"އަނިޔާ ދޭކަން ނަރުހުން ކައިރީގައި ބުނުމުން ވެސް އަޅައެއް ނުލި، ވީޑިއޯ ކުރީ ކެތް ނުވެގެން"

އަނިޔާ ކުރާ މަންޒަރު ތަކުރާރުކޮށް ފެނި އެކަން ނަރުހުންގެ ސަމާލުކަމަަށް ނެގައި ކަމަށާއި ނަމަވެސް އެކަމާ ނަރުހުން އަޅައި ނުލި ކަމަށް ހުޅުމާލޭ ކޮވިޑް-19 ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް މީީހަކު ބުނެފިއެވެ.
ހުޅުމާލޭ ކޮވިޑް-19 ފެސިލިޓީގައި މުސްކުޅި އަކަށް ބިދޭސީއަކު އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ވަނީ އާއްމުވެފައެވެ. މިކަމާ ގުޅިގެން އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު" އިން އެތަނުގައި އެދުމަތިކޮށްފައިވާ މީހަކާ ހަވާލާދީ ބުނެފައި ވަނީ، އެތަނުގައި އޮތް ބަލި މީހާއަށް ރެއިން ފެށިގެން އަނިޔާ ކުރަމުން ދިޔަ ކަމަށެވެ. އަދި އެކަން ސަމާލުކަމަަށް ގެނައުމުން ވެސް އަޅައި ނުލުމުން ހިތަށް ކެތްނުވެގެން ވީޑިއޯ އާއްމު ކުރީ ކަމަށްވެސް އޭނާއާ ހަވާލަދީ އެނޫހުން ބުނެއެވެ.
https://twitter.com/DhenOnline/status/1397538963070455816?s=20
މި މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްއަޒީޒް ވިދާޅުވީ އުމުރުން ދުވަސްވީ އެ މީހާއަށް އަނިޔާ ކުރި އެ މީހާއަކީ، އާއިލާގެ ފަރާތުން އެތަނުގައި (އެ މީހާ ބެލުމަށް) ބެހެއްޓި މީހެއް ކަމަށެވެ.
އުމުރުން ދުވަސް ވީ ފިރިހެން މީހާއަށް އަނިޔާކުރި މީހާ އެތަނުން ފޮނުވައިލާ އާއިލާއަށް ވެސް އެކަން އަންގާފައިވާ ކަމަށާއި، މި މައްސަލަ މިހާރު ފުލުހުން ބަލަމުން ގެންދާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
މިމައްސަލައިގައި ފުލުުހުން ވިދާޅުވީ މިއަދު ހަވީރު 4:30 ހާއިރު މިމައްސަލަ ހުޅުމާލޭ ކޮވިޑް ފެސިލިޓީން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މިމައްސަލައިގައި އުމުރުން 31 އަހަރުގެ ބަނގްލަދޭޝް މީހަކު ފުލުުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.






ކޮމެންޓް