން ޓެސްޓް ކުރަމުން އައި އުސޫލު ކިޔައިދެއްވަމުން ނަޝީދު ވިދާޅުވީ، މޮނިޓަރިންއަށް ލުމުގެ ކުރިން ކަަރަންޓީން ރިލީޒް ސާންޕަލް ވެސް އެ ހޮސްޕިޓަލުން ނެގި ކަމަށެވެ. ނަމަވެސް 14 ދުވަހުން 10 ދުވަހަށް ކަރަންޓީން މުއްދަތު ކުރު ކުރުމުން ހޯމް ކަރަންޓީންއަށް އައި ފަރާތްތައް އިތުރުވުމާ އެކު ހޮސްޕިޓަލްގެ ކެޕޭސިޓީއަށް ވުރެ އިތުރަށް ކޮންމެ ދުވަހަކު މީހުންގެ ރިލީޒް ސާންޕަލް ނަގަން ޖެހުމުން އެމަސައްކަތް ހުއްޓައިލި ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ހޯމް ކަރަންޓީންގެ މުއްދަތު ހަމަވުމުގެ ކުރިން، އަލާމަތްތައް ފެނި ސާންޕަލް ނަގަން ޖެހޭ ހާލަތެއްގައި އެ ހޮސްޕިޓަލުން ޓެސްޓް ހަދާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. މިގޮތުން ކަރަންޓީންގައި ތިބި ބައެއްގެ ފަރާތުން އަލާމާތް ފެނިގެން، އެ އަތޮޅުން ފުރަތަމަ ފައްސިވި މާންދޫ ކްލަސްޓަރގެ ކޭސްތައް ސާންޕަލްގެ ނަތީޖާ ހަދައިފައި ވަނީ އެ ހޮސްޕިޓަލުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އިކުއިޕްމެންޓް ނެތިގެން ފަރުވާ ނުދެވޭ ހިސާބަށް ދާނެ ކަމަށް ޤަބޫލެއް ނުކުރެވޭ
މިދިޔަ އަހަރުގެ ތެރޭގައި ފްލީ-އިކިއުޕްޓް 20 އެނދުގެ އައިސީޔޫއަކާ އެކު 41 އެނދުގެ ކޮވިޑް-19 ފެސިލިޓީއެއް ގަމުގައި ވަނީ ޤާއިމް ކުރެވިފައެވެ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި މިވަގުތު އައިސީޔޫގައި 3 މީހަކަށް ފަރުވާ ދެމުން އަންނައިރު، އޮކްސިޖަންގެ ދަތިކަމާ ހުރެ ނުވަތަ ވެންޓިލޭޓަރު ނުލިބިގެން ފަރުވާ ނުދެވޭ ހާލަތަަކަށް ގޮސްފާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
" އޮކްސިޖަން ފުދޭ ވަރަކަށް ރަނގަޅު މިންވަރަކަށް ސްޓޯރޭޖްގައި އެބަހުރި. ޤަބޫލެއް ނުކުރެވޭ އޮކްސިޖަކް ހުސްވެގެން، ވެންޓިލޭޓަރު ނެތިގެން، ނުވަތަ އެ ނޫން ވެސް މެޝިނަރީ އަދި އިކުޕްމެންޓް ނެތިގެން ފަރުވާ ނުދެވޭނެ ހެނެއް." ނަޝީދު ވިދާޅުވިއެވެ.
ގަމު ހާލަތު ރަނގަޅެއް ނުވޭ - އަތޮޅުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ހާހަކާ ގާތްކޮށްފި
ލާމު އަތޮޅުން ކޮވިޑް-19 އަށް 938 މީހަކު މިހާތަނަށް ވަނީ ފައްސިވެފައެވެ. އޭގެ ތެރެއިން 487 މީހަކު ބަލިން ވަނީ ރަނގަޅުވެފައެވެ. އިއްޔެ އެކަނި ވެސް އެ އެއަތޮޅުގެ ތިން ރަށަކުން 28 މީހަކު ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ.
ގަމުން އިއްޔެ 4 މީހަކު ފައްސިވި ނަމަވެސް ގަމުގައި ކޮވިޑް-19 ހާލަތު ކޮންޓްރޯލް ނުވާ ކަަމަށް ނަޝީދު ދެކެލައްވައެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު ކުޑަކޮށް ދަށްވުމާއެކު، އަޅައިފައިވާ ފިޔަވަޅުތަކަށް ސަލާލުކަން ނުދެވޭ ތަން އަންނަ ކަމަށެވެ. އަދި މިކަމުގެ އާޚިރު ނަތީޖާއަކަށް އަނެއްކާ ވެސް ކުއްލިއަކަށް ކޭސްތައް އިތުރުވާން ފަށާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ރައްޔިތުން ވަރަށް ބޮޑަށް ފިޔަވަޅުތަކަށް ސަމާލުކަންދޭކަން ފާހަގަކޮށްލަން. އެކަމަކު ބުނެލަން އޮތް ވާހަކައަކީ ކޭސްތަކުގެ އަދަދު ދަށްވި ނަމަވެސް އަޅައިނުލާ ދޫކޮށް ނުލާށޭ. ކާފިއު ވަގުތުތަކުގައި ބޭރުގައި ނޫޅޭށޭ. މޮނިޓަރިންގގަ އޮތް ރަށްތަކުގައި ފިޔަވަޅުތަކަށް ތަބާވާށޭ. މި ބަލިމަޑުކަމުން ﷲގެ ވާގިފުޅާ އެކު އަރައިގަނެވޭނީ އޭރުން" ނަޝީދު ވިދާޅުވިއެވެ.
ގަމުން މިހާރު ކޮވިޑް-19 އަށް ގިނައިން ފައްސިވަމުން އަންނަނީ ކުރީގެ ކޭސްތަކާ ކޮންޓެކްޓްވެފައިވާ ފަރާތްތަކެވެ. މަދުން ނަމަވެސް ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން ކޭސްއަކާ ގުޅުން ނެތް ކަަމަށް ފާހަގަވާ ފަރާތްތައް ބައްޔަށް ފައްސިވީ ނަމަވެސް ނަޝީދު ވިދާޅުވީ، އެއީ ކޮންމެވެސް ގޮތަކަށް ފައްސި މީހަކާ ކޮންޓެކްޓްވި ފަރާތެއް ކަމަށް ބެލެވޭ ކަމަށެވެ.
ލާމު ކޮވިޑްގެ"ޕަވަރހައުސް"އަކަށް މާންދޫ
ލާމު އަތޮޅުގެ ގިނަ ރަށްތަކެއް ކޮމިއުނިޓީ ސްޕްރެޑް އަކަށް ގޮސް، ގިނަ ރަށްރަކެއް މޮނިޓަރިންގގެ ހާލަތަށް ގެންނަން ޖެހުނީ ގަމާއި ފޮނަދޫ އަދި ކައްދޫއާ އެއްފަސްކޮށް އޮންނަ މަސްފެކްޓްރީ ހިންގާ މާންދޫގައި ކަރަންޓީންގައި ތިބި ބަޔަކު ފައްސިވުމާ ގުޅިގެންނެވެ. މާންދޫއިން ގިނަ އަދަދެއްގެ ބަޔަކު ކަރަންޓީންގައި ތިބި ފަރާތްތަކާ ގާތުން ބައްދަލުވެ، ގިނަ ބިދޭސީންތަކެއް ބައްޔަށް ފައްސިވިއެވެ.
މާންދޫއަކީ ގަމާއި ފޮނަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން މަސައްކަތް ކުރާ ރަށެކެވެ. އެހެންކަމުން މާންދޫ ކްލަސްޓަރގެ ކޭސްތައް މި ދެ ރަށަށް ފެތުރުނެވެ.
އަލީ ނަޝީދު ދެކެލައްވާ ގޮތުގައި ލ.އަތޮޅުގެ ގިނަ ކޭސްތަކެއް އޮތީ މާންދޫ ކްލަސްޓަރއާ ގުޅިފައެވެ. އަދި ގަމުން ދެ ކްލަސްޓަރއެއް ފެނުނު ކަމަށާއި ނަމަވެސް އެ ކްލަސްޓަރތަކުން މާ ގިނަ ބަޔަކު ފައްސިވެފައި ނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. މިގޮތުން މާލެ ދަތުރު ކުރާ ބޯޓަކުންނާއި މަސްދޯންޏަކުން މީހުން ބައްޔަށް ފައްސިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ގަމުގެ އިތުރުން އަތޮޅުގެ އިތުރު ރަށްރަށުގައި ވެސް ފެތުރިފައި ވަނީ މާންދޫ ކްލަސްޓަރއާ ގުޅުން ހުރި ކޭސްތަކެއް ކަމަށް ބެލެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އިސްދޫގަ ވެސް އަޅުގަނޑަށް ބޮޑަށް ޤަބޫލު ކުރެވެނީ މާންދޫ ކްލަސްޓަރއާ ގުޅުން ހުރި ކްލަސްޓަރއެއް ކަމަށް. މާވަށުން ފުރަތަމަ ފައްސިވީ، މި ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް އައި ފަރާތެއް. ހޮސްޕިޓަލުން ފަރުވާ ދިނުމުގެ ކުރިން ނެގި ސާންޕަލެއް ފައްސިވެގެން މި އުޅެނީ. މާމެންދޫގައި ވެސް ދިމާވީ ހަމަ އެގޮތަށް" ނަޝީދު ވިދާޅުވިއެވެ.
ކޮވިޑް-19 މިއަދު ލ.އަތޮޅުގައި މިވަނީ މޫލައިފައެވެ. މިކަމުން އަރައިގަނެވޭނީ އެންމެހާ ފަރާތްތަކުގެ އެއްބާރުލުމާއެކުގައެވެ. ލަޓިބުރިން ގެޔަށް ވައްދަން ޖެހޭ އުސޫލު ދޫކޮށްލައި އެންމެން ވެސް ފަރުދީ ޒިންމާ ނަގައިގެންނެވެ. ނަޝީދު ވެސް ދެކެވަޑައިގަންނަވަނީ މިހެންނެވެ. ފަރުދީ ޒިންމާ ހަނދާންކޮށްދެއްވަމުން އޭނާގެ ޝުކުރު ރައްދުވީ ކިޔަމަންތެރި ރައްޔިތުންނާ ހީވާގި މުވައްޒިފުންނާއި ޚިދުމަތްތެރި މުއައްސަސާ ތަކަށެވެ.
"ވަރަށް ގިނަ މުއައްސަސާތަކުން އެހީތެރިކަން އަޅުގަނޑުމެންނަށް އެބަ ލިބޭ. އޭގެ އިތުރުން އާއްމު ރައްޔިތުންގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމަކާ އެއްބާރުލުން އަޅުގަނޑުމެންނަށް ލިބެމުން މިދަނީ ދެން އެއާ އެކީ ފާހަގަ ކޮށްލަން ހޮސްޕިޓަލުގެ މުވައްޒިފުން އެއްވެސް ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރަމުން މިދަނީ. ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު ދަންނަވާލަން ބޭނުން." ނަޝީދު ވިދާޅުވިއެވެ.