ރިޕޯޓް

ލަންދޫގެ ހާލަތު ގޯސް، ފައްސި އަދަދުތައް މައްޗަށް ، 2 ނަރުހުން ކަރަންޓީނުގައި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ފޮޓޯ: މީސްމީޑިއާ

ނ.ލަންދޫގައި ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ޖަމާޢަތީ ފެތުރުމަކަށް ބަދަލުވެއްޖެއެވެ.

Ads by Hajj Corporation

ލަންދޫ ކައުންސިލްގެ ރައީސް އަބްދުލްއަޒީޒް "ދެން"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެރަށުން ފައްސިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުން ކަމަށެވެ. އެގޮތުން އިއްޔެ ވެސް 11 މީހަކު އެރަށުން ކޮވިޑް-19އަށް ވަނީ ފައްސިވެފައެވެ.

މުޅި ޖުމުލަ 31 މީހުން އެރަށުގައި ކޮވިޑް-19އަށް މިހާރު ފައްސިވެފައިވާ އިރު ލަންދޫގެ 61ގެއެއް ވަނީ ކަރަންޓީނު ކުރެވިފައެވެ. އަދި ރަށުގައި ބަލި ކޮންޓްރޯލް ކުރުމަށް ޓަކައި ފިޔަވަޅުތަކެއް އެޅިފައިވާއިރު ޒަރޫރީ ބޭނުމަށް ފިޔަވައި އެހެން ކަމަކަށް އެއްވެސް ވަގުތެއްގައި ބޭރަށް ނުކުމެ އުޅުން ވަނީ މަނާ ކޮށްފައެވެ.

އެރަށުން ކޮވިޑްގެ ކޭހެއް އެންމެ ފުރަތަމަ ފެނުނީ މި މަހު 19 ވަނަ ދުވަހުއެވެ. އެރަށުން އެންމެ ފުރަތަމަ ވެސް ފައްސިވީ ކަަރަންޓީނުގައި ނެތް މީހެކެވެ. އެހެންކަމުން އެރަށުގެ ގިނަ ބަޔަކާ އެމީހުން ކޮންޓެކްޓް ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ލަންދޫން ފައްސިވީ މީހުންގެ ތެރޭގައި ހައިރިސްކު ދެމީހަކު ހިމެނޭއިރު އެމީހުންގެ ހާލު މީގެ ދެތިން ދުވަހެއް ކުރިން ދަށަށް ދިޔަ ނަމަވެސް މިހާރު ރަނގަޅު ކަމުގައި އަބްދުލްޢަޒީޒް ފާހަގަ ކުރެއްވިއެވެ.

2 ނަރުހުން ކަރަންޓީނުގައި، ޚިދުމަތުގައި ޑޮކްޓަރަކާއި 2 ނަރުހުން

ލަންދޫގައި ދުވަހެއް ދުވަހަކަށް ކޮވިޑް-19އަށް ފައްސިވާ މީހުން އިތުރުވަމުން އަންނައިރު ނަރުހުންގެ ދަތިކަން ވަރަށް ބޮޑު ކަމަށް "ދެން"އާ ވާހަކަ ދައްކަވަމުން އަބްދުލްޢަޒީޒް ފާހަގަ ކުރެއްވިއެވެ.

އެގޮތުން ހެލްތު ސެންޓަރުގައި މަސައްކަތް ކުރާ ދެ ނަރުހަކު ފައްސިވީ މީހަކާ އެއްތާވުމުގެ ސަބަބުން މިހާރު ކަރަންޓީނު ކޮށްފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. ޚިދުމަތުގައި މިހާރު ތިބީ 2 ނަރުހުންނާއި ޑޮކްޓަރެއް ކަމަށާއި އެހެންކަމުން ދަތިތަކާ ކުރިމަތިވާ ކަމުގައި އޭނާ އިތުރަށް ފާހަގަ ކުރެއްވިއެވެ.

ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވަމުން އަންނައިރު ކޮންމެ ދުވަހަކު ވެސް 1000އަށްވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވެއެވެ. އަދި މި ބަލީގައި ދުނިޔެ ދޫކުރާ މީހުންގެ އަދަދު ވަނި އިންތިހާއަށް އިތުރުވެފައެވެ. މިދިޔަ ހޯމަ ދުވަހު ވެސް ކޮވިޑް ޖެހިގެން 13 މީހަކު ނިޔާވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!