ރިޕޯޓް ދީން

އަހަރެމެން ބަލައި ބޮޑުކުރި މައިންބަފައިން ހަރުކަށި އަތްތަކެއްގެ މައްޗަށް ދޫކޮށްނުލާށެވެ.

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ދިރިއުޅުމުގެ އެކި ފުރާވަރުތައް ބަދަލުވެގެންދާ ގޮތާއި ، އެ ބަދަލުތަކާއެކު މުޅި ދިރިއުޅުން ބަދަލުވެގެން ދާ ގޮތަކީ ޢިބްރަތްތެރި ފިލާވަޅެކެވެ.

Ads by Sosun Fihaara

ވިސްނާލަމާ ހިނގާށެވެ. ތިބާ ވެސް ތުއްތުތުއްތު ކުއްޖެއްކަމުގައި ވީމުއެވެ. އޭރު މުޅި އާއިލާގެ އުފަލަކީ ތިބާއެވެ. ތިބާއަށް ބޭނުންވާ ކޮންމެ ކަމެއް ކޮށްދިނުމަށް އާއިލާ ތިބެނީ ތައްޔާރަށެވެ. މައިންބަފައިންނަކީ ފަގީރު ނިކަމެތީންކަމުގައި ވިޔަސް ތިބާއަށް ކޮށްދޭން ޖެހޭ ކަމެއް އުނިވިޔަކަ ނުދެއެވެ. ރީތީ ހެދުން ހޯދައިދެއެވެ. މީރު ކެއުން ކާންދެއެވެ. ބޭނުންވީހާ އެއްޗެއް ހޯދައިދެއެވެ.

ތިބާ ބޮޑުވަމުން އާދެއެވެ. ނުރުހުމުގެ ލޮލުން މީހަކު ތިބާއަށް ބަލާލަން ކީއްކުރަން ، ނަފްރަތުގެ ކުޑަ ބީހުމެއް ވެސް ތިބާގެ ގައިގައި ބީހޭކަށް މައިންބަފައިން ނޭދެއެވެ. ތިބާގެ ރައްކާތެރިކަމަށް ޓަކައި އަބަދުމެ ތިބެނީ ސަމާލުވެގެންނެވެ. ތިބާ ބަލިވެއްޖެ ނަމަ ، އެ ބަލިވީ މައިންބަފައިންކަމުގައި ހީވެއެވެ. އެހެނީ އެކަމަށް ޓަކައި އެ މީހުން އޮހޮރާ ކަރުނައާ ކަންބޮޑުވާ މިންވަރު އެތައް ގުނައެއް އިތުރެވެ.

ތިބާ ހެދި ބޮޑުވެއެވެ. މަދަރުސީ ދައުރަށް ދެއެވެ. ތިބާއަކީ އެންމެ މޮޅު ދަރިވަރު ކަމަށް ހެދުމަށް ކުރެވެން އޮތްހައި ކަމެއް މައިންބަފައިން ކުރެއެވެ. ކޮންމެ މާއްދާއަކަށް ވަކީން ޓިއުޝަން ޓީޗަރުން ހޯދައެވެ. ތިބާއަށް އެއްވެސް ހުނަރެއް މަދު ނުވާކަން ކަށަވަރު ކުރަން އެހެން ހުރިހާ ކަމެއްގައި ވެސް ބައިވެރި ކުރުވައެވެ.

މަދަރުސީ ހަޔާތް ނިމި ، ކިޔެވުން ނިމި ދެން ތިބާ ވެސް ދަތުރު ކުރަނީ ދިރިއުޅުމުގެ މުޅީން އެހެން ސްޓޭޖަކަށެވެ. ތިބާ ދުނިޔެއަށް އުފަންވުމުގެ އަސްލު ދަތުރަށެވެ. ތިބާއާ ތިބާ ލޯބިވާ ކުއްޖަކު ކައިވެންޏަކުން ގުޅެއެވެ. އޭގެ ފަހުން ދަރިއަކަށް އެދެއެވެ. ތިބާގެ މައިންބަފައިން ތިބާއަށް އެދުނު ފަދައިންނެވެ.

މައިންބަފައިން މުސްކުޅި ހާލުގައި ވަނިކޮށް އެ ދެމަފިރީންނަށް ތިބާ ލިބި އުފާ ފާޅުކުރި ޙާލަތަށް ތިބާ ދަތުރުކުރެއެވެ. ތިބާއަށް ދަރިއެއް ލިބި ދުނިޔޭގައިވާހާ ހުރިހާ އުފަލެއް ލިބުނުހެން ހީވެއެވެ. ތިބާގެ މައިންބަފައިން ތިބާ ލިބިގެން އުފާ ކުރި ބީދައިންނެވެ.

ނަމަވެސް ޙާލަތު ބަދަލުވެ ދަނީ މި ހިސާބުންނެވެ. މައިންބަފައިން މުސްކުޅި ހާލަތަށް ދިޔުމުން ނުވަތަ ތިބާގެ އަމިއްލަ ދިރިއުޅުމެއް ފެށުމުން މުޅި ވިސްނުން ބަދަލުވެއެވެ. ތިބާ މިއަދު ތިޔަ ހިސާބަށް ގެނެސްދިން މައިންބަފައިންނާ މެދު ފަރުވާ ކުޑަކޮށްލެވެއެވެ. ތިބާއަށް އެމީހުންގެ މުހިންމުކަން ކެނޑެއެވެ.

ނަތީޖާއަކަށް ވަނީ ތިބާ ދުނިޔޭގައި ހުރެމެ އެ މައިންބަފައިން ނިކަމެތިވެގެން ދިޔުމެވެ. މައިންބަފައިން ދެކިލާނެ ވަގުތެއް ތިބާގެ އަތަކު ނެތެވެ. އެއަށްވުރެ ތިބާ ބިޒީއެވެ. ތިބާ މިއަދު ތިހުރީ މާބޮޑު މަގާމެއްގައެވެ. ތިބާ ނުފެނި ގިނަ ދުވަސްވުމުން މަންމަ ނުވަތަ ބައްޕަ ތިބާއަށް ގުޅައިލައެވެ. ނަމަވެސް ތިބާ އިނީ ބޮޑު ބައްދަލުވުމެއްގައެވެ. ފޯނަށް ޖަވާބު ދެވޭކަށް ނެތެވެ. ދެވަނަ ފަހަރަށް ގުޅައިލުމުން މާބޮޑަށް އުނދަގޫ ވެއްޖެއެވެ. ފޯން ކަނޑައިލީއެވެ.

މަންމަ ނުވަތަ ބައްޕަ ބަލިވެއްޖެއެވެ. ތިބާ ތުއްތުއިރު ، ޖެހޭ ލުއިލުއި ވައިރޯޅިއަކުން ވެސް ތިބާއަށް ރައްކާތެރިކަން ދިން މައިންބަފައިން ބަލާކަށް ތިބާ އަތަކު ވަގުތެއް ނެތެވެ. ތިބާ ތުއްތުއިރު ތިބާގެ ޚިދުމަތަށް ޚާއްޞަ ވުމަށް އޮފީހުން ކެނޑުނު މަންމައަށް ވާހަކަ ދައްކާލާނެ އެންމެ މިނެޓެއް ވެސް ތިބާއަކަށް ނުލިބެއެވެ. އެންމެ ފަހުން ތިބާއަށް އެ މައިންބަފައިންގެ މައްޗަށް ކޮށްދެވުނީ އެންމެ ހެޔޮ ކަމެކެވެ. އެއީ ގޮތް ނޭނގޭ ، އަނިޔާވެރި އަތްތަކެއްގެ މައްޗަށް އެ މައިންބަފައިން ދޫކޮށްލުމެވެ. ދަރީން ދުނިޔޭގައި ތިބެމެ . އެކަނިވެރިކޮށްލުމެވެ. ބިކަކޮށްލުމެވެ.

އޭ އަޚާއެވެ. އުޚުތާއެވެ! ތިބާގެ ހިތް ތިޔަހައި ހަރުވީ ކޮންކަމެއްގެ ސަބަބުން ހެއްޔެވެ. ތިބާ ތުއްތުއިރު ތިބާއަށް ރައްކާތެރިކަން ދިން މައިންބަފައިންނަށް އޮތް ބަދަލަކީ ތިއީ ހެއްޔެވެ؟ ހަނދާން ކުރާށެވެ. ތިބާ ވެސް މުސްކުޅި އުމުރަށް އެބަދެއެވެ. ތިބާގެ ތުއްތު ދަރިފުޅު ބޮޑުވެ ޒަވާޖީ ޙަޔާތެއް ފަށާ ދުވަސް އަންނާނެއެވެ. ތިބާ މުސްކުޅި އުމުރުގައި ދަރީންގެ އެހީތެރިކަން ބޭނުންވާނެ ދުވަސް އަންނާނެއެވެ.

ދުނިޔެއަކީ މިފަދަ ބުރެކެވެ. މި ބުރުން ފިލާވަޅު ދަސްކުރާށެވެ،

ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގައި ވެއެވެ.

ޖިބްރީލް އަމީން ދުޢާ ކުރެއްވިއެވެ. މުސްކުޅި ހާލުގައި މައިންބަފައިންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބި ، އެމީހަކަށް ފާފަ ނުފޮހެވުނު މީހާއަށް ހަލާކު ހުއްޓެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާމީން ވިދާޅުވިއެވެ،

ކަމުގެ ބޮޑުކަމާ މެދު ވިސްނަވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ތާއިފަށް ވަޑައިގެންނެވި ދުވަހު އެ ރަށުގެ އަހުލުވެރީންގެ ކިބައިން އެތައް އަނިޔާއަކާ ދުއްތުރާއެއް ލިބުނު ހިނދު ، އެކަމުގެ ބަދަލު ދެއްވުމަށް އެދި ދުޢާ ކުރެއްވުމަށް ޖިބްރީލްގެފާނު ވިދާޅުވުމުން ވެސް އެކަލޭގެފާނު އިޚްތިޔާރު ކުރެއްވީ ކެތްތެރިކަމެވެ. ކުރެއްވީ ހެޔޮ ދުޢާއެވެ. އެހެން ނަމަވެސް މުސްކުޅި މައިންބަފައިން ނިކަމެތިވާން ދޫކޮށްލާ އިންސާނާ ހަލާކުވުމަށް ރަޙުމަތުގެ ނަބިއްޔާ ދުޢާ ކުރެއްވުމުން ކަމުގެ ނުރައްކާތެރިކަން އެއޮތީ ސާފުކޮށް ފެންނާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!