ހުއްދަ ނެތި ޕަބްލިކް ނޯޓަރީ ތައްގަނޑު ބޭނުންކުރި ދެ ޤާނޫނީ ވަކީލަކާ މެދު ފިޔަވަޅުއަޅައިފި
ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ނެތި ގަވާއިދާ ޚިލާފަށް، ޕަބްލިކް ނޯޓަރީ ތައްގަނޑު ބޭނުންކުރި މައްސަލައެއްގައި ދެ ، ޤާނޫނީ ވަކީލަކާ މެދު ބާ ކައުންސިލުން ފިޔަވަޅުއަޅައިފިއެވެ.
ގަވާއިދާ ހިލާފަށް ޕަބްލިކް ނޯޓަރީ ތައްގަނޑު ބޭނުންކޮށްފައިވާ ދެ ވަކީލުންނަކީ ދެމަފިރީންނެވެ.
ބާ ކައުންސިލުން ގާނޫނީ ވަކީލް ޒުންނަވާރު ސަލީމްގެ އަނބިކަނބަލުން މެހެނާޒު ހުސެއިން އަށް ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީގެ ހުއްދައިގެ ސިއްކަ ބޭނުންކޮށްގެން އުސޫލުތަކާއި ގަވައިދާ ހިލާފުވެފައި ވާތީ 100،000ރ. އިން ޖޫރިމަނާކޮށް މައްސަލަ ބަލަން ފަށައިފައިވާކަމަށް ބާ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ފޭކު ސެޓިފިކެޓެއް ބޭނުންކޮށްގެން ވަކީލުކަމުގެ ހުއްދަ ހޯދުމުގެ މައްސަލައެއް ކުރިން ވެސް ފެންމަތިވެފައިވާ ވަކީލެއްކަމުގައިވާ ޒުންނަވާރު ވަނީ މެހެނާޒު ޕަބްލިކް ނޯޓަރީ ޕާމިޓުގެ ސިއްކަ ބޭނުންކޮށްގެން އަމިއްލަ ދެ ކުންފުންޏެއްގެ މެދުގައި ހެދި އެއްބަސްވުމުގައި ނޯޓަރައިޒްކޮށްދީފައި ކަމަށް ވެސް ބާ ކައުންސިލުން ބުނެއެވެ. އަދި އެ ސިއްކާގައި މެހެނާޒު ސޮއިކޮށްފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އެހެންކަމުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި، ޒުންނަވާރު، 50،000ރ. އިން ޖޫރިމަނާ ކުރުމަށް ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީން ވަނީ ނިންމައިފައެވެ.
މެހެނާޒުގެ މައްސަލައާ ގުޅިގެން ނެރުނު ބަޔާނުގައި ބާ ކައުންސިލުން ބުނީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރާ ގާނޫނީ ވަކީލަކީ ނޯޓަރީގެ ހިދުމަތް ލިބިގަންނަ ފަރާތުގެ ގާނޫނީ ވަކީލަށް ވެގެން ނުވާނެކަމަށް އުސޫލުގައި ބަޔާން ކުރި ނަމަވެސް އޭނާ އެ އުސޫލާ ހިލާފުވެފައިވާ ކަމަށާއި ނޯޓަރައިޒްކޮށްދޭ ބާވަތާއި ސޮއިކުރި ފަރާތްތަކުގެ މައުލޫމާތު ވެސް ބަލަހައްޓާފައި ނުވާ ކަމަށެވެ.
އަދި މީގެ އިތުރުން މެހެނާޒަށް ޕަބްލިކް ނޯޓަރީގެ ހުއްދަ ދޫކުރުމުގެ ކުރިން އެކި ފަރާތްތަކަށް ނޯޓަރައިޒް ކުރުމުގެ ހިދުމަތް ދީފައިވާ ކަމަށާއި އެއީ ގާނޫނީ ފަންނުގެ ގާނޫނާއި ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގަވާއިދާ ހިލާފަށް އޭނާ ކޮށްފައިވާ ކަމެއް ކަމަށް ބާ ކައުންސިލުން ވިދާޅުވެއެވެ. އެހެންކަމުން އޭނާ ވެސް ބައި ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އޭނާއަށް ދޫކުރި ހުއްދަ އެއް އަހަރު ދުވަހުގެ މުއްދަތަށް ހިފަހައްޓައި މައްސަލަ ބަލަން ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ ކުއްލި ޖަލްސާއެއްގައި ވަނީ ނިންމައިފައެވެ.