ދުނިޔެ

ޑިސެންބަރު މަހުގެ ނިޔަލަށް އިންޑިއާގެ މުޅި އާބާދީއަށް ވެކްސިން ޖަހަން އަމާޒު ހިފައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިންޑިއާގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށް އިންޑިއާގެ ސަރުކާރުން އަޅަން ނިންމައިފައިވާ ޚާއްޞަ ފިޔަވަޅުތަކުގެ ތެރޭގައި މިއަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އިންޑިއާގެ މުޅި އާބާދީއަށް ވެކްސިން ޖަހަަން އެޤައުމުން އަމާޒު ހިފައިފައިވާ ކަމަށް އިންޑިއާގެ ޔޫނިއަން މިނިސްޓްރީން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ނޫސްވެރިންނާ ބައްދަލު ކުރައްވާ ޔޫނިއަން މިނިސްޓަރ ޕްރަކާޝް ޖަވަދެކަރު ވިދާޅުވީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރައްވަމުންދާ ކަމަށެވެ. އަދި ވެކްސިން އުފައްދާ ކުންފުނި ތަކަށް ސަރުކާރުން މީގެ ކުރިން ފައިސާގެ އެހީ ފޯރުކޮށްދީފައިވާކަން ފާހަގަކޮށް، އޭނާ ވިދާޅުވީ، ވެކްސިން އުފައްދާ ރޭޓް ހަލުވި ކުރެވިއްޖެ ކަމުގެ ޔަޤީންކަން އެކުންފުނި ތަކުން ދީފައިވާ ކަމަށެވެ.

"ސަރުކާރުގެ ދުރު ވިސްނުމުގެ ތެރެއިން އިންޑިއާގެ ވެކްސިން ކުންފުނިތަކަށް ކުރި ޚަރަދުގެ ނަތީޖާއެއްގެ ގޮތުން މިއަދު ވެކްސިން ކުންފުނިތަކުން ޔަޤީންކަން އެބަދޭ އިންޑިއާއަށް ބޭނުންވާ ވަރަށް ވެކްސިން އުފެއްދޭނެ ކަމަށް" ޕްރަކާޝް ވިދާޅުވިއެވެ.

އިންޑިއާގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރި، ވެކްސިން އުފައްދާ ކުންފުނިތަކުގެ މަސައްކަތް މަޑު ޖެހުމުގެ ސަބަބުން ވެކްސިން ލިބުމުގައި ދަތިތަކެއް ވަނީ ދިމާވެފައެވެ.

އިންޑިއާގެ މުޅި އާބާދީއަށް ވެކްސިން ޖެހޭނެ ކަމުގެ ޔަޤީންކަން ޕްރަކާޝް ދީފައި މި ވަނީ އިންޑިއާގައި ވެކްސިން ޖަހާ ރޭޓް ދަށްވެ، އިދިކޮޅުގެ ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ އިންޑިއާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އިއްޔެ ވިދާޅުވެފައި ވަނީ އިންޑިއާއިން ވެކްސިން ޖަހަމުން ރޭޓްގައި ވެކްސިން ޖަހާނަމަ 2024 ވަނަ އަހަރު އަޔަސް ވެކްސިން ޖަހައި ނުނިމޭނެ ކަމަށެވެ.

މިހާތަނަށް އިންޑިއާގައި ވެކްސިން ޖަހާފައި ވަނީ އެޤައުމުގެ އާބާދީގެ އެންމެ 3 ޕަސެންޓް މީހުންނެވެ. އެއީ 2 މިލިޔަނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!