ޚަބަރު

ސުޕާރީ ޕެކެޓާ ހިމެނޭހެން ޕްލާސްޓިކްގެ 9 ބާވަތެއް އަންނަ މަހުން ފެށިގެން މަނާވާނެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެއްފަަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އަންނަ ޖޫން މަހުގެ 1 އިން ފެށިގެން ނުވަ ބާވަތެއްގެ ޕްލާސްޓިކް ރާއްޖެ އެތެރެކުރުން މަނާވާނެއެވެ.

Ads by STELCO

ކަސްޓަމްސްގެ އިދާރާއިން މިރޭ ބުނީ، އަންނަ އަންގާރަ ދުވަހުން ފެށިގެން ނުވަ ބާވަތެއްގެ ޕްލާސްޓިކު ރާއްޖެ އެތެރެ ކުރުން މަނާ ވާނެ ކަމަށާއި އޭގެތެރޭގައި ސުޕާރީ ޕެކެޓާއި ޕްލާސްޓިކް ދަނޑިކޮޅު ލައިފައި ހުންނަ ކަފަބުރު ވެސް ހިމެނޭނެ ކަމަށެވެ.

އަންނަ މަހުން ފެށިގެން ރާއްޖެ އެތެރެ ކުރުން މަނާ 9 ތަކެތި:

1- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި.

2- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓުކުރާ ސުޕާރީ.

3- ޕްލާސްޓިކް ތަށި، ސަމްސާ، ވަޅި، އޫ، އަދި ދިޔާތަކެތި ދިނުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު.

4- ކާބޯތަކެތި ބަންދުކުރާ ސްޓްއިރަފޯމް ފޮށި.

5- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު.

6- 250 މިލި ލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި.

7- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު.

8- ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި. އޭގެ ތެރޭގައި ފެނާއި ލުއިބުއިން ހިމެނޭ.

9- ރާއްޖެއަށް އިމްޕޯޓުކުރާ 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅިއާއި ސައިބޯނި ފުޅި.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ރާއްޖެ އެތެރުކުރުން މަނާކުރާނެ 12 ބާވަތެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަނޑައެޅުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ.

އޭގެ ތެރެއިން ނުވަ ބާވަތެއް މަނާ ވާނީ އަންނަ މަހުން ފެށިގެންނެވެ. ބާކީ ތިން ބާވަތުގެ ތެރެއިން ދެ ބާވަތެއް މަނާ ވާނީ ޑިސެމްބަރު 1، 2022 ގަ އެވެ. އަދި ޑިސެމްބަރު 1، 2023 ގައި އިތުރު ބާވަތެއް ވެސް މަނާކުރަން ވަނީ ނިންމައިފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 7 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނު ރައީސް ތަސްދީގުކުރެއްވީ، އެ މަހުގެ 22 ވަނަ ދުވަހުގައެވެ. އެ ގާނޫނުގެ ދަށުން، ރާއްޖެ އެތެރެކުރުން މަނާވާނެ ތަކެތި، ޖެނުއަރީ 1، 2021 ގެ ކުރިން ރައީސް ކަނޑައަޅުއްވައި އިއުލާން ކުރައްވަން ޖެހެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!