ދަގަނޑޭ ކޮވިޑް-19އަށް ފައްސިވެއްޖެ، ވޯލްޑްކަޕް ކޮލިފައިން މެޗްތަކުގައި ނުކުޅެވޭ!

ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ކޮވިޑަށް ފައްސިވެފައިވުމާ އެކު، މިފަހަރުގެ ވޯލްޑްކަޕް އަދި އޭޝިއަން ކޮލިފަޔާސް މެޗްތަކުގައި އޭނާއަށް ވާދަ ނުކުރެވޭ ކަމުގެ ހިތާމަވެރި ޚަބަރު ވެސް ދަގަނޑޭ ވަނީ ދީފައެވެ.
ދަގަނޑޭ މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އޭނާ ކޮވިޑް-19އަށް ފައްސި ވެފައިވާކަން އިއްޔެ ދުބާއީ ގައި ހެދި ޕީސީއާރް އަދި ލޭގެ ޓެސްޓުތަކުގެ ނަތީޖާއިން ދައްކައިފައިވާ ކަމަށެވެ.
ކޮވިޑަށް ފައްސި ނަމަވެސް ދަގަނޑޭގެ ހާލު ރަނގަޅު ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ފައްސިވުމާ ގުޅިގެން، މިފަހަރުގެ ވޯލްޑްކަޕް އަދި އޭޝިއަން ކޮލިފަޔާސް މެޗްތަކުގައި ޤައުމީ ޓީމާއެކު ބައިވެރި ނުވެވޭނެ ކަމަށާއި ޓީމަށް ކާމިޔާބީއަށް އެދޭކަމަށް ވެސް ދަގަނޑޭ ބުނެފައިވެއެވެ.
ވޯލްޑްކަޕް އަދި އޭޝިއަން ކޮލިފަޔާސް މެޗްތަކަށް ރަސްމީކޮށް ދުބާއީގައި ޓްރޭނިންގ ފަށަައިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.