ދުނިޔެ

11 ޤައުމެއްގެ ރައްޔިތުންނަށް ސައުދީއަށް އެތެރެވުމުގެ ހުއްދަ ދީފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ސަޢުދީ އަރަބިއްޔާއަށް އެތެރެވުން މަނާކޮށްފައިވާ ޤައުމުތަކުގެ ތެރެއިން 11 ޤައުމަކަށް، ސައުދީއަށް އެތެރެވުމުގެ ހުއްދަ އެޤައުމުން ދީފިއެވެ.

Ads by Sosun Fihaara

ސަޢުދީއަށް އެތެރެވުމުގެ ހުއްދަ ދީފައިވާ ޤައުމުތަކަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޖަރުމަނު، އެމެރިކާ، އަޔަލެންޑް، އިޓަލީ، ޕޯޗުގަލް، އިނގިރޭސި ވިލާތް، ސްވެޑެން، ސްވިޒްލޭންޑް، ފްރާންސް އަދި ޖަޕާނެވެ. ސަޢުދީގެ އިންޓީރިއާ މިނިސްޓްރީން ބުނެފައި ވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން މިޤައުމުތަކުން މީހުން ސަޢުދީއަށް އެތެރެވުމުގެ ހުއްދަ އޮންނާނެ ކަމަށެވެ. ނަމަވެސް މި ޤައުމުތަކުން އަންނަ ފަރާތްތައް ވެސް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ސައުދީން ބުނެއެވެ.

މިއަހަރު ފެބްރުއަރީ މަހުން ފެށިގެން ސައޫދީއިން ވަނީ 20 ޤައުމަކުން އެ ޤައުމަށް ނާދެވޭ ގޮތަށް، އެޤައުމުގެ ބޯޑަރު ބަންދުކޮށްފައެވެ. އެޤައުމުތަކަކީ، މިޞްރު، ލުބްނާން، ތުރުކީ، ފްރާންސް، އާޖެންޓީނާ، ބްރެޒިލް، ޕާކިސްތާން، އިންޑިއާ، އިންޑޮނޭޝިއާ، ދެކުނު އެފްރިކާގެ އިތުރުން މިއަދު ސައުދީއަށް އެތެރެވުމުގެ ހުއްދަ ދިން 11 ޤައުމެވެ. މިޤައުމުތަކުން މީހުން އެތެރެ ނުވެވޭ ގޮތަށް ހަދާފައިވަނީ ސަޢުދީގައި ކޮންޓްރޯލެއް ނެތި ކޮވިޑް-19 ފެތުރިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

މިއަދު ސަޢުދީއިން އެޤައުމަށް އެތެރެވެވޭނެ ކަމުގެ ހުއްދަ ދިން ޤައުމުތަކަށް ހުއްދަ ދީފައިވަނީ، އެޤައުމުތަކުގައި ކޮވިޑް-19 ފެތުރޭ މިންވަރު ބެލުމަށް ފަހުގައި ކަމަށް އެޤައުމުން ބުނެއެވެ. އަދި ކުރިޔަށް އޮތްތަނުގައި، ދުނިޔޭގެ އެކި ޤައުމުތަކުގައި ކޮވިޑް-19 ފެތުރޭ މިންވަރަށް ބަލައި ސައުދީއަށް އެތެރެވުމުގެ ހުއްދަ އެހެން ޤައުމުތަކަށް ވެސް ދޭނެ ކަމަށް ސަޢުދީއިން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!