ލައިފްސްޓައިލް

އަލީ ބަނާތުގެ ވާހަކަ: ކެންސަރަކީ މާތް ﷲ ދެއްވި ނިއުމަތެއް ކަމަށް ދެކި، ހުރިހާ މުދަލެއް ޞަދަޤާތްކުރި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަލީ ބަނާތުއަކީ އޮސްޓްރޭލިއާގެ ސިޑްނީއަށް އުފަން މުސްލިމެކެވެ. ކާމިޔާބު ދިރިއުޅުމެއްގައި ދުވަސްތައް ހޭދަ ކުރަނިކޮށް އަލީގެ ޙަޔާތް އެއްކޮށް ބަދަލުވީ، އޭނާގެ ދިރިއުޅުމުގައި ކުރިމަތިވި ބޮޑު ހާދިސާއަކަށް ފަހުއެވެ.

Ads by STELCO

ކެންސަރުގެ ބަލީގައި 2018 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު އޭނާ ނިޔާވި ކަމުގައިވިޔަސް، އަލީ ބަނާތުއަކީ އެހެން މީހުންނަށް ހުރި ލާމަސީލު ނަމޫނާއެއް ކަމަށްވާތީ އޭނާގެ ވާހަކަ އަނެއްކާ ވެސް ހަނދުމަކޮށްލަމާތޯއެވެ؟

ނޫސްވެރިއަކު އެއްފަހަރު އަލީ ބަނާތުއާ ސުވާލު ކުރީ، އޭނާއަށް ވީ ކީއްތޯއާއި ޖެހިފައި ވަނީ ކޮން ބައްޔެއްތޯއެވެ. ޖަވާބުގައި އަލީ ބުނީ، ނިޢުމަތެއްގެ ގޮތުގައި މާތް ﷲ އޭނާއަށް ކެންސަރު ބަލި ދެއްވީ ކަމަށެވެ.

ކެންސަރު ފަދަ ނުރައްކާތެރި ބައްޔެއް ޖެހުމުން، އެއީ އެކަލާނގެ ދެއްވެވި ނިޢުމަތެކޭ އަލީ ބުނަނީ ކީއްވެތޯ ސުވާލު ކުރުމުން ޖަވާބުދިންއިރު ލޮލުން ކަރުނަ ފޭދިގެން ދިޔައެވެ.

"އަހަރެންގެ އުޅުން އިސްލާޙުކޮށް، ފުރިހަމަ ރަނގަޅު މުސްލިމަކަށް ވެވުނީ ކެންސަރުގެ ސަބަބުންނެވެ. އަހަންނަށް އެއީ ނިޢުމަތަކަށް ވަނީ، ކެންސަރު ޖެހުމަކީ ރަނގަޅު މުސްލިމަކަށްވުމަށް އަހަންނަށް މާތް ﷲ ދެއްވި ފުރުސަތަކަށް ވުމުންނެވެ."

އޭނާގެ ވާހަކަ އިތުރަށް ކިޔައިދިނެވެ.

"އަހަންނަށް ކެންސަރު ޖެހިފައި ހުރިކަން އެނގުނު އިރު ވެސް، އަހަރެން ހުރީ އެ ބަލީގެ ސްޓޭޖް 4 ގައެވެ. އަހަރެން ދިރިހުންނާނެ މުއްދަތަކަށް ޑޮކްޓަރުން ބުނެފައި ވަނީ އެންމެ ހަތް މަސް ދުވަހެވެ.

ކެންސަރުގެ ޚަބަރު ލިބުމާ އެކު އަހަރެން ކުރަމުން އައި ކާމިޔާބު ވިޔަފާރި ވެސް އެހެން މީހަކަށް ވިއްކާލީމެވެ. އަދި އަހަރެން އުޅެމުން އައި ޝާހީ ދިރިއުޅުން ވެސް ބަދަލު ކޮށްލީމެވެ.

އަހަންނަކީ ކުރިން ވަރަށް ޝާހީ އަދި ފެންވަރު މަތީ ދިރިއުޅުމެއްގައި އުޅުނު މީހަކީމެވެ. ބައިވަރު ކާރާއި އަތުކުރި ގަޑިއާއި، އަވި އައިނާއި، އަންނައުނުގެ އިތުރުން ގެތައް ވެސް ހުއްޓެވެ. ތަނަވަސްކަން އިންތިހާއަށް ލިބިފައި ހުރިކަމުގައި ވިޔަސް އޭގެން އެއްވެސް އެއްޗެއް އެއްވެސް މީހަކަށް ކުރިއަކުން އަހަރެން ނުދެމެވެ.

ނަމަވެސް އަހަރެންގެ ބަލި ހާލަތު އެނގުމާ އެކު އަހަރެން އެންމެ ފުރަތަމަ ވެސް ބޭނުންވީ، އެ ހުރިހާ މުދަލެއް އެކިއެކި މީސްމީހުންނަށް ދީ ހުސްކޮށްލާށެވެ. މި ދުނިޔެމަތިން އެއްވެސް އެއްޗެއް އަހަރެން ބޭނުމެއް ނުވިއެވެ.

ފަހުން އަހަރެން އަގުބޮޑު ބޫޓާއި ކާރާއި އޭގެން އެއްވެސް އެއްޗެއް ބޭނުމެއް ނުވިއެވެ. މި ދުނިޔޭގައި ހުންނަން ދެން އޮތީ މަދު ދުވަސްކޮޅެކޭ މީހަކު ތިމާ ގާތު ބުނުމުން، ދުނިޔެވީ މުދަލުގެ ފަހަތުން ދުވާނީ މޮޔައެކެވެ.

މިފަދަ ބައްޔެއް ޖެހުމުން އަހަންނަށް އެނގުނު އެންމެ ބޮޑު އެއްޗަކީ، މުދަލާއި ތަނަވަސްކަމަކީ ހަގީގަތުގައި ދިރިއުޅުމަށް އެހާ ބޭނުން އެއްޗެއް ނޫން ކަމެވެ. މި މުދާތައް ހިފައިގެން ދުނިޔެއިން ނިމި ދިޔުމަށް ވުރެ، ނިކަމެއްޗަކަށް އެހީތެރިވެދީގެން އެމީހެއްގެ ހިނިތުންވުމާ އެކު ނިމިގެން ދިޔުން އަހަރެން މާއެދެމެވެ.

ކުރިން އަހަންނަކީ ދީނީ އަޅުކަމަށް ވެސް ފަރުވާތެރިވި މީހެއް ނޫނެވެ. ކެންސަރު ބަލި ޖެހުމުން، އެންމެ ފުރަތަމަ ނަމާދު ކުރަން ފެށުނީ ގަތް ބިރެއްގެ ސަބަބުންނެވެ. ނަމަވެސް ފަހަކަށް އައިސް، ނަމާދު ކުރުމާއި ދީނީ ކަންކަމަށް ބޯލަނބާ އަޅުކަން ކުރުން އަހަރެންގެ އާދައަކަށް ވިއެވެ. އަދި ހިތުގައި އެއިރު އުފެދުނު ބިރު ވެސް ފަހަނަ އަޅައި ގޮސްފިއެވެ."

ދުނިޔޭގައި ހުރި ދުވަސްކޮޅު އަލީ ބަނަތު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުންނަށް ބޮޑެތި އެހީތެރިކަމެއް ވެދީފައެވެ.ބޯހިޔާވަހިކަމާއި ތައުލީމު ދިނުމުގެ އެތައް މަސައްކަތެއް ކޮށްފައެވެ. މި މަސައްކަތްތައް އޭނާގެ ކެމްޕެއިންގެ ފޭސްބުކް ޕޭޖް "އެމްއޭޓީޑަބްލިއު ޕްރޮޖެކްޓް" (މުސްލިމްސް އަރައުންޑް ދަ ވޯލްޑް ޕްރޮޖެކްޓް)އިން ފެންނާނެއެވެ.

  1. މާތް ﷲ އަލީ ބަނާތުއަށް ރަހުމަތް ލައްވާށި!
    އާމީން